ވާހަކަ

ބޭނުންވަނީ ޔާރާ

(31 ޑިސެމްބަރ 2018 އާ ގުޅޭ)

އެވާނީ މަންމައަށް ދިމާވެގެން އެއުޅެނީ އަހަރެން މިހީކުރާ ޒާރާ ނޫންކަމަށެވެ. އެހެންވެދާނެ ކަމަކަށް އަހަރެން ގަބޫލުކުރާކަށްވެސް ބޭނުމެއްނޫނެވެ. އެއް ނަންކިޔާ އެތައް ބަޔަކު އުޅޭނެއެވެ. އެކަމަކު ޒާރާގެ ނަމުން ހިތަށް ނުބައިގޮތެއްވެއްޖެއެވެ. އޭހިތާއެވެ. އޭ އަހަރެންގެ ސިކުނޑިއާއެވެ. އަހަންނަށް ތިފަދަ ވޭނުންފުރިގެންވި ސުވާލުތައް ކުރިމަތި ތިކުރުވަނީ ކީއްވެހެއްޔެވެ. އަހަރެން އެއިންސާނާދެކެ ލޯބިވާވަރު އެނގޭތީހެއްޔެވެ. އަހަރެންގެ ބޮލަށް ބަރުކޮށް ހިތަށް ތަދުނުކުރާށެވެ. މިލޯތްބެއް ތިހިތާ ސިކުނޑިއަކުން ދުވަހަކުވެސް ފޮހެއްނުލެވޭނެއެވެ. ދާއިންއަކީ މީހެއްގެ ފިރިއަކަށްވާކަށް އަހަރެން އެއްގޮތަކަށް ވެސް ނޭދެމެވެ.

ބޯޑިންއަށް ގޮވާލިއަޑާއިއެކު މަންހާގެ ދެލޯހުޅުވާލިއެވެ. ސިކުނޑިތެރޭ ބުރުޖަމުން ދިޔަ ހިޔާލުތައް އޮއްބާލަން ބޭނުންވިއެވެ. ޒާރާ އާއި ބެހޭގޮތުން މަންމަ ވަސީމާ އާއި އިތުރަށް ސުވާލުކުރަން ބޭނުންވިއެވެ. ވަސީމާ އާއި ދިމާވި ޒާރާ ހުރީ ކިހިނެތްކަމާއި، އިސްތަށިގަނޑު ހަދާފައިވަނީ ކޮންގޮތަކަށް ކަމާއި ލާފައިވަނީ ކޮންކަހަލަ ހެދުމެއްތޯއެވެ. އެހެންނަމަވެސް އެހުރިހާ ސުވާލެއް ފުނިޖެހި އިތުރުވަމުން ދިޔައީ ކުރިންވެސް ފުރިބަރާވަމުންދިޔަ މަންހާގެ ހިތާ ސިކުނޑީގައެވެ.

މޭލޭޝިޔާ އެއާރލައިން ނައްޓާލަންވިއިރު ސީޓުތަކުގައި އެންމެންވަނީ ހަމަޖެހިލުމާއިއެކު ސޭފްޓީ ބެލްޓު އަޅުވާލާފައެވެ. ކެބިން ކުރޫ އެއް ފްލައިޓެ އެހީއަށް އެދޭ ވަޞީލަތްތައް ބޭނުންކުރާނެގޮތް ފަސިންޖަރުންނަށް ކިޔާދެމުން ދިޔައެވެ. މަންހާއަށް އިނދެވުނީ ކުޑަދޮރާ ކައިރި ސީޓެއްގައެވެ. އޭނައަށް އެފްލައިޓް ތެރޭ ހިނގާ އެއްވެސް ކަމެއް އެނގޭ ހެނެއް ހިޔެއްނުވެއެވެ. ދެކަންފަތަށް ޖަހާލެވިފައިވާ އައިޕޮޑްގެ އިއަރޕީސް އިން އަޑުއަހަމުން ދިޔައެވެ. އިރު އިރުކޮޅާ އައިޕޮޑްގެ ވާގަޑާ ކުޅެލައެވެ.

މެލޭޝިޔާ އެއަރޕޯޓުން ޓެކްސީއެއްގައި ނައްޓާލިތާ ތިންގަޑިއިރެއްހާ ތެރޭ މަންހާގެ އާއިލާއަށް އެމީހުން ދާން ބޭނުންވި މަންޒިލާހަމައަށް ދެވިއްޖެއެވެ. ސަޢީދުގެ ރޯމިން ހަދާފައިވާ ނަންބަރުން އޭނަގެ އެކުވެރިޔާއަށް ގުޅާލިއެވެ. މަންހާއިނީ ހިމޭންކަމުންފުރިގެންވި މަގަށް ބަލަހައްޓައިގެންނެވެ. މަގުތަކުގައި ވަނީ ފަޑުއަލިކަމެކެވެ. ވަގުތަކީ ފަތިހުގެ ވަގުތެވެ. ދޭތެރެއަކުން ދޫންޔެއްގޮވާލާއަޑު ނޫނީ ނީވެއެވެ.

"ހާދަ އުފާވެއްޖެއޭ........މާތްﷲ އަށް ޝުކުރުވެރިވަން ތިއާއިލާއަށް ސަލާމަތުން އަހަރުންމެންގެ ގާތަށް އާދެވުނަތީ......" ޓެކްސީއިން ސަޢީދު އާއި އޭނަގެ އާއިލާ ފައިބާތަން ފެނުމާއެކު އަވަސް ހިނގުމުގައި މޫސަ އަތުވެއްޖެއެވެ. ސަޢީދުގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެންދިއުމާއިއެކު މޫސަ އާއި ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ. މޫސަ އެއަތުގައި ހިފަމުން ސަޢީދު އާއި ކޮނޑާ ކޮނޑުޖައްސާ ސަލާމްކުރިއެވެ.

"ފަހަރި، ކޮބާ އެންމެ ފަހުން އާދެވިއްޖެ ދޯ.......ޒިޔާއަށް ކެތްވަނީކީ ނޫން ފަހަރި އަންނަ ވާހަކަ ބުނީއްސުރެން" މޫސަ ސަޢީދުގެ ގާތުގައި މަޑުކޮއްލައިގެން ހުރި ވަސީމާއަށް ބުނެލިއެވެ. ސަޢީދު އާއި މޫސަގެ އުމުރުގައި ދެއަހަރުގެ ތަފާތު ހުއްޓެއްކަމަކު އެދެމީހުން ބޮޑުވީ އެއްކޮށެވެ. ވަސީމާ އާއި އޭނަ އާއި ދޭތެރޭ އެއްވެސް އާއިލީ ގުޅުމެއްނެތްކަމަކު މޫސަ ވަސީމާއަށް ފަހަރީގެ ނަމުން މުހާތަބު ކުރަނީ އޭނަގެ އެކުވެރިޔާއަށް ކުރާ ގަދަރަކާއި އޭނައަށް ހުރި ކުލުންވެރިކަމަކުންނެވެ.

"މޫސަ ނިކަން އެމީހުން ގޮވައިގެން އެތެރެއަށް އާދެބަލަ، ހުރިހާ ވާހަކައެއް ދޮރުމަތީތިބެގެންތަ ދައްކަނީ....." ގޭގައިވާ ބޮޑު ގޭޓުގެ އެތެރޭގައި ހުރި ނާޒިޔާ ބުންޏެވެ.

"ހިނގާ އަވަހަށް އެތެރެއަށް ދަމާ........" މޫސަ ޝިމާދު އާއި މަންހާގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތެވެ.

މަންހާ އޭނަގެ ވަށައިގެން ވާ މާހުލަށާއި ކުރިމަތީގައިވާ ގެއަށް ނަޒަރު ހިންގާލިއެވެ. ގަދަ ޗޮކުލެޓު ކުލައިގެ ބޮޑުގޭޓުގެ އެއްދޮރުފަތް ހުރީ ހުޅުވާފައެވެ. ކުރިމަތީގައި ކުޑަވޭނެއް އޮތެވެ. އެތަނުގައި އޭގެ އަދި އެއްވޭން ބާއްވާނެހާ ތަންއޮތެވެ. އެމީހުންނަށް ގޭޓުން އެތެރަށް ވަދެވުނެއްކަމަކު އެގޭގެ އެތެރެ ފެންނާނީ ކޮންއިރަކުން ކަމެއް ނޭގެއެވެ. ނާޒިޔާގެ ގާތަށް ވަސީމާ އައުމާއިއެކު އޭނަގެ ގައިގާ އޮޅުލައިގަތެވެ. އަދި ކުދިކުދި ޝަކުވާ ކުރީ ލޯތްބާ އޯގާތެރިކަމާއިއެކުއެވެ. އެތަކެއް ދުވަހަކަށްފަހު ވަސީމާ ފެނުމުން ނާޒިޔާގެ ލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ފާއްދާލިއެވެ. މަންހާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ހުރެ އެންމެންގެ ފަހަތުން ދެއެވެ. ކުޑަވޭން ކައިރިން ކަނާތަށް އޮތް ހިމަ މަގުން ލާފާ މަންހާއަށް ނުކުމެވުނީ އެގޭގެ އަސްލު ދޮރު އިންނަ ދިމާލަށެވެ. އަރިމަތީ ރާނާފައި ހުރި ފާރާއި ގޭގެ ދޮރާ ދެމެދު އޮތް ހުސްތަނުގައި އިށީނދެވޭނެ ގޮތަށް މޭޒަކާއި ގޮނޑިހުއްޓެވެ. އަދި މުޅިއެތަނުގައިވަނީ މަޑުފެހިކުލައިގެ ވިނަދޫލައެކެވެ. މީހުން ހިނގުމަށް ބޮޑެތި ގާތަކެއް އަޅާފައި ހުއްޓެވެ. އެތަނުގައި ދެމީހުންނަށް އިށީނދެވޭނެ ގޮތަށް ހަދާފައި ހުރި ދަގަނޑު އުނދޯއްޔެއް ހުއްޓެވެ. ގޭގެ ވަށައިގެން ފާރުކައިރީވަނީ އެކިކުލަކުލައިގެ މާގަސްތަށް އިންދާފައެވެ. ދިއްލާފައިވާ ފުލަޑް ލައިޓުތައް އޭރު އަދި ނުނިވައެވެ. އެހެންވެ އެމާތަކާއި ގޯތިތެރެ ފެންނަލެއް ވަކިން ޗާލެވެ.

