ކުޅިވަރު

ހޯދި ތަޖުރިބާގެ އަލީގައި ނިއާ ކޯޗިން ކެރިއާއަށް!

މާޖީދިއްޔާ ސްކޫލަށް ކުޅެމުން ދިޔައިރު، އޭނާގެ ކުޅުން ފާހަގަ ވެގެން، ނިއު ލެގޫންސްގެ މީހުން އޭނާގެ ސޮއި ހޯދަން އައެވެ. އެހެންނަމަވެސް ސްުކޫލްގައި ކިޔަވަމުން ދާތީ ކުލަބެއްގެ އޮފިޝަލް ކޮންޓްރެކްޓްގައި ސޮއި ކުރުމަކީ މަނާކަމަކަށްވުމުން އޭނާ މަޑު ކުރީ އެވެ. އޯލެވަލް އިމްތިހާން ނިމުނުތަނާ ހެން ނިއު ލެގޫންސްގެ މީހުން އައިސް އޭނާގެ ސޮއި ހޯދައިގެން ހިނގައްޖެ އެވެ. މިއީ ތަޖުރިބާކާރު މިޑްފީލްޑަރު އަހްމަދު ނިއާޒުގެ ފުޓްބޯޅައިގެ ކެރިއާ ފެށުނު ގޮތެވެ.

ނިއު ލެގޫންސްއިން 1999 ވަނަ އަހަރު ކެރިއާ ފެށި މިޑްފީލްޑަރުގެ ޖެހިގެން އައި އަހަރު ކުޅުން މެދުކަނޑަލަން ޖެހުނީ އޭރުގެ ގަވާއިދު އޮންނަ ގޮތުން ސްކޫލް ނިންމުމަށް ފަހު އަސްކަރިއްޔާގައި ހިދުމަތް ކުރަން ޖެހުމުންނެވެ. ދެހާސް ވަނަ އަހަރު، އެންއެސްއެސް [މިހާރުގެ އެމްއެންޑީއެފް] ގެ ވަޒީފާ އަށް ނިއާ ވަނެވެ. ތިން އަހަރުގެ ބޮންޑު ފުރިހަމަ ކުރުމަށްފަހު، އަލުން އޭނާ ފުޓްބޯޅައިގެ ތެރެއަށް އައެވެ. ދެހާސް ތިން ވަނަ އަހަރު ވެލެންސިއާ އިން އަލުން ފުޓްބޯޅައިގެ ތެރެއަށް ނިކުތެވެ.

މިދިޔަ އަހަރު ގްރީން ސްޓްރީޓަށް ކުޅުމަށްޓަކައި، އެ ޓީމަށް އޭނާ ސޮއިވެސް ކުރި އެވެ. ޓީމުގެ ޕްރެކްޓިހަށްވެސް ނިކުތެވެ. ނަމަވެސް ފަހުން އޭނާ ބަދަލުވީ ވިކްޓަރީ އަށެވެ. ވިކްޓަރީއަށް ކުޅެން އުންމިދު ކޮށްގެން އޭނާ ބަދަލުވި ނަމަވެސް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވެފައި ވުމުން އޭނާ މަސައްކަތް ކުރަން ޖެހުނީ ވިކްޓަރީގެ ކޯޗް ލާޒްލޯ ކިސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް އެއަށް ވުރެ ކުރިން، ނިއާ ކޯޗިންގެ ތެރެއަށް ނިކުމެއްޖެ އެވެ. މިިދޔަ އަހަރު ކުރީ ކޮޅު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގައި ތިނަދޫ ޓީމުގެ ކޯޗަކަށް ހުރީ އޭނާ އެވެ. ކިސްގެ އެސިސްޓެންޓް ކޯޗަކަށް ބަދަލުވީ އޭގެ ފަހުންނެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ އޭއެފްސީ ކޯޗިންގެ ސީ ލައިސެންސް ކޯސް ފުރިހަމަ ކޮށްފަ އެވެ.

ނ އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ބާއްވާ 'ސިޔާމް މައުރޫފް ސޮކާ ކަޕު' މިއަހަރުގެ ޗެމްޕިއަންކަން ކެނދިކުޅުދީއިން ހޯދީ ނިއާގެ ކޯޗު ކަމުގެ ދަށުންނެވެ. ނިއާ ދެކޭ ގޮތުގައި އޭނާގެ ކެޗިން ކެރިއާއަށް އެންމެ ބޮޑަށް މަގު އަލި ކުރާނެ އެއް ބައްތި އަކީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޯދި ތަޖުރިބާ އެވެ.

މެދުކެނޑުމެއް ނެތި 14 އަހަރު ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އޭނާ ކުޅުނެވެ. އޭނާގެ އެންމެ ހާއްސަ ސީޒަނަކީ 2013 ވަނަ އަހަރުގެ ސީޒަނެވެ. ނިއު ރޭޑިއަންޓުން ޑޮމެސްޓިކް ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށް ހުރިހާ މެޗަކުން މޮޅުވި ސީޒަނެވެ. އެ ފަހަރު ނިއާ ވަނީ މޮޅު ކުޅުމެއް ނިއުގެ މެދުތެރޭގައި ދައްކާފަ އެވެ. އެ ޓީމުގައި ދެއްކި ކުޅުމާއެކު ގައުމީ ޓީމުންވެސް އޭނާ ޖާގަ ހޯދި އެވެ.


"ދެން ވާދަވެރި މެޗެއްގައި ކުޅޭކަށް ދަނޑަށް ނުނިކުންނާނަން، އެބައި މި ނިންމާލީ ދެން،" ނިއާ ވާހަކަ ދެއްކި އެވެ. "އަޅުގަނޑުގެ ވިސްނުން މިހުރީ ދެން ކޯޗިންއަށް، މިހެން ކޯޗެއްގެ ގޮތުގައި ހުރެލީމަ އެބަ އިހްސާސް ކުރެވޭ ކޯޗަކަށް އަންނާނެ ޕްރެޝާ، ހޭންޑަލް ކުރަން ޖެހޭނެ ކަންކަންވެސް، އެހެންވެ ވަރަށް ޝައުގުވެރި މަސައްކަތަކަށް ކޯޗުކަން ވެއްޖެ."

"އަޅުގަނޑުގެ އެންމެ ބޮޑު ޕްލަސް ޕޮއިންޓަކަށް ވާނެ ކަންނޭންގެ އަހަރުތަކެއް ވަންދެން ފުރަތަމަ ޑިވިޝަންގައި ކުޅުން، ދެން ވަރަށް ބައިވަރު ކޯޗުންނާއެކުވެސް މަސައްކަތް ކުރެވުން ވާނެ އަޅުގަނޑަށް ލިބޭ އިތުރު އެޑްވާންޓޭޖަކަށް."