ބޮލީވުޑް

ސްރީ ދޭވީގެ ޚުޝީވެސް ބޮލީވުޑަށް

ކަރަން ޖޯހަރަކީ ގިނަ ފިލްމީ ތަރިންތަކެއް ބޮލީވުޑަށް ގެނެސްދިން ޑައިރެކްޓަރެކެވެ. ސްރީ ދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު "ދަޅަކް" އިން ބޮލީވުޑްއަށް ނެރުމަށްފަހު، ޚުޝީ ކަޕޫރު ވެސް މިއަހަރު ފިލްމަކުން ފެންނާނެ ކަމަށް ކަރަން ބުނެ އެވެ. ޖާންވީ ކުޅުނު ފިލްމުގައި ފެނުނީ ޅައިރުގެ ސްރީދޭވީ ކަމަށް ގިނަ ބެލުންތެރިން ބުނަމުން ދާއިރު ޚުޝީ މި ދާއިރާއިން ފެނުމަކީ ވެސް އެތައް ބައެއްގެ އެދުމެކެވެ.

ނޭހާ ދުޕިއާގެ ރޭޑިއޯ ޝޯ އެއްގައި މި ވާހަކަ ދައްކަމުން، ކަރަން ޖޯހަރު ބުނެފައިވަނީ، މި އަހަރު ދެން ނެރޭ ފިލްމުގައި ފިލްމީ ތަރިންގެ ދެ ކުއްޖެއް ބޮލީވުޑަށް ނެރޭނެ ކަމަށެވެ. އެއީ ސްރީދޭވީގެ ޚުޝީ ކަޕޫރު އާއި ޖާވެދު ޖެފްރީގެ ދަރި މިޒާން އެވެ. އެ ޝޯގައި ވާހަކަ ދައްކަމުން ކަރަން ބުނެފައިވަނީ، މިޒާން އަކީ މޮޅު ނެށުންތެރިއެއް ކަމާއި އޭނާ އަކީ މިހާރުވެސް ތަރި އެއް ކަމަށެވެ. އަދި ޚުޝީ އަކީ ރީތި ކުއްޖެއް ކަމުން، މި ޖޯޑު ސްކްރީނުގައި ވަރަށް ގުޅޭނެ ކަމަށެވެ.

ޚުޝީ އެންމެ ކުރިން ބޭނުންވީ މޮޑެލިންގެ ދާއިރާއިން ކުރިއަށް ދާން ކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް، ދައްތަ ޖާންވީ ބޮލީވުޑްގައި ކުރިއަރަމުން ދާތީ އެ ދާއިރާއިން ކުރިއަށް ދާން އޭނާވެސް ބޭނުންވާ ކަމަށް ބުނެ އެވެ. ސްރީދޭވީގެ ކުއްލި މަރަށްފަހު އޭނާގެ ދެ ދަރިން ދަނީ މި ދާއިރާއަށް މަޑުމަޑުން ވަންނަމުންނެވެ.

މި ފިލްމުގެ އިތުރު ތަފްސީލެއް އަދި ދީފައި ނުވާއިރު، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ފިލްމުގައި ޝާހްރުކް ޚާންގެ ދަރިފުޅު ފެނުންވެސް އެކަށީގެންވެ އެވެ. ކަރަން މިހާރު ކުރަމުންދަނީ ފިލްމު "ތަޚްތު" ގެ މަސައްކަތްތަކެވެ. މި ފިލްމުގައި ޖާންވީ ކަޕޫރު، ކަރީނާ ކަޕޫރު، ރަންވީރު ސިންގް ފެންނާނެ އެވެ.