ބާސެލޯނާ

ވަލްވެރުޑޭ ބާސާގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް

ބާސެލޯނާގެ ކޯޗު ކަމުގައި އަންނަ ސީޒަންގައި އޭނާ ދެމިހުންނާނެ ކަމަށް ބުނަން ނޭނގޭ ކަމަށް، އެ ޓީމުގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.

މިދިޔަ ސީޒަންގައި، ބާސާގެ ކޯޗު ކަމާ ހަވާލުވެ، އޭނާ ވަނީ ބާސާއަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސުޕަކަޕުގެ ތަށި ވެސް ބާސާއަށް އޭނާ ހޯދައިދިނެވެ.

ބާސެލޯނާ އާއެކު ކާމިޔާބު ހޯދި ނަމަވެސް، ބާސާގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ވަލްވެރުޑޭއާ މެދު ކަންބޮޑުވުންތައެއް އެބަހުއްޓެވެ. އެއީ ބާސާގައި އޭނާ ކުޅުވަން މަސައްކަތް ކުރާ ގޭމްގެ ސަބަބުންނެވެ. އޭނާގެ މައިގަނޑު ސިސްޓަމް ބިނާ ވެފައި ވަނީ 4-4-2 އަށެވެ. އެހެން ނަމަވެސް ބާސާގެ ރަސްމީ ސްޓައިލަކީ 4-3-3 އެވެ. ވަލްވެރުޑޭއަކީ ކޯޗެއްގެ ގޮތުގައި ލީޑާޝިޕް ނެގުމުގައި ވަރުގަދަ ނަމެކެވެ. ޓީމުގެ މައްސަލަތައް ހައްލު ކުރުމުގައި އޭނާ ޑީލް ކުރަނީ ފަރުވާތެރި ކަމާއެކު އެވެ. މި ސީޒަންގައި ވާދަވެރި ރެއާލް މެޑްރިޑް 5-1 ން ބަލި ކުރި މެޗުގައި ވަލްވެރުޑޭ ގެންގުޅުނު ޓެކްޓިކްސްއަށް ގިނަ ބަޔަކު ތައުރީފް ކުރި އެވެ.

ބާސާގެ ބައެއް ނިންމުންތަކާ މެދު ވަލްވެރޑޭގެ ހިތްހަމަ ނުޖެހުންތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާސާގެ ސްޕޯޓިން ޑައިރެކްޓާ ރޮބަޓް ފެނާންޑޭޒް މިދިޔަ އަހަރު ކުރީ ކޮޅު ވަޒީފާއިން ވީއްލުންވެސް ހިމެނެ އެވެ. އަދި އޭނާގެ ރައުޔެއް ނެތި ޕައުލީނިއޯ ވިއްކާ ލުމާއި ފްރާންސްގެ ބޯޑެކްސްއިން މެލްކޮމް ގެނެސް ބާސާއަށް ސޮއި ކުރުމުގައި ވަލްވެރެޑޭގެ ބަސް ހޯދާފައި ނުވުމުން އޭނާގެ ހިތްހަމަނުޖެހުތައް ވެސް އެބަހުއްޓެވެ.

މިދިޔަ އަހަރު، ވަލްވެރުޑޭ ބާސާއާއެކު ސޮއި ކުރީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓް ހަމަވާނީ އަންން ޖޫން މަހު އެވެ. އޭނާ އާއެކު ހެދި ކޮންޓްރެކްޓްގައި އިތުރު އަހަރަކަށް ހުރުމުގެ އިހްތިޔާރު އެބައޮތެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޮއު މީގެ ކުރިން ވިދާޅުވެފައި ވަނީ ވަލްވެރްޑޭ ޓީމުގައި ހުންނާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

"އަންނަ ސީޒަން؟ އަހަންނަކަށް ނޭންގެ އަހަރެންގެ ކުރިމަގު އޮތް ގޮތެއް، ނުވަތަ އަހަންނަކަށް ނޭންގެ އަދި އަހަރެން ކުރާނެ ކަމެއް،" ބާސެލޯނާ ޓީވީއަށް ދިން އިންޓަވިއުގައި ވަލްވެރުޑޭ،54 ބުންޏެވެ. "ފުޓްބޯޅައިގައި ނޭންގޭނެ ވާނެ ގޮތެއް، ކަންކަން މި އޮންނަނީ އަބަދު އެއްގޮތަކަށް ނޫން، ދިގުމުއްދަތަކަށް ކުރަން އޮތް ކަމަކާ މެދު ނުވިސްނޭނެ."

"އަހަރެން ބޭނުން ހުރިހާ އެންމެންވެސް އަހަރެންނާއި އަހަރެންގެ ކޯޗުން ސްޓާފުންނާއި ކުޅުންތެރިންގެ މަސައްކަތާ މެދު އުފާވެފައި ތިބެން، ނަމަވެސް ފުޓްބޯޅައިގައި އެކަމަކީވެސް ޔަގީންކަން އޮންނަ ކަމެއް ނޫން."