ކާޑިފް ސިޓީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައަށް އަލުން ޓޮޓެންހަމް ހޮސްޓްޕާސް ޖެހިލައިފި އެވެ.
މެޗު ފެށުނު ތަނުން، ފޯވަޑް ހެރީ ކޭން ވަނީ، ޓޮޓެންހަމް ލަނޑު ޖަހައިދީފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ވޯލްވާ ހެމްޓަން ވޮންޑާސް އަތުން ހީނުކުރާ ގޮތަކަށް ޓޮޓެންހަމް ބަލިވި ނަމަވެސް އެ ކަމުގެ ނުތަނަވަސް ކަމެއް އެޓީމުގެ ފަރާތުން ފެނިގެން ނުދިޔަ އެވެ.
ވޭލްސްގެ ދެކުނު ސަރަހައްދުގައި އޮންނަ އެ ގައުމުގެ ވެރިރަށް ކާޑިފް އަށް ނިސްބަތްވާ ކާޑިފް ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ޓޮޓެންހަމްއާ ދެކޮޅަށް އެ ޓީމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ޓޮޓެންހަމްގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފަުގަ އެވެ.
އެއާ ހިލާފަށް ކާޑިފްއަށް އެޓީމުގެ ފުރަތަމަ ހަމަލާވެސް އުފެއްދުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ކްރިސްޓައިން އެރިކްސަން ކާމިޔާބު ކުރީ ސަން ހިއުންގް މިން މެޗުގެ 12 ވަނަ މިނެޓްގައި ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ސަން އެވެ.
ޓޮޓެންހަމް ދެ ވަނައިގައި އޮތީ، މިހާރު ތިން ވަނަ އަށް ވެއްޓިފައިވާ މެންޗެސްޓާ ސިޓީއަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ، ސިޓީއާ ލިވަޕޫލް ކުޅޭ މެޗުން ސިޓީ ބަލި ވެއްޖެނަމަ ދެ ވަނައިގައި ޓޮޓެންހަމް ދެމި އޮންނާނެ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނީ، ރޭ އޭނާގެ ޓީމުން ދެއްކި ކުޅުމާއެކު ޓޮޓެންހަމްއަށްވެސް ތަށި ހޯދޭނެ ކަމުގެ ވިސްނުން ގަބޫލު ކުރެވިއްޖެ ކަމަށެވެ.
ފަސް ވަނައިގައި އޮތް އާސެނަލް ރޭ ވަނީ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ން ކާމިޔާބު ކޮށްފަ އެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބު ކުރީ ގްރެނިޓް ޒަކާ، އެލްގްޒެންޑާ ލަކެޒެޓް، އާރޮން ރަމްސީ އަދި ޕީއާ އެމްރިކް އޮބާމެޔެންގް އެވެ. ފުލަހަމްގެ ލަނޑު ކާމިޔާބު ކުރީ އަބޫބަކު ކަމަރާ އެވެ.