ދުނިޔެ

އާ އަހަރާއެކު އުތުރު ކޮރެއާގެ އިންޒާރެއް އެމެރިކާއަށް

Jan 1, 2019

ޕިޔޮންގްޔޭންގް (ޖެނުއަރީ 1) - އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށާއި، ނަމަވެސް، އެ ގައުމާއި ދެކޮޅަށް އެމެރިކާ އިސްވެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާނެ، އެ މަސައްކަތުގެ މިސްރާބު ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން ދެއްވައިފި އެވެ.

ކޮންމެ އާ އަހަރެއް ފެށޭ ދުވަހު، ގައުމާއި މުހާތަބު ކުރައްވައި ރައްޔިތުންނަށް ދެއްވާ މެސެޖުގައި، މިދިޔަ އަހަރު ކިމް ވަނީ ވާދަވެރި ދެކުނު ކޮރެއާގެ އިތުރުން އެމެރިކާ އާއެކު ގުޅުން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

އެ ވައުދާއެކު، ކިމް ވަނީ މިދިޔަ ޖޫން މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސިންގަޕޫރުގައި ބައްދަލުކުރައްވައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރުނެތް ސަރަހައްދަކަށް ހެދުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އެ ތާރީހީ ބައްދަލުވުމަށްފަހު، އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއްނުވެ އެވެ.

އާ އަހަރުގެ މެސެޖަކީ އެގައުމުގެ ރައްޔިތުންނަށް އަމާޒުކުރައްވައި ވާހަކަފުޅެއް ނަމަވެސް، އުތުރު ކޮރެއާގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަން ކިމްގެ ވިސްނުންފުޅު ހުރި ގޮތެއް ހޯދަން، ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަންވެސް ކިމްގެ ވާހަކަފުޅަށް ލިބެ އެވެ.

"މުޅި ދުނިޔޭގެ ކުރިމަތީގައި އެމެރިކާއިންވި ވައުދާއި ހިލާފަށް، މިގައުމާއި ދެކޮޅަށް ފިޔަވަޅުތައް އަޅައި ޕްރެޝަރު ކުރަމުންދާނަމަ، މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރަން އިތުރު މިސްރާބަކަށް ދާން މަޖުބޫރުވާނެ،" ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި މެސެޖުގައި ކިމް އިންޒާރު ދެއްވި އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.