ހަބަރު

ޕީޖީ އަމަލު ކުރަންޖެހޭ ސިޔާސަތުތަށް އޭޖީ ކަނޑައަޅުއްވައިފި

ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތުތައް، ބަންޑާރަ ނައިބް ކަނޑައަޅުއްވާ އެ އޮފީހަށް އަންގަވައިފި އެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ)ގެ ދަށުން ބަންޑާރަނައިބް ކަނޑައެޅި ސިޔާސަތުތަކުގެ އެއް މަގުސަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރެވި، އެފަރާތްތަކުގެ ކިބައިން މުޖުތަމައު ރައްކާތެރިކޮށްދިނުމުގެ މަގުސަދު ހާސިލުކުރެވިގެންދާއިރު، އެކަން ކުރެވެނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން އެފަރާތަށް ލިބިދިނުމާއެކު، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށް ބާރުއެޅުން ކަމަށް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ބަންޑާރަނައިބްގެ އޮފީހުން ބުނީ 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށްފަހު އެ އަހަރު ޢާންމުކުރެވުނު ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިއޮތީ، ކުށުގެ ބާވަތަށް ބިނާކޮށް، ޢާންމު އުސޫލެއްގެ ގޮތުން ދައުވާކުރެވެންވާނެ ބާވަތުގެ މައްސަލަތަކެއް ފާހަގަކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ބަންޑާރަނައިބު ޢާންމުކުރެއްވި ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަކީ، ޖިނާއީ ކުށްކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް އޭނާ ބޭނުންކުރުމުގައި އިސްކަންދޭންވީ ބާވަތުގެ މައްސަލަތަކެއް ކަނޑައެޅުއްވުމަށް ބުރަވުމުގެ ބަދަލުގައި، އެ މަސްއޫލިއްޔަތު ޕިޖީ އަދާކުރަނީ އަދި އެކަން ކުރުމުގައި އޭނާއަށް ލިބިދޭ ބާރުތައް ބޭނުންކުރަނީ، ވަކި ފަރާތަކަށް ބުރަނުވެ، މިނިވަންކަމާއެކު، ތައައްސުބުން އެއްކިބާވެ، ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ކަށަވަރުކުރުން ކަމަށެވެ.

އެގޮތުން، ޖިނާއީ މައްސަލަތަކުގައި ދައުވާކުރެއްވުމުގައާއި، އެދައުވާތައް މުރާޖާކުރުމުގައާއި، އަދި ދައުވާނުކޮށް ދޫކޮށްލުމަށް ނިންމަވާ ނިންމެވުންތައް ނިންމަވަނީ، ހަމަހަމަކަމާއެކު، ހާމަކަންބޮޑު ގޮތެއްގައި، އަދި ގާނޫނީ ހަމަތަކާއެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި ޕީޖީ ރިއާޔަތްކުރަންވާނެ އާންމު ސިޔާސަތުތަކެއް ހިމެނުމުގެ އިތުރުން، ބަންދުކުރެވޭ މީހުން ބަންދުކުރެވޭ ހާލަތްތަކާއި ބަންދުގައި ބޭތިއްބޭނެ ޝަރުޠުތައް މުރާޖަޢާކުރެއްވުމުގެ މަސްއޫލިއްޔަތާއި، ތަހުގީގީ އިދާރާތަކުން ހިންގަންޖެހޭ ތަހުގީގުތައް ހިންގާތޯ ބެލުމަށް ގާނޫނުއަސާސީން ޕީޖީއަ މަތިކޮށްފައިވާ ޒިންމާތައް، ހާމަކަންބޮޑު ގޮތެއްގައި އަދާކުރުމަށް ބާރުއެޅުއްވުމަށްޓަކައިވެސް އުޞޫލުތަކެއް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ބަންޑާރަ ނައިބް އޮފީހުން ބުނީ އެ ސިޔާސަތުތަކަކީ، ކުޑަކުދިންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭއިރު، އެ ކުދިންގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުސޫލަކުން، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެކުދިންނާމެދު ކަންކުރެވިގެންދިޔުމަށް ބާރުއަޅައިދޭ ސިޔާސަތުތަކެއް ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ބަންޑާރަނައިބު އަލުން ކަނޑައެޅުމާއެކު، 2008 ވަނަ އަހަރު ޢާންމުކޮށްފައިވާ ސިޔާސަތުތައް އުވުނީކަމަށްވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.