ހަބަރު

ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމަށް ހަދީއްޖާ ޝަބީން، ސްޓޭޓް މިނިސްޓަރަކަށް އިފްހާމް

ބަންޑާރަ ނައިބު އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމަށް، ހަދީޖާ ޝަބީން އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑާ މެންބަރު، އިފްހާމް ހުސައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހަދީޖާ ