(30 ޑިސެމްބަރ 2018 އާ ގުޅޭ)
"އެއީ ލުގަލް... އީޝަލް ހިތްހަމައެއްނުޖެހޭނެ ތިހެން ބުނީމަ، ކޮންމެ އެއްޗަކަށް ވެސް ނަމެއްވޭ، ލުގަލްގެ ނަމުން ދެން ކިޔާނީ، އަންނާނަން އީޝަލް ފެނޭތޯ ބަލާލާފައި، ލުގަލް ވެސް އުޅޭ ގަޑިއަކާ މިދިމާވީ" އީޝަލްއާ ބައްދަލުކުރަން ބޭނުންވެފައި ހުރި ދާއިރުސް ބުނެލިއެވެ.
މަޢްރިބު ނަމާދު ވަގުތަށްވާތީ ގޭތެރޭގައާއި ރަށުތެރޭގައި އަޑުގަދަކޮށް ނުހެދުމަށް ޒިޔަޒެލް ނަސޭޙަތްތެރިވިއެވެ. އިޝާ ނަމާދުން އަވަދިވެގެން ނޫނީ ޒިޔަޒެލް ގެއަށް ނާންނާނޭކަން އީޝަލްއަށް އެނގެއެވެ. ހަމައެއާއެކު އެ ވަގުތަކީ ލުގަލްބަންދާ ގޭގައި އޮތް ވަގުތަކަށްވާތީ ގޭތެރެއާއި އީޝަލް ރައްކާތެރިކުރުމުގެ ޒިންމާ ޒިޔަޒެލް ދިޔައީ ލުގަލްބަންދާއާ ހަވާލުކޮށްފައެވެ. އާރަމްގެ ދަށުން ތަރުބިއްޔަތުވެފައިވާ ލުގަލްބަންދާއަށް ޒިޔަޒެލްމެންގެ އާދަކާދަ ހުރީ ދަސްވެފައެވެ. ރިވެތި އަޙުލާޤުގައި ހިފެހެއްޓުމަށް ޓަކައި އަދަބުތައް އޭނާއަށް އާރަމްވަނީ ދަސްކޮށްދީފައެވެ. އެހެން ޖިންނީންނަން ވަކިކުރަންނޭނގޭ ވަސްވަސް ދުވުމުގެ ޚިއްޞު އާއި ބިމުގައި ހަލުވިކަމާއެކު ބާރަށް ދުވުމުގެ ހުނަރު ލުގަލްބަންދާ އުފަންވީއިރު ވެސް ލިބިފައިވެއެވެ. އަތްފައި ވަރުގަދައީ އެހެންވެއެވެ. ދެފައި މައްޗަށްވުރެ ހަތަރެސްފައިގެ މަތީ ދަތުރުކުރެވޭލެއް ހަލުވިވެފައި އަވަހެވެ.
ކޮޓަރިން އީޝަލް ނުކުތްއިރު ލުގަލްބަންދާ ފެންނާކަށް ނެތެވެ. ނަމަވެސް އޭނާ ބަދިގެއާ ހަމައަށް އާދެވުނުއިރު ލުގަލްބަންދާ އިނީ ބަދިގޭ އޮޅި ކައިރީގައެވެ. އޭތި އީޝަލްއަށް ބަލާލި ގޮތުން އެ އިނީ ހިނިތުންވެލައިގެންކަން އީޝަލް ދެނެގަތެވެ.
"އައްދޭ... ހާދަ ހަމަޖެހިފައި" އީޝަލް ބުންޏެވެ. އެއާއެކު ލުގަލްބަންދާ އެ ސޮރުގެ އަރުތެރެއިން ރުހުމުގެ އަޑެއް ލައްވާލިއެވެ.
ބަދިގެއަށް ވަދެ ރޭގަނޑުގެ ކެއުމަށް ތަފާތު ބާވަތްތައް ތައްޔާރުކުރަން އީޝަލް ފެށިއެވެ. އެގޮތުން އާވިން ކައްކަން ތައްޔާރުކޮށްފައި ހުރި ކަމީރު އެޅި ތަށިތައް ފެން އެތީގެ ތެރޭ ބެހެއްޓިއެވެ. ދެން އަވަސްވެލީ ހޫނުވެފައި ހުރި ތެޔޮތާހަށް ކުކުޅުތައް އެޅުމަށެވެ. ކެއްކުމަކީ އީޝަލްގެ މާމަގެ ފަރާތުން ދަސްވި ހުނަރެވެ. އެކަމަކު އޭގެ ފެށުން އައީ ޒިޔަޒެލްގެ ގާތުންނެވެ. މިޒަރެން ގޮވައިގެން އެކަނި އުޅޭ ޒިޔަޒެލްއަށް ކުރަން ނޭނގޭ ކަމެއް ނޯވެއެވެ. އަވަށްޓެރިން ހަދިޔާބަދިޔާ ގެނެސްދީފިނަމަ އެވެސް ނިކަން އަވަހަށް ޒިޔަޒެލް ޤަބޫލުކުރާނެއެވެ. ގޭގެ ބޮޑު ފެންޑާގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ ކިލާސް ޖިންނީންގެ ތެރޭގައި ތިބި ތުއްތު ކުދީންނަށް އޭނާ ނަގައިދެއެވެ. އެކުދީންގެ ހިތް އަތުލުމަށް ގޭގައި ފޮނިކާއެއްޗެއް ހާދަފައި ނުހުންނަ އިރެއް ނުދާނެއެވެ. މަސައްކަތުގައި އަވަދިނެތި އުޅުނު އީޝަލްގެ ސަމާލުކަން އަތުލީ މީހަކު ކަރުކެހެލި އަޑު އިވިގެންނެވެ. އެ އަޑަކީ ލުގަލްބަންދާގެ އަޑެއްނޫންކަން ބަދިގޭ ދޮރަށް ފުރަގަސްދީގެން ހުރި އީޝަލްއަށް ޔަގީންވެއެވެ.
"ދާރިއުސް" ދޮރުމަތީ ހުރި ދާރިއުސް ފެނުމުން އީޝަލް ހިނިތުންވެލިއެވެ.
"އެންމެން އަތުވެއްޖެ... މިއޮތީ އަހަރެމެންގެ ފަރާތުން ގެނައި ހަދިޔާއެއް" ކެޔޮފަތުގެ ތެރޭގައި ފިހެފައި އޮތް ބޮޑު މަހެއް ދައްކާލަމުން ދާރިއުސް ބުންޏެވެ.
"ޒިޔަޒެލްއަށް ފެނުނުތަ؟ އޭނާއަށް ވަރަށް ކަމުދާނެ، އެވެސް މީހަކު ގެނެސްދީފިނަމަ... އަމިއްލަ މަހެއް ހިފާކަށް ދާން ބޭނުމެއްނުވާނެ" ހެވިފައި ހުރެ އީޝަލް އައިސް ދާރިއުސްގެ އަތުން މަސް ނެގިއެވެ. އެ ހިފައިގެން އީޝަލް އައިސް ދިގު މޭޒާ ކައިރިވެލައި ނިވާކޮށްފައި އޮތް ބޮޑު ދޮލަނގުގެ މަތީ އޮތް ފޮތިކޮޅު ނަގައި އެއްފަރާތުގައި ބޭއްވިއެވެ. އެއަށްފަގު ކެޔޮފަތާއެކު ދޮލަނގުގެ އެއްފަރާތުގައި މަސް ބޭއްވިއެވެ. އޭރު އެ ދޮލަނގުގައި ކައްޓަލައާއި އަލައިގެ އިތުރުން ފިޔައާއި ލޮނުމެދު ހުއްޓެވެ. ކާއްޓާއި ރިހާކުރު ބޮނޑިހުރީ ކުދި ބޯތަށީގައެވެ.
"އަހަރެންގެ އެހީތެރިކަމެއް ބޭނުންތަ؟" ދާރިއުސް އަހާލިއެވެ.
"ތީ ޒިޔަޒެލްގެ މެހެމާނުން" ދޮލަނގުގައި ފޮތިގަނޑު އަޅައި ނިވާ ކޮށްލުމަށްފަހު އީޝަލް އެނބުރިލިއެވެ.
"އެވަރުކަމެއް ކަމެއްނޫނެއްނު އެއީ... އަހަރެމެން އައުމުން އީޝަލްއަށް ތަކުލީފެއް ދޯ މިޖެހުނީ، މިގޭގައި އީޝަލްއަށް އެހީތެރިވާނޭ މީހަކު ވެސް ނޫޅޭ" ދާރިއުސް ބުންޏެވެ.
"ނޫނޭ، ގެއަށް އަންނަ މެހެމާނުންނަށް ޓަކައި ހުރިހާ ކަމެއް ވެސް ކުރަނީ އުފަލުން، ކާއެއްޗެހި ތައްޔާރުކުރުމަކީ އުނދަގޫކަމެއްނޫން، ދާރިއުސް މިތާ ހުރީމަ ރައުލް ނުހޯދާނެތަ؟" އީޝަލް ކުރަން ހުރި މަސައްކަތްތައް ކުރަމުން ދާރިއުސްއާ ވާހަކަދެއްކިއެވެ.
"ރައުލް ދޯ... އޭނާއަށް ވެގެން އުޅޭގޮތެއްނޭނގެ، އަހަރެމެން ރަށުތެރޭގެ އެއްވެސް ކަމަކާ ނުބެހުމަށް ނިންމީ ވެސް ރައުލް، އެކަމަކު ކުއްލިއަކަށް ޒިޔަޒެލްއާ ބައްދަލުކުރަން އޭނާ ބޭނުންވެއްޖެ، މިތާ އުޅޭ ޖިންނީންގެ ވެރިއަކީ އޭނާއަށްވާތީއޭ ބުނީ، މިގެއަށް އައިފަހުން އެނގުނީ އީޝަލް ވެސް އުޅެނީ މިގޭގައިކަން، ރައުލްއަށް އެކަން އެނގޭހޭ އެހުމުން އޭނާ ޖަވާބެއްނުދިން، އީޝަލް... ރައުލް އެއްވެސް ވާހަކައެއް ދެއްކިތަ؟" ދާރިއުސް އަހާލިއެވެ.
"އަނެއްހެން ނުދައްކާ" ރައުލްއާއި ދެމެދު ހިނގައިދިޔަ ކަންތައްތައް ސިއްރުކުރީ ކީއްވެކަމެއް އީޝަލްއަށް އަކަށް ވެސް ނުވިސްނުނެވެ. އެ ވާހަކަތައް އިތުރު މީހަކާ ޚިއްޞާކުރުމުގެ ޝައުގެއް އީޝަލްގެ ނެތީއެވެ.
"ކީއްވެ ކުރިން ރޭ ނައީ؟" އިރުކޮޅަކު ހުރެފައި ދާރިއުސް އަހާލިއެވެ.
"އެރޭ... ނުދެވުނީ... ޒިޔަޒެލް ގާތު ނުބުނައްޗޭ، ރޭގަނޑު ބޭރަށް ނުކުތުން އަހަންނަށް މަނާވާނެ، އެރޭ ނުކުތީ އެކަކަށް ވެސް ނޭނގި" ދާރިއުސްއަށް ބަލާލަމުން ސިއްރުން އީޝަލް ބުނެލިއެވެ. އެއާއެކު ދާރިއުސް ޖަހާލީ ހިނިގަނޑެކެވެ.
"ތީ ޒިޔަޒެލްގެ ދަރިއެއްތަ؟ އެކަމަކު އޭނާ ހިޔެއްނުވޭ އެހާ ހަރުކަށި ބައްޕައެއް ހެން" ހިނިތުންވެލައިގެން ހުރެ ދާރިއުސް ބުންޏެވެ.
"އަހަންނާ ޒިޔަޒެލް އެހާ ވެސް ވައްތަރުތަ؟" އީޝަލް ވެސް މިފަހަރު ހިނިތުންވެލިއެވެ.
"ކުޑަކޮށް ވައްތަރުގޮތެއް ހުރޭ" ޔަގީންނުވާކަން ދާރިއުސްގެ އަޑުން ދޭހަވެއެވެ. އީޝަލް ކުޑަކޮށް ހީނލީއެވެ.
"އެއީ އަހަރެންގެ ބޮޑުބޭބެ، ބައްޕަ ހުރިއްޔާ ދާރިއުސްއަށް މި ހިސާބަށް ވެސް ނާދެވުނީސް، ޤަބޫލުކުރޭ... މިވަގުތު ގޭގައި ބައްޕަ ނެތްކަން އެއީ ނަސީބެއް" ސަމާސާ ރާގެއްގައި އީޝަލް ބުނެލިއެވެ.
"އަހަރެންގެ ނަސީބު ގަދައީ ދޯ" ދާރިއުސް މިހެންބުނެލުމާއެކު އީޝަލް އަޑުވީއްލާ ހީނގަތެވެ. އެ ހުނުމުގައި ދާރިއުސް ވެސް ބައިވެރިވިއެވެ. އެވަގުތު އޮޅިކައިރީ އިން ލުގަލްބަންދާ ލައްވާލި އަޑުން އޭނާ ވެސް ހެނީހެން ހީވިއެވެ.
"ލުގަލް، ކަލޭ އީޝަލް ރައްކާތެރިކުރައްޗޭ، މީ ވަރަށް ޚާއްޞަ އަންހެންކުއްޖެއް އިނގޭ" ލުގަލްބަންދާގެ ދަޅުގައި ދާރިއުސް ޖެހިލަމުން ބުންޏެވެ.
"ދާރިއުސްގެ ނަސީބު ހަމަ ރަނގަޅީ، ކޮންމެކޮންމެ މީހަކު އަހަންނާ ވާހަކަދައްކަންދެން ލުގަލް ބަލާކަށް ނީންނާނެ" އީޝަލްއަށް ކުރެވުނު ތަޖުރިބާގައި ބުނެލިއެވެ.
ކޭމަށް ތައްޔާރުކުރާ ހުރިހާ ބާވަތެއް އީޝަލް ތައްޔާރުކޮށް ނިމެންދެން ވެސް ބަދިގޭ ދޮރުމަތީ ދާއިރުސް ވާހަކައިގައި ހުއްޓެވެ. އެކަމުގެ ސަބަބުން އީޝަލް ފޫހިފިލާ ގޮތްވިއެވެ. އެ ގޭތެރޭގައި ގިނަ މީހުންތަކެއް އުޅޭނެނަމައޭ އީޝަލް އަބަދުވެސް ހިތަށް އަރައެވެ.
ދޮލަނގުތައް ހިފައިގެން އީޝަލް ބަދިގެއިން ނުކުތީ ޒިޔަޒެލްގެ އިޝާރާތެއް ވުމުންނެވެ. އޭނާއާއަށް އެހީވުމުގައި ދާރިއުސް ވެސް ހުއްޓެވެ. ބޮޑުއަށިމަތީ ހުރިހާ އެއްޗެއް އަތުރަމުންދިޔައިރު އެ މީހުން ފެންނަ ހިސާބުގައި ޒިޔަޒެލް ހުއްޓެވެ. ދާއިރުސް އެހީވާން އުޅޭތީ އެކަމާ ޒިޔަޒެލް އެއްޗެއް ބުނެލުމުން އީޝަލްއަށްވުރެ ކުރީން ދާރިއުސް ޖަވާބުދީފިއެވެ. ދާރިއުސްގެ ވާހަކަދެއްކުން ހުންނަ ގޮތް ޒިޔަޒެލްއަށް ވެސް ކަމުދިޔައެވެ. އޭނާ ވެސް ހުރީ ހިނިއައިސްފައެވެ.
"އީޝަލް ބައިވެރިނުވަންތަ؟" ކެއުމަށް ޓަކައި ބޮޑުއަށި މައްޗަށް އެންމެން އަރައި ހަމަޖެހިލުމާއެކު އީޝަލް ދުރުގައި ހުރިތަން ރައުލްއަށް ފެނި އަހާލެވުނެވެ.
"ލުގަލްއާ ދެ މީހުން ކާނީ އެކުގައި" އީޝަލްގެ ބުނެލިއެވެ.
އެންމެން އެކުގައި ކާންވީނު، ލުގަލް... އާދޭ އަހަރެމެންނާއެކު ބައިވެރިވާން، އޭރުން އީޝަލް ވެސް ބައިވެރިވާނީ" ދާރިއުސް ބުނެލިއެވެ.
"ޒިޔަޒެލް، ކަލޭގެ ދަރިފުޅު މި ސުފުރާގައި ބައިވެރިވުމަކުން އަހަރެމެންނަށް ހުރި އެއްޗެއް މަދެއްނުވާނެ" ޒިޔަޒެލްއަށް ބަލާލަމުން ރާވިން ބުންޏެވެ. ޒިޔަޒެލް ދެކޮޅެއް ނުހެދިއެވެ. އީޝަލްއާއި ލުގަލްއަށް އަތުން އިޝާރާތްކުރީ އައުމަށެވެ. ބޮޑުއަށިމައްޗަށް ދެ ތަށި އިތުރުކުރެވުނެވެ. ކުކުޅުގެ ބައެއް ތަށްޓަކަށް ލާފައި ބޮޑުއަށިން ތިރީގައީ ބަހައްޓަން ރާވިން އުޅުނެވެ.
"ނޫން... އެންމެން އެކުގައި ކާނަމަ، މި ސުފުރާމަތީ އެންމެން ހަމަހަމަވާނެ، ލުގަލްއަކީ މި ޢާއިލާގެ މެންބަރެއް، އަހަރެމެން ކައިއުޅެނީ އެއްސުފުރާމަތީ ތަފާތުކުރުމެއްނެތި" ރާވިންގެ ޢަމަލުތައް ހުއްޓުވައި އީޝަލް ބުންޏެވެ. އަދި ރާވިން ތިރީގައި ބަހައްޓަން އުޅުނު ތަށި ނަގައި އީޝަލްގެ ކުރިމަތީ ބެހެއްޓިފައެވެ. އަދި އީޝަލް ކާން ހުރި ތަށްޓަށް ކާއެއްޗެހި އަޅައި އޭނާގެ ވައަތްފަރާތުގައި އިން ލުގަލްބަންދާގެ ކުރިމަތީ ބެހެއްޓިއެވެ.
"އީޝަލް..." ލުގަލްބަންދާއަށް ބޭއިޚްތިޔާރުގައި ގޮވާލެވުނެވެ. އެ އަޑު އީޝަލްއަށް އިވިއްޖެކަން އެނގުނީ އޭނާ ލުގަލްބަންދާގެ ގައިގާ ފިރުމާލުމުންނެވެ.
"ބިސްމިންކިޔާ އަވަހަށް ކާންފަށާ" ލުގަލްބަންދާ ބަލާލިއިރު އީޝަލް އިނީ ހިނިތުންވެލައިގެންނެވެ. އެ އަންހެންކުއްޖާގެ އޯގާތެރިކަން ލުގަލްބަންދާގެ ހިތަށް ތަފާތު އިޙްސާސެއް ވެރިކުރަވައެވެ. އެކަމަކު އެއީ އެކަންވާންވީ ގޮތެއްނޫންކަން ލުގަލްބަންދާގެ ޟަމީރު ވިސްނައި ވެސް ދެއެވެ.
"ޒިޔަޒެލް... އަހަރެމެންނާއެކު އީޝަލް އައުމުގެ ހުއްދަދެވިދާނެތަ؟ އޭނާ ރަނގަޅަށް ބަލަހައްޓާނަން، ޔަގީންނުވާނަމަ އޭނާގެ ހަށިފާރަވެރިޔާކަމުގައި ލުގަލް ފޮނުވިޔަސް އެންމެ ރަނގަޅު، އަހަރެމެން މިދިމާ ބޮޑު ތުނޑީގައި ތިބޭނަން، މާބޮޑަށް ދަން ނުވަނީސް ޒިޔަޒެލްގެ އަމާނާތް ރައްކާތެރިކަމާއެކު ރައްދުކޮށްދޭނަން" ދާރިއުސް ޝުކުރު އަދާކޮށްފައި އެދުނެވެ.
ކެއުމުގެ ކަންކަން ނިމި ހާމައަށް އޮތް އުޑު، އޮފިތަކުގެ ދޭތެރެއިން ފެންނަ ގޮތަށް އޮތް ހުސްތަނުގައި އެންމެން ތިއްބެވެ. އެ ތަނުގައި މަދީ އީޝަލް އެކަންޏެވެ. ލުގަލްބަންދާ ވެސް އިނީ ޒިޔަޒެލްގެ ގާތުގައެވެ. ރައުލް ދައްކާފައި އޮތް ވާހަކަ ހަނދާންވެފައި ދާރިއުސް ވާހަކަދެއްކުމުގެ އިޒުނައަށް އެދި ވާހަކަދެއްކީއެވެ. ދާރިއުސް އެދުނު އެދުމަށް އެއްބަސްވާން ޒިޔަޒެލްއަށް އުނދަގޫވިއެވެ.
"ކަންބޮޑުނުވޭ، އޭނާއަށް ކަމެއް ދިމާވެއްޖެނަމަ އަހަރެންގެ ފުރާނަ ކަލެއާ ހަވާލުކުރަން އަންނާނަން" ރައުލް ބުނެލިއެވެ. ޒިޔަޒެލްއަށް ލިބުނީ އަޖައިބުވާފަދަ ހައިރާންކަމެކެވެ. އެއްވެސް ޖެހިލުމެއްނެތި ރައުލްގެ ފުރާނަ ޒިޔަޒެލްއާ ހަވާލު އެ ކުރަނީ ފުރަނައިގެ އަގު ނޭނގޭތީބާއޭ ވެސް ޒިޔަޒެލްގެ ހިތަށް އެރިއެވެ. ހަމައެއާއެކު ޒިޔަޒެލްގެ ވިސްނުން ފުޅާވިއެވެ. ދާރިއުސްގެ ބަހަށް ރައުލް އެ ދެނީ ކިހާ ވަރެއްގެ ޔަގީންކަމެއްކަން ޒިޔެޒަލް ޤަބޫލުކުރިއެވެ.
"ކީއްކުރަން އޭނާ ގެންދަނީ؟" ޒިޔަޒެލް ސުވާލުކުރިއެވެ.
"އީޝަލް މޫދުކައިރިއަށް ދާހިތްވާ ވާހަކަ ބުނީމަ، އޭނާއަށް ބޮލި ވަރަށް ކަމުދޭ" ހިނިއައިސްފައި އިނދެ ދާރިއުސް ބުނެލިއެވެ.
"އީޝަލް މޫދަށް އެރޭކަށް ހުއްދައެއްނުދެވޭނެ" ޒިޔަޒެލް ވަގުތުން ބުންޏެވެ.
"މޫދަށް ގެންދާކަށް ނޫޅެން، ޒިޔަޒެލްގެ ހެޔޮކަން އަހަރެމެން ހަނދާންނައްތައެއްނުލާނަން، މިގެއިން ލިބުނު މެހެމާންދާރީ އަބަދަށް ހަނދާންކުރާނަން، އަހަރެމެން މިރަށުގައި ތިބިހާ ދުވަހަކު ކަނޑުން ނުރައްކަލެއް ދިމާވިޔަކަނުދޭނަން، މިހާރު އޮތް އަމާންކަން ގެއްލުނަކަނުދޭނަން، އޭނާ އަތިރިމައްޗަށް ބޮލި ހޯދަން ދާން ބޭނުންވާކަމުގެ ޝައުގު ދާރިއުސް ގާތުގައި ފާޅުކުރުމުން އަހަރެމެންނަށް ދާދި ފަސޭހައިން ކޮށްދެވޭނޭކަމެއްވީމައާއެކު އެކަމަށް އެދުނީ" ރައުލް ބުންޏެވެ. އެކަމާ ޒިޔަޒެލްގެ ގާތުގައި އިން ލުގަލްބަންދާ ހިތްހަމަނުޖެހި އަޑެއް ލައްވާލިއެވެ. އޭނާއަށް ޒިޔަޒެލް ބަލާލުމުން ލުގަލްބަންދާ ދެފަރާތަށް ބޯހޫރުވާލިއެވެ. އެކަމުގެ ސަބަބުން އިތުރަށް ޒިޔަޒެލް ވިސްނަން މަޖުބޫރުވިއެވެ.
"އީޝަލް ދާ ކޮންމެ ތަނަކަށް ލުގަލް ދާނެ، ލުގަލްއާ ދުރަށް އީޝަލް ގެންދާނަމަ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލުގަލް ގެއްލުން ދޭނޭކަން ހަނދާންކުރާތި، އޭނާގެ ފުށުން ލިބޭ ގެއްލުމަކަށް އަހަންނަށް ޒިންމާއެއް ނުވެވޭނެ، އަދި އެހިސާބުން ކަލޭމެން މިރަށް ދޫކޮށް ދާން ވެސް ޖެހޭނެ، އީޝަލްއަކީ އަހަރެންގެ ފުރާނަ، އެހެންވީމަ އޭނާގެ މައްޗަށް ކަލޭމެންގެ ތެރެއިން އެކަކު ވެސް ނުފޫޒު ފޯރުވައިފިނަމަ އަހަރެންގެ ފަރާތުން ރުހުމުގެ އެއްވެސް ސިފައެއް ނުފެންނާނެ" ޒިޔަޒެލްގެ މޫނުގައިވި ސީރިއަސްކަން ދާރިއުސްގެ ހިނިތުންވުން ފިލުވާލައިފިއެވެ. ހަމައެއާއެކު ދެންތިބި މީހުން ވެސް ފެންނަނީ ހިމޭންވެފައި ތިބިތަނެވެ.
"އީޝަލްއަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެކަމާ އަހަރެން ކުރިމަތިލާނަން" ރައުލް ބުންޏެވެ. އެހިނދު ޒިޔަޒެލް މަޑުމަޑުން ބޯޖަހާލިއެވެ.
"އަހަރެމެންނާއެކު އީޝަލް ގެންދިއަސް އެންމެ ރަނގަޅުތަ؟" ދާރިއުސް އަހާލިއެވެ.
"އެންމެ ރަނގަޅު" ޒިޔަޒެލް ބުންޏެވެ. ކުރިން ގެއްލުނު ހިނިތުންވުން ދާރިއުސްގެ ތުންފަތަށް އަލުން ވެރިވެއްޖެއެވެ.
ބަދިގެ ލައްޕާފައި އީޝަލް ނުކުމެގެން އައިއިރު އިރުމަތީ ފެންޑާއިން މީހަކު ގޮވާލިހެން ހީވިއެވެ. އެހެންވެ ފިޔަވަޅު މަޑުޖައްސާލައި އެ ދިމާއަށް އެނބުރިލިއެވެ. މަޑުހިނގުގައި އައިސް އިރުމަތީ ފެންޑާއަށް ނުކުތްއިރު ނިކަން ބޮޑަށް ހެވިފައި ދާރިއުސް ހުއްޓެވެ.
"އުފާވެރި ޚަބަރެއް ދޭންވެގެން މިތާ ހުންނަތާ ކިހާ އިރެއް" ދާރިއުސް ބުންޏެވެ.
"ކިހިނެއްވީ؟ އަހަރެން ހީކުރީ މިހާރު އެންމެން ދިޔައީ ކަމަށް" އީޝަލް ބުންޏެވެ.
"ހިނގާދާން" ދާރިއުސް ބުންޏެވެ.
"ކޮންތާކަށް" ހައިރާންކަން ވެރިވެގެންދިޔަ އީޝަލްއަށް ބުނެލެވުނެވެ.
"އަހަރެމެންނާއެކު... އަތިރިމައްޗަށް... މޫދު ކައިރިއަށް" ދާރިއުސް ބުނެލިއެވެ.
"މޮޔަވާހަކަ ނުދައްކާ ދާރިއުސް، ޒިޔަޒެލްއަށް އެނގިއްޖެއްޔާ ހިތްހަމައެއް ނުޖެހޭނެ، ލުގަލްގެ ކަންތައް އެއަށްވުރެ ބޮޑުވާނެ" އީޝަލް ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ.
"ޒިޔަޒެލްއޭ ހުއްދަ ދިނީ... އެނގޭތަ؟... ރައުލް ބުނީ އަހަރެން އެދެފިއްޔާ އީޝަލް ޤަބޫލުވާނޭ، އަދި ޒިޔަޒެލްގެ ހުއްދަ ހޯދަން ވެސް ބުނި، އަހަރެން އެ ހުރިހާކަމެއް ކޮށްފިން، ޒިޔަޒެލް ބޭނުންވާ ފަދަ ޔަގީންކަމެއް ވެސް ރައުލް ދީފި، އަހަންނަށް ހީވަނީ އޭނާ ވެސް ބޭނުންވާހެން އަހަރެމެންނާއެކު އީޝަލް ބައިވެރިވާން، އީޝަލް ރައްކާތެރިކުރާނަން ކަމަކަށް އޭނާ ޒިޔަޒެލްގެ ގާތުގައި ވަޢުދުވެއްޖެ، ރައުލްގެ ފުރާނަ ޒިޔަޒެލްއާ އޭނާ ހަވާލުކުރީ... އެގޮތަށް އަމިއްލަ ފުރާނައާ އެއްވެސް ކަމެއް މީގެ ކުރީން ރައުލް ބަދަލުނުކުރޭ، ދެން ވެސް ތިހެން ނުހުރެ ހިނގާބަލަ... އެންމެން އެބަތިބި ތިރީގައި، އީޝަލްގެ އިންތިޒާރުގައި، އެމީހުންނާއެކު ޒިޔަޒެލް އެބަހުރި، އަހަރެން މިއައީ ބަލާ" ދާރިއުސް ބުންޏެވެ. ޤަބޫލުނުކުރެވުނަސް އީޝަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަވަސް އަވަހަށް އެބަ އަންނަންކަމުގައި ބުނެ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.
ޒިޔަޒެލްއާ ސަލާމްކުރުމަށްފަހު ދާރިއުސްމެންގެ ގުރޫޕާއެކު އީޝަލް ހިނގައިގަތީ އަތިރިމައްޗާ ދިމާއަށެވެ. ބޮޑު ތުނޑީގެ ދެފަރާތުންނާއި ކޮޅުން ރާޅު ބީއްސަމުން ދިޔައެވެ. ކުރިއަށްވުރެ ހަނދު ބޮޑުވިޔަސް މާޙާއުލަށްވެރިވެފައި އޮތީ މިލަ ހަނދުވަރެކެވެ. އެ މީހުން އެތަނަށް އައިތާ ގިނައިރެއްނުވެއެވެ. މޫދުން ނޫކުލައިގެ އަލިކޮޅުކޮޅު ފާޅުވާން ފެށިއެވެ. އިސާހިތަކު މުޅި ތުނޑީގެ ރާޅުފަށާއެކު އޮތީ ރެދަން ލާފައެވެ. އެއީ އަޖައިބުކުރުވަނިވި ބަލާލަން ހިތްގައިމު މަންޒަރެކެވެ. ވަށައިގެން އީޝަލް ބަލާލިއިރު ދުރުގައި މޫދަށް އެރި ހުރި ރައުލް އީޝަލްއަށް ފެނުނެވެ. އޭނާ ހުރި ގޮތުން އެ ބަލަނީ އީޝަލްއަށްހެން ހީވިއެވެ. ނަމަވެސް އަނދިރިކަމެއް އެޅިފައި ހުރުމުން އެ މޫނު އީޝަލްއަށް ފެންނަ ގޮތެއް ނުވިއެވެ.
ދާރިއުސްއާއެކީ މަޑު ފަސްގަނޑުގައި އީޝަލް އިށީނެވެ. ލުގަލްބަންދާ ވެސް އީޝަލްގެ ގާތުގައި ވެލިގަނޑުގައި ބަނޑުޖަހާލައިގެން އޮތެވެ. މޫދުގެ ތެރެއަށް ގޮސް ގެއްލުނު ދާރިއުސް މިނެޓެއްހާއިރު ފަހުން އެނބުރި އަރައިފިއެވެ. އަދި އޭނާގެ އަތުގައި އޮތް ސަނދަރަބޮލީގެ ޢާއިލާގައި ހިމެނޭ ބޮއްޔަކާއި ފަސްއިނގިލީގެ އިތުރުން އަދިވެސް އިތުރު ބޮލިތަކެއް އީޝަލްގެ ކުރިމައްޗަށް އަޅާލިއެވެ. ދާރިއުސްއާ ވާހަކަދައްކަން އީޝަލް އިންއިރު ވެސް އޭނާއަށް ދޭތެރެއަކުން ރައުލް ކުރާކަމެއް ބަލާލެވެއެވެ. އެ އިން ކޮންމެ ފަހަރަކު ހީވަނީ ރައުލް ވެސް ހުރީ އޭނާއަށް ބަލަންހެންނެވެ. އެފަދަ ކޮންމެ ވަގުތަކު ބަޔާންކުރަން ނޭނގޭ ހިނިތުންވުމެއް އީޝަލްގެ ތުންފަތުގައި ދުވެލައެވެ.
"ލުގަލް... ދާރިއުސް ގާތުގައި މަޑުކޮށްލާ އިނގޭ، އަހަރެން އެބަ އަންނަން" އީޝަލް އިންތަނުން ތެދުވިއެވެ. ލުގަލްބަންދާ އެއްބަސްނުވުމުން އީޝަލް އާދޭހުގެ ގޮތަށް ބުނެލިއެވެ. އަދި ލުގަލްބަންދާގެ ބޮލުގައި ބޯޖައްސާލިއެވެ.
"އެ މީހުން ކުރާކަމެއް ބަލާލާފައި މި އަންނަނީ... ދާރިއުސް އޭނީނު، އޭނާ ލުގަލްއާ ވާހަކަދައްކާނެ، އަހަރެން ގިނައިރެއްނުވެ މިއަންނަނީ" އީޝަލް މިހެންބުނެ ހިނގައިގަތީއެވެ.
ކުރިން ރައުލް ހުރި ދިމާގައި އޭނާ ފެންނަން ނެތުމުން އީޝަލް މަޑުކޮށްލަމުން ވަށައިގެން ހޯދާލިއެވެ. ނަމަވެސް ނުފެނުމުން ރާވިންއާއި ހަތޯރުގެ އިތުރުން ސޭމެސް ތިބި ތަނަށް އައުމަށް އީޝަލް އައީ އެ މީހުންގެ ގާތުން އޮޅުން ފިލާތޯއެވެ. ތުނޑީގައި ކުޅެން އުޅުނު ކުދިބަޔަކު ޖަހާފައި ހުރި ފަންވަތްތަކެއް ފެނުމުން އެ ތަނުން ފަންވަތެއް އުފުރާލައިގެން އެއާ ކުޅެމުން އީޝަލް ކުރިއަށް އައެވެ. ވަކި ހިސާބަކަށް އާދެވުނުތަނާ ފަހަތުން މީހަކު އަންނަހެން އީޝަލްއަށް ހީވިއެވެ. އެއީ ރައުލްއޭ ހިތްބުނީ ކީއްވެކަމެއް އީޝަލްއަކަށް ނޭނގުނެވެ.
"އެބަހުރިކަން އަހަންނަށް އެނގޭ" އީޝަލް ބުނެލިއެވެ. އެހެންނަމަވެސް ޖަވާބެއް ނައެވެ. ފަސްއެނބުރި ބަލާލަން ބޭނުންނުވެ ހުރެ އީޝަލް މަޑުމަޑުން ކުރިއަށް އައެވެ. އަދި އެ މީހަކު ވެސް ހުރެ އަންނަކަން އެނގެއެވެ. ކުއްލިއަކަށް އީޝަލް އެނބުރިލައި އަތުގައި އޮތް ފަންވަތުން ފަހަތުގައި ހުރި މީހާގެ ގައިގާ ޖެހިއެވެ. ހަމަ އެހިނދު އެ މީހަކު އީޝަލްގެ އަތުގައި ހިފަހައްޓާއި ގާތަށް ދަމާލައިފިއެވެ.
(ނުނިމޭ)