ހަބަރު

ގެސްޓް ހައުސް ވިޔަފާރީގެ ރަށްތަކަށް ވެބްސައިޓެއް ހަދަނީ

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް ވިޔަފާރި ހިންގާ ހުރިހާ ރަށަކަށް ވެބްސައިޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ސައިންސް މިނިސްޓްރީއަށް 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ހާއްސަ ވައުދުތަކެއް ނެތް ކަމަށެވެ. ނަމަވެސް ވައުދުތަކުގެ ތެރެއިން ހިމެނޭ ގެސްޓްހައުސްތަކުގެ ވައުދާއި ގުޅޭ ގޮތުން ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"ގެސްޓް ހައުސް ވައުދުތަކުގެ ތެރެއިން އޮންނާނެ ރާއްޖޭގެ ކޮންމެ ރަށަކަށް، އެރަށަކާ ގުޅޭ ވެބްސައިޓެއް ތައްޔާރު ކުރުމަށް، 19 ޑިސެމްބަރުގައި އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް ހުރިހާ ވެބްސައިޓްތަކެއް ހެދުމުގެ މަސައްކަތް، ތައްޔާރު ކޮށްފައި އޭގައިވެސް އެއަށް ބޭނުންވާ ކޮންޓެންޓް އަޕްލޯޑް ކުރުމާއި އެކަންކަން ނިންމާނީ ކޮން ގޮތަކަށްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވެބްސައިޓްތައް ހެދުމަށްފަހު ހަވާލު ކުރާނީ ކޮން ފަރާތަކާތޯ ނިންމާފައިނުވާ ކަމަށާއި ވެބްސައިޓް ބެލެހެއްޓުން ކައުންސިލް ނުވަތަ ޓޫރިޒަމް މިނިސްޓްރީއަށް ހަވާލު ކުރެވޭނެ ކަމަށެވެ.

އެމަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ، ހުރިހާ ރަށަކަށް ބޭނުންވާ ވެބްސައިޓްތައް ހެދުން، ވެބްސައިޓްތައް ހެދުމުގައި އަޅުގަނޑުމެން ބަލާނީ އެ ޔުނިފޯމެޓީ ހުރިހާ ރަށަކަށް އެއްގޮތް، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގައި ހުރީ ވަރަށް ތަފާތުކޮށް، އަދި ހޯސްޓް ކުރުން ވެސް އެކި އެކި ދިމަދިމާލުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، މުސްތަގުބަލުގައި ވިސްނުން ހުރީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ވެބްސައިޓްތައް ހޯސްޓް ކުރުން އެންސީއައިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މަލީހު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ދުވަހުން ފެށިގެން ވެބްސައިޓްތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

ވެބްސައިޓް ހެދުމުގައި ވަރަށް ގިނަ މައުލޫމާތުތަކެއް ބޭނުންވޭ، ކޮންމެ ރަށެއްގައި ހިމެނޭ އާސާރީތަންތަނާއި ޓޫރިސްޓް ޑެސްޓިނޭޝަންތަކާއި ގެސްޓްހައުސްތަކާއި ކައުންސިލާބެހޭ މައުލޫމާތާއި ރަށުގެ އާބާދީއާ، ރަށަށް ހާއްސަވާ ކަންތައްތަކާއި ބަންދަރާ މިހެން ގޮސް ހުރިހާ ކަމެއް ހުންނާނެ ވެބްސައިޓެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު އިތުރަށް ވިދާޅުވީ، ވެބްސައިޓްގެ ޑޮމެއިން ނަމާއި ހުރިހާ ކަމެއްވެސް ކަނޑައަޅާނީ އެމިނިސްޓްރީން ކަމަށެވެ.