މޫސަ އާއި ނާޒިޔާ އާއިއެކު އެމީހުންގެ ފަހަތުން އެގޭގެ މައިދޮރުން އެތެރެއަށް އެއާއިލާވަނެވެ. ޝިމާދު އަޅައިގަތީ ދޮރުންވަންނަ އިރު ފެންނަން ހުރި މަސްޓޭންކުގައެވެ. ހުދުކުލައިގެ ވަށްކޮށް ހަދާފައިވާ ކަނބަޑަކާއިއެކު އިން މަސްޓޭންކެކެވެ. މުޅި ގޭތެރެ ވަރަށްވެސް އައްޔެވެ. އެހެނީ މުޅި ގޭގައި ވަނީ ލިލީ ވައިޓު ކުލައިގެ ފާރުތަކާއި ހުދާ ގަދަ ޗޮކުލެޓު ކުލައިގެ ފަރުނީޗަރުތަކެވެ. ފެންނަން އިން ސިޑި ފަހަނައަޅައި އެތެރެއަށް ދިއުމާއިއެކު އެގޭގެ ސިޓިން ރޫމު ފެނިގެން ދިޔައެވެ. އެހިސާބުންވެސް އެގޭގެ ފުރިހަމަކަން މަންހާ އާއި ޝިމާދުއަށް އެނގިގެންދިޔައެވެ. މިއާދެވުނީ އާދައިގެ ގެއަށްކަށް ނޫންކަން އެމީހުންނަށް އިހްސާސްވިއެވެ.

"ނީލް......ނީލް..........ގެސްޓު ރޫމް އާ ދެންހުރި ރޫމްތައް ރެޑީކުރެވިއްޖެތަ" ނާޒިޔާ އެމީހުންނާއި ދުރުދުރުން އުޅުނު ނީލް ގާތު އަހާލިއެވެ. އޭނަ އެގޮތަށް ނީލް ކައިރީ އެހީ ކިތަށް ފަހަރުކަމެއްވެސް ނޭގެއެވެ. ވަސީމާމެން އަންނަން އުޅޭވާހަކަ މޫސަ އޭނަ ގާތު ބުނީސުރެން އޭނަ އެގެ އެމީހުންނައްޓަކާ ތައްޔާރުކުރަނީއެވެ.

"ފެންވަރައިލައިގެންތަ ސައިބޯން އަންނާނީ، ނޫނީ މިހާރުވެސް ދެވިދާނެ، ސައި ހުންނާނީ ތައްޔާރުކޮއްފަ" ނާޒިޔާ އަވަސް އަވަހަށް ބުނެލިއެވެ.

"ޒިޔާ........އެމީހުން ދަތުރުވަރުބަލިވެސް ވާނެއެއްނު، މިހާރު ގަޑިބަލާބަލަ، މިހާ ހެދުނާ ކިހިނެތްތައް ސައިބޯނީ، ކިހާ ދިގު ދަތުރެއްކޮއްފަ އެއައީ" މޫސަ ނާޒިޔާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ.

