ޓެކްނޯލޮޖީ

ޓޮޕް-އަޕް ޑޭޓާ ލިބޭ ގޮތް ހަދައި މިނިމަމް އިންޓަނެޓް ސްޕީޑެއް ކަނޑައަޅަނީ

ބްރޯޑްބޭންޑް ޕޮލިސީއެއް އެކުލަވާލައި އެ ޕޮލިސީގައި އެންމެ ކުޑަކޮށް ދެވޭނެ އިންޓަނެޓް ސްޕީޑް ނުވަތަ މިނިމަމް އިންޓަނެޓް ސްޕީޑް ކަނޑައެޅިގެންދާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަަރު މަލީހު ވިދާޅުވީ މި ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކޮށް އެ ހިދުމަތް ރަނގަޅު ކުރާނެ ކަމަށާއި އެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި ފެންވަރު ދަށްކޮށް ހިދުމަތް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވި ގޮތުގައި ބްރޯޑްބޭންޑް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ. އެ ޕޮލިސީގެ ތެރެއިން މަސް ނިމޭއިރު ޓޮޕް - އަޕް ކުރާ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ލިބޭ ގޮތަށް މިނިމަމް އިންޓަނެޓް ސްޕީޑް ކަނޑައަޅާނެ އެވެ.

"ރައްޔިތުންގެ ކަންބޮޑުވުމެއް އެއީ މަހުގެ ވަކި ހިސާބަކުން ޓޮޕް - އަޕް ކުރާ ޑޭޓާ އެލަވަންސް އަނެއް މަހަށް ޓްރާންސްފާ ނުވާ މައްސަލަ، ޕޮލިސީގެ ތެރެއިން ޓްރާންސްފާވާ ގޮތަށް ހަމަޖެހިގެންދާނެ. މިނިމަމް އިންޓަނެޓް ސުޕީޑް ކަނޑައެޅިގެންދާނެ، ބްރޯޑްބޭންޑް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް އިންޓަނެޓް ސްޕީޑްގެ ގޮތުގައި ކަނޑައަޅާނެ ސީދާ މިންވަރެއް އަދި ނުނިންމަ އެވެ. ނަމަވެސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް ވިދާޅުވީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިނިމަމް އިންޓަނެޓް ސްޕީޑްގެ ގޮތުގައި ކަނޑައެޅިފައި އޮތީ 30 އެމްބީ ޕަ ސެކަންޑް ކަމަށާއި ރާއްޖޭގައި ވެސް ކަނޑައެޅޭނީ އެއާ ގާތް ކުރާ މިންވަރެއް ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮންނަ ތިން ކުންފުނިން ދޭ ހިދުމަތް ވަރަށް ރަނގަޅު ކަންކަން ފާހަގަ ކުރެއްވޭ ކަމަށެވެ. ނަމަވެސް ވާދަވެރިކަން އިތުރުކޮށް އިތުރު ކުންފުނިތަކަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނަމަ ސަރުކާރުން އެ ކަން ކުރާނެ ކަމަށެވެ.

"ދިރާގު، އުރީދޫ އަދި އާރުއޯއެލްގެ ހިދުމަތްތައް ވެސް ރަނގަޅު. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ އިތުރު ވާދަވެރިކަން ގެނެސްގެން ރައްޔިތުންނަށް އޭގެ ފައިދާވާނަމަ އެ ފުރުސަތު ހުޅުވާލުން، އެ ފުރުސަތު ހުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.