ދެ އަހަރެއްހާ ދުވަސް ތެރޭ އިންޓަނެޓް އަގުހެޔޮވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިލްގެ ރިޔާސީ ވައުދެކެެވެ. "އުފާވެރިކަމުގެ ވަގުތު ކައިރި ވެއްޖަކަމަށް" ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވި ނަމަވެސް އިންޓަނެޓްގެ ވައުދު އޮތީ ނުފުއްދި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު މިވަގުތު އަގުހެޔުނުކުރެވުނަސް އިންޓަނެޓް "ތްރޮޓަލް" ވުމުގެ މައްސަލަ ހައްލުކުރަން މިއަހަރު މަސައްކަތް ކުރާނެ ކަމަށެވެ. އިންޓަނެޓް "ތްރޮޓަލް" ވުން ނުވަތަ އިންޓަނެޓް ޕެކޭޖެއް ނެގުމަށް ފަހު ވަކި ސްޕީޑެއްގައި އިންޓަނެޓް ލިބޭނެކަމަށް ބުނެފައި އޮންނަ ނަމަވެސް މާ އަވަހަށް ހުސްވެ ސްޕީޑް ދެމެހެއްޓިފައި ނެތުމަކީ ރާއްޖޭގައި ވަރަށް އާންމުކޮށް މީހުން ކުރާ ޝަކުވާ އެކެވެ.
"އެ މައްސަލަތަކަށް އެޑްރެސްކުރުމުގެ ވިސްނުން މިވަގުތު ޝޯޓްޓާމް ހައްލެއް ގެންނަން ޖެހޭކަމެއްގެ ގޮތުގައި ވިސްނައިގެން މިއަަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކުރެެވޭނެ" މަބްރޫކް ވިދާޅުވި އެވެ.
އިންޓަނެޓްގެ ސްޕީޑްގެ މައްސަަލަ ހައްލުކުރާނެކަމުގެ ވައުދު ސަރުކާރުންވި މި ދަނޑިވަޅު ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީ މެމްބަރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ މެމްބަރުން މަލީހަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރުމާއި ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓްކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުން ހިމެނެ އެވެ.
މަލީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ދިޔަ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މަބްރޫކް ވިދާޅުވީ އެކަމާ ގުޅޭގޮތުން ރައީސް ސޯލިހް ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. އަދި މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.