ހަބަރު

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެންނަން ވިސްނަން: މަލީހް

އިންޓަނެޓްގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް އަގުހެ ޔޮ ކުރުމުގެ ގޮތުން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެނައުމުގެ ދުރު ވިސްނުމެއް ގެންގުޅުއްވާ ކަަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އޮންނަނީ ދެ ސަބްމެރިން ފައިބާ އޮޕްޓިކް ކޭބަލްސް ކަމަށާއި އެގޮތުން ރާއްޖެއިން ބޭރުން ގުޅުވާލެވިފައިވަނީ އިންޑިއާއިން އަދި ސްރީލަންކާއިން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މިހާރަށްވުރެ ރަނގަޅު ކަނެކްޓިވިޓީއެއް، ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އިތުރު ކޭބަލްއެއް ރާއްޖެއަށް ގެނެވޭނެ ވިސްނުންތަކެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށް ދިއުމަށް ސަރަހައްދަށް ބަލާއިރު އެންމެ ވަރުގަދަ ތަންތަނަކަށް އޮތީ ސިންގަޕޫރެވެ. ދެން އެފްރިކާ ބައްރުން ޖިބޫޓީ އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ދެ ގައުމުގެ ސަބްމެރިން ކޭބަލަކީ ވަރަށް ވަރުގަދަ ދެ އިންޓަނެޓް ކޭބަލް ކަމަށާއި އެ ގައުމުތަކުގެ ކޭބަލް ރާއްޖެއަށް ގުޅުވާލެވިއްޖެނަމަ އޭގެ ސަބަބުން އިންޓަނެޓްގެ އަގަށާއި ސެކިޔުރިޓީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމަކީ ލޯންގް ޓާމް ޕްލޭނެއް ކަމަށާއި އެކަމަށް ގާތްގަނޑަކަށް 20 ނުވަތަ 30 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.