"ނޫނޭ.......ދެން ނިދާކަށް ބޭނުމެއްނޫން، ބޭނުމީ ފެންވަރާ ތާޒާ ވެލައިގެން ޒިޔާގެ އަތުން މީރު ކޮފީއެއް ބޯލަން" ސަޢީދު އެސިޓިން ރޫމުގައި ހުރި އެންމެ މިހާރުގެ ސޯފާސެޓުގައި އިށިންނަމުން ބުނެލިއެވެ.

"އެއީ ތެދެއް" ވަސީމާވެސް އެއްބަސްވުމުގެ ގޮތުން ބުނެލިއެވެ.

"މައްސަލައެއް ނޯންނާނެ، ހަމަ މިހާރު މިއުޅެނީ ތިކަމާ......ނީލް......ނީލް، މިފޮށިތަށް ހިފައިގެން ހިނގާބަލަ" ނާޒިޔާ ކުރިއަށް ނުކުމެ ވަސީމާ އާއި މަންހާ ގޮވައިގެން ބޭރު ދޮރުންވަތް އިރު ފެނުނު ސިޑިން މައްޗަށް އަރަންފެށިއެވެ. އެމީހުންގެ ފަހަތުން މޫސަ އާއި ސަޢީދު ޝިމާދު އާއި ވާހަކަ ދައްކަމުން އާދެއެވެ.

"ތެދެއް ކޮއްކޮ ވެސް ނުނިދާނަންތަ" ސިޑިން އަރަމުން ދިޔަ ނާޒިޔާ މަންހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. މަންހާ ޖަވާބުގައި ބޯޖަހާލިއެވެ.

"ވަސީ، މިމަންޖެ ހާދަ ބޮޑުވެއްޖެއޭ ދޯ، މިހެރެގެން ޝިމާދުއާ އެއްވަރުވަނީ..........މިހާރު ކިޔަވާ ނިމުނީތަ؟ ނާޒިޔާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"އުހޫ......އަދި ނުނިމޭ، އެކަމަކު މީ އެންމެ ފަހު އަހަރު........ދޯ ދަރިފުޅާ" ވަސީމާ މަންހާއަށް ބަލާލަމުން ބުނެލިއެވެ.

"މީ ސަޢީދު އާއި ވަސީގެ ކޮޓަރި، މިކޮޅަށް މިހިރީ ކޮއްކޮ އާއި ޝިމާދުގެ ކޮޓަރި" ނާޒިޔާއަށް ސިޑިން މައްޗަށް އެރުމުން ވަސީމާ އައި މަންހާއަށް ކޮޓަރިތައް ދައްކާލިއެވެ.

"ޒިޔާ، ހާދަވަރެއް ކޮއްލާފަ މިހިރީ" ވަސީމާއަށް ގެސްޓުރޫމުގެ ފުރިހަމަކަމުން ބުނެލެވުނެވެ.

"ނޭގޭތަ ހާދަ ހާއްޞަބައެކޭ ތީ، އަހަރުމެން މާލޭގަ އުޅުންއިރު އުޅުނީ ކިހިނެތް ދޯ، މިހިރަ މަންހާވެސް ހާދަ ކުޑައޭ.....ހަނދާންވަނީ މަންހާ ބޮޑުވަމުން އައިއިރު އަހަރުމެން ދެމީހުންނަށްވެސް މަންމަ ކީ ހަނދާން" ނާޒިޔާ ހެމުން ހެމުން ބުނެލިއެވެ. މަންހާ އެއަޑުއަހަން ރަކިވެފައިހުއްޓެވެ. އެހެނީ ނާޒިޔާ އެދައްކަނީ މަންހާ ހަނދާންހުރިއިރުގެ ވާހަކަތަކެއްނޫނެވެ.

"ޒިޔާ، ފަހަރިމެންނަށް ވަގުތުދީފަ ހިނގާބަލަ އަހަރުމެންވެސް ކޮޓަރިއަށް ތާޒާވެލައިގެން ނުކުންނަން" މޫސަ އޭނަގެ މޫނާ ކަނދުރާއާއިއެކު އަތްހާކާލަމުން ބުނެލިއެވެ.

* * * * *

"ދެން އާދޭ ސައިބޯން، މަންމަ ހީކޮށްގެން މިހުންނަނީ ދަރިފުޅު އަޔަސް ދާން ނާންނާނެކަމަށް، މަންމަ ގުޅާލިޔަސް ބުނޭވިއްޔަ، މަންމާ ބިޒްނަސް ހަމަ މިފަށައިގަތީއޭ، ކިހިނެތްހޭ އެހާއަވަސް އަވަހަށް ތިކޮޅަށް ދާނީ، އޭރުން ބިޒްނަސްއަށް ވާނީ ކިހިނެތް ހެއްޔޭ، ކާކުހޭ ބިޒްނަސް ބަލާނީ" މޫމިނާ ހެމުން ބުނެލިއެވެ.

ކާމޭޒު ކައިރީ ހެނދުނުގެ ނާސްތާ ކުރުމަށް ދާއިންގެ އާއިލާ އާއި އޭނަގެ ލޯބިވާ އަންހެނުން ތިބިއިރު އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެމީހުންގެ މޫނުމަތީގައިވާ ހިނިތުންވުމަކީ ދާއިންގެ ހިތަށް ފިނިކަންގެނެސްދިން އެއްޗެކެވެ.

"ދާން ނާންނަން ދޯ ހުރީ" މާކިންގެ ރޮށިތަށި މޮޑެދެންހުރި އަފްޝީން ބުނެލިއެވެ. މާކިންއަކީ ދާއިންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ދާއިންގެ ދޮންބެއެވެ. އޭނަ އާއި އަފްޝީންގެ ކައިވެންޏަށް ދެއަހަރުވީއިރު ކުޑަކުޑަ އެއްއަހަރުގެ ރައްޔާންވަނީ ލިބިފައެވެ. މިއަދު އެދެމަފިރިންނާއި އޭނަގެ މަންމަ ނޫނީ ދާއިންގެ އާއިލާގައި ނުވެއެވެ. ލަފާއަހާލަންވެސް ތިބީ ހަމައެމީހުންނެވެ.

"ތެދެއް ދާން، ޒާވެސް ބުނި މިފަހަރު ދާން ގެނެވުނީ ވަރަށް ވަރުންނޭ، މިކޮޅުގަ އާއި ސިންގަޕޫރުގަ ހަނީމޫނު ހެދިފަހުން އަދި ތިދައްކާލީވިއްޔަ" މާކިންވެސް އޭނަގެ އަންހެނުންނާ އަދި ޒާރާއާއި އެއްބައިވެލިއެވެ.

"އެހެނެއްނޫނޭ ދޮންބޭ، އަދި ތިބުނާހާ ގިނަދުވަހެއްވެސް ނުވެއެއްނު، ވިޔަފާރީގެ ކަންތައްތައް އެންމެ މޮޅަށް އެނގޭނީ ދޮންބެއަށް، އަޅުގަނޑުގެ ކޮމްޕެނީ އަދި ހަމަ މިފަށައިގަތީ، އެހެންވެ އެކަން މަޑު ޖައްސާލަން ފަސްޖެހެވުނީ.........އެހެންވިޔަސް މިހާރު މިހިރީ އައިހެއްނު، ދޯ މަންމާ" ދާއިން އޭނަގެ މަންމައަށް ދޯޖަހާލިއެވެ.

"އާ ދަރިފުޅަށް ތިހިރީ އާދެވިފަ، މަންމަ ހާދަވަރަކަށް ގުޅީމައޭ ތިވަރުވެސް ތިވީ، އަޅެ ދާން މަންމައަށް ގުޅާނުލަނީ ކީއްވެތަ؟ މީނދަ ޒާރާވެސް މަންމައަށް ގުޅާނުލާނެ، މަންމަމަތިން ހަނދާން ނުވަނީތަ ތިހެން މާލޭގަ އުޅޭއިރު" މޫމިނާގެ މޫނުމަތީގައި މިފަހަރުވަނީ އާދޭހެވެ. ދެދަރިން ލިބި އެކުދިން ބޮޑުވި ދުވަހު އޭނަވަނީ ހުވަފަތްވެފައެވެ. އެހެންނަމަވެސް ދެދަރިންނަކީވެސް އޭނައަށް މާތް ރަސްކަނލާގެ ދެއްވި ނިއުމަތެކެވެ. ނަސީބެކެވެ. އެހެނީ ދެކުދިންވެސް އޭނަދެކެ އިންތިހާއަށް ލޯބިވާކަމެވެ. ހަމައެކަނި އޭނަގެ ޝަކުވާއަކީ ދެކުދިން އެއްތާކު ދިރިއުޅުން ނުފެށިކަމެވެ. ދާއިން އިޙްތިޔާރުކުރި ޒާރާއަކީވެސް ރީތި ކުއްޖެކެވެ. ކިޔަވައިގެން ހުރި އަޙްލާގު ރަނގަޅުކުއްޖެކެވެ. އެހެންނަމަވެސް ދާއިން އާއި އޭނަ އާއި ދުރުވުމުގައި ޒާރާގެ އަތެއްވުމީ އެކަމާ މޫމިނާ ނުހަނު ހިތާމަ ކުރާ ކަމެކެވެ. އެއީ ޒާރާ މާލޭގައި ދިރިއުޅެން ގަސްދުކުރުމެވެ. އެކަމުގެ ސަބަބުން ދާއިން އޭނަގެ އާދިރިއުޅުން ފެށުމަށް މާލެބަދަލުވީއެވެ. އެހެންވެ އޭނަގެ ހުރިހާ ކަމެއް ފެށުމަށް އޭނަ ހިޔާރު ކުރީވެސް މާލޭގައެވެ. ހުރިހާ ކަމެއް މިގޮތަށް އޮތްއިރުވެސް މޫމިނާގެ ހިތަކު އެދެކުދިންނަށް ބުރަކަމެއްނެތެވެ. މިހާރު މޫމިނާވެސް ބޭނުންވަނީ ދާއިންމެންގެ ދެމަފިރިންނަށް ކުއްޖަކު ލިބޭނެ ދުވަހެކެވެ. ދެވަނަ މާމަ ދަރިއަކު އުފަންވާނެ ދުވަހެކެވެ.

"މަންމާ، އަޅުގަނޑަށް ނުގުޅެނީ ކަންތައްތައް ހުންނަ ގޮތުން.....މަންމަމަތިން ހަނދާންވެސް ވޭ، ގުޅަންވެސް ހިތަށްއަރާ އެކަމަކު........ދެން މަންމަ ދެރަ ނުވެބަލަ، މި ދޮންބެ ބޯރިންގ ކަމުން މަންމަ އަޞްލު ފޫހިވަނީ ދޯ މިކޮޅުގަ އުޅެން" ދާއިން އޭނަގެ ބޭބެ މާކިން އާއި ދިމާކޮއްލިއެވެ.

"ތެދެއް މަންމާ، އަޅުގަނޑު ގާތު މަންމަ ހުންނަން ފޫހިވަނީތަ؟" މާކިން ހާސްކަމާއިއެކު އަހާލިއެވެ. އޭރުވެސް ޕާންފޮތި ކާންއިން ދާއިން ހީލަ ހީލައިނެވެ.

"މަންމަ ތިދެކުދިންދެކެ ފޫހިވާންވީ ކީއްވެ" މޫމިނާވެސް ބޮއެބޮއެ އިން ސައިތަށި ތުނބުން ނައްޓާލަމުން ބުނެލިއެވެ.

ކާމޭޒުމަތީ ކުރަމުން އައި ސަމާސާ އަރާރުން ނިމުނީ އެންމެން ސައިބޮއެ ނިމުނީމައެވެ. އޭރު އަފްޝީން އާއި ގޭގެ ގެންގުޅޭ ކުދިންވެގެން މޭޒުމަތި ސާފުކުރެއެވެ. އަފްޝީންއަކީ ދެއަތްއުރާލައިގެން ހުންނަ ކަހަލަ ކުއްޖެއްނޫނެވެ. ގޭގައި އަތްގާތްކޮއްދީ މަސައްކަތްކުރާނެ ކުދިން އުޅޭއިރުވެސް ބަދީގޭގެ ކަންތައްތަކާއި މުޅިގޭގެ މަސައްކަތްތަކުގައި އޭނަ ބައިވެރިނުވެއެއްނުދާނެއެވެ. އެހެންނަމަވެސް ޗުއްޓީގައި ގޮސްހުންނައިރުވެސް ޒާރާގެ ފަރާތުން އެފަދަކަމެއް ނުފެންނާނެއެވެ. މޫމިނާ އާއި އަފްޝީންއަށް އެއީ ބޮޑުކަމަކަށް ނުވެއެވެ. މިޒާޖު ތަފާތުވުން އޮންނާނެކަން އެމީހުން ދަނެއެވެ. އަދި ޒާރާ ގާތު އެއްވެސް ކަމަކު ބުނަން އެމީހުން ބޭނުމެއްވެސް ނުވެއެވެ.

މެންދުރުގެ ވަގުތު ގޭގެ ޓެރެސްގައި ހިޔާކޮއްފައިވާ ބައިގައި ބަހައްޓާފައިވާ ސޯފާސެޓުގައި މާކިން އާއި ދާއިން ތިއްބެވެ. ކުރިމަތީހުރި ކުޑަ މޭޒުމަތީ ބިއްލޫރި ޖަގެއްގައި ފިނިބުއިމެއްހުއްޓެވެ. ފިނިކަމުން ޖަގުގެ ބޭރުގައި ގިނައަދަދެއްގެ ފެންތިކި އުފެދިފައިވެއެވެ. ދާއިން ބޮޑުކޮށް އިން ސޯފާ ގޮނޑީގައި ޖައްސާލަމުން މާކިންގެ އަތުގެތެރޭއިން ރައްޔާން ނަގާ އޭނަގެ މޭމަތީ ބޭންދިއެވެ.

"ދޮންބޭ، ވާހަކައެއް ބުނަންތަ.......ވަރަށް ހެއްވާ ކަމެއް ވެގެން މިއުޅެނީ" ދާއިން ރައްޔާންއަށް ބަލަން އޮވެ ބުނެލިއެވެ.

"ބުނީމަތާ އެނގޭނީ ތިހުރި ހެއްވާކަމެއްވެސް" މާކިން ކުޑަކޮށް ހެމުން ބުނެލިއެވެ. އަދި ޖަގުން ތަބަކުގައި މަތިޖަހާފައިވާ ތައްޓަށް ޖޫސްއެޅިއެވެ. އޭނަ ދާއިންއަށް ޖަގުދިއްކޮއްލީ އަޅަންވީތޯ އަހާލުމަށެވެ. ނަމަވެސް ދާއިން ދެފަރާތަށް ބޯހޫރުވާލިއެވެ.

"އަހަރެންދެކެ ކުއްޖަކު ލޯބިވާތީ މިއުޅެނީ" ދާއިން ސީރިއަސް ބަލާލުމަކުން މާކިންއަށް ބަލާލިއެވެ. އެދެކުދިންގެ މެދުގައި ވާހަކަތައް ދެކެވޭއިރު އަޅުގަނޑު ކިޔައިގެން ވާހަކައެއް ނުދައްކާނެއެވެ. އެއީ ކުޑައިރުއްސުރެވެސް ދާއިން އާއި މާކިން ބޭނުންވިގޮތެވެ. މަންމަ އާއި ބައްޕަ އާއި އާއިލާގެ މީހުންގެ ކުރިމަތީ އެދެމީހުންވެސް ވާހަކަދައްކަނީ ރީތި ބަހުންނެވެ.

"ސާބަސް، އަނެއްކާ ތިއުޅެނީ މަގޭ އަނގައިން އެއްޗެއް ކިޔުއްވަންވެގެން ދޯ، ދާން ކީއްވެތަ އަބަދު ސަމާސާ ކުރަނީ، އެކަމަކު އެހެން މީހުންގެ ކުރިމަތީ ހުންނާނެ ވަރަށް ސީރިއަސް ލުކް ދީގެން، އަފޫވެސް ހީކުރަނީ ދާއިންއަކީ ވަރަށް ސީރިއަސް ރުޅިގަދަ މީހެއްކަމަށް" މާކިންއަށް ދާއިންގެ އެޖުމްލައެއް ނަގައެއްނުގަނެވުނެވެ. އޭނަ ހީކުރީ ދާއިން އާދައިގެ މަތިން ސަމާސާ ކުރަނީކަމަށެވެ.

"ދޮންބޭ، ހަމަ އަސްލޭ، ކުއްޖަކު އަހަރެން ދެކެ ލޯބިވެގެންނޭ މިއުޅެނީ" ދާއިން އަނެއްކާވެސް ބުނެލިއެވެ. އަދި އޭނަގެ މޭމަތީ އިން ރައްޔާންގެ ބަނޑުގައި ކޮއްޓާލިއެވެ.

"ދެން އެކުއްޖަކީ ޒާރާ ދޯ، ދާއިން އާއިހެދި މޮޔަވެގެން އެންމެ ފަހުން މެރީވެސް ކުރީ.......އެހެންނޫންތަ ބުނަން ތިއުޅެނީ" މާކިންއަށް ވިސްނުނު ގޮތަށް އޭނަ ބުނެލިއެވެ.

"އެއީ ޒާރާ އެއްނޫނޭ......ޒާރާވެސް އަހަރެންދެކެ ލޯބިވާކަން އެނގޭ، އަހަރެން އެއަށްވުރެ ބޮޑަށް ޒާރާދެކެ ލޯބިވަން، އެހެންވެއޭ މެރީކުރީވެސް، ޝީޒް ދަވަން، މިދައްކަނީ މުޅިން އެހެން ކުއްޖެއްގެ ވާހަކަ، އެކުއްޖާ އަހަރެންދެކެ ލޯބިވެގެން އުޅޭވާހަކަ.........." ދާއިންގެ ވާހަކަ މެދުކަނޑާލީ ހައިރާންވެފައި އިން މާކިންނެވެ.

"އަނެއްކާ ކޮންޖެއް؟ ޒާއަށް އެނގޭތަ؟ ކިހިނެތް އެހެން ވާންވީ" މާކިން އެއްފަހަރާ އެތަށް ސުވާލެއްކޮއްލިއެވެ. އޭނަގެ މޫނުމަތިން މިހާރު ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

"ދާއިން އަނެއްކާ މޮޔަކަމެއް ކުރީތަ" މާކިންގެ އަޑުގައި ހުރި ކަންބޮޑުވުން ދާއިންއަށްވެސް ފާހަގަކުރެވުނެވެ.

"ނަތިންގ ލައިކް ދެޓް، މަވެސް ހޭހުރެ މޮޔަކަމެއް ނުކުރާނެއެއްނު، އެހެންނޫނަސް އަހަރެން މީ މީހެއްގެ ފިރިއެއްކަން ހަނދާންނައްތައެއްނުލަމޭ، އަހަރެން ޒާރާދެކެ ވަރަށް ލޯބިވޭ، އޭނަ އާއި ކައިވެނި ކުރީވެސް މުޅި އުމުރު އޭނަ އާއިއެކު ވޭތުކުރުމުގެ ނިޔަތުގައި، ދެން ކީއްކުރަން އެހެން އަންހެން ކުއްޖެގެ ފަހަތުން އަހަރެން ދާންވީ" ދާއިން ސޯފާ އިން ތެދުވެ ރައްޔާން ތިރިއަށް ދޫކޮއްލިއެވެ.

"ނިކަން ތިވެގެން އުޅޭގޮތެއް ކިޔާދީބަލަ" މާކިން ހިތްއަވަސްވިއެވެ.

"ދޮންބޭ، އަހަރެން މިބުނަނީ އަހަރެންދެކެ ކުއްޖަކު ލޯބިވިއްޔޭ، އަދިވެސް ދޮންބެއަށް އަންޑަސްޓޭންޑެއް ނުވޭތަ" ދާއިން މާކިންއާއި ތަންކޮޅެއް ކައިރިވެލަމުން ބުނެލިއެވެ. ހީވާގޮތުން އެއަޑު އެހެންމީހަކަށް އިވޭކަށް ދާއިން ބޭނުމެއްނޫނެވެ.

"މަވެސް މިއަހަނީ އަންހެން ކުއްޖަކު ދާންދެކެ ލޯބިވާން ޖެހުނީ ކީއްވެހޭ؟" މާކިންވެސް ވާހަކަ ދެއްކީ މަޑުންނެވެ.

"ހަމަ އެއްގޮތަކަށްވެސް ނޭގެ، އަހަންނަށް އެއީ ކާކުކަން އެނގޭނަމަތާ ތިކަމަށް ޖަވާބެއް ދެވޭނީ، ގޭގަ ޕޯސްޓު ބޮކްސްއެއް ހަރުކުރިފަހުން އަންނަން ފެށީ ސިޓީއެއް، އޮރެންޖުކުލައިގެ ސިޓީއުރައަކަށް ލާފަ އޮންނަނީ، އަދި އޭގަ އިނދޭ ފިނިފެންމަލެއް ޖަހާފަ، އެޑްރެސްކޮއްފަ އޮންނަނީ އަހަންނަށް، އަހަންނަށް އެއީ ކޮންކުއްޖެއްކަމެއް ނޭގުނަސް އޭނައަށް އަހަރެން އެނގޭ، ސިޓީގަ ލިޔެފަ ހުންނަ ވާހަކަތަކުން އޭނަ އަހަރެން ދަންނަކަން އެނގޭ، ބުނަންތަ ދޮންބޭ، ކޮންމެ މީހަކު ފޮނުވި ސިޓީއަކަށް ވިޔަސް ހާދަ ހިތްގައިމު ވަހެއް އޭގަ ހަރުލާފަ ހުރެއޭ، މަވެސް އެސިޓީތައް ކިޔަންފެށީ ވަރަށް ފަހުން، ހާދަ ފަށުވިއޭ ބަސްތައް، ލޯބިންގޮސް ހިތްފުރޭވަރުވޭ، ދޮންބެއަށް އެނގޭތަ، އަހަރެން ޒާރާ އާއި އިނދެގެން ނޫޅޭނަމަ އެއަންހެން ކުއްޖާ ހޯދަން މަސައްކަތް ކުރީމުސް، އެކަމަކު މިހާރު ދެން އެއަންހެން ކުއްޖާވެސް އެކުރަނީ ބޭކާރު ކަމެއް........" ދާއިން ގެ ނަޒަރުވަނީ ދުރަށް ހުއްޓިފައެވެ. އޭނަގެ ސިކުނޑި ތެރޭގައި އެހެން ހިޔާލުތަކެއް ދައުރުވާކަހަލައެވެ.

(ނުނިމޭ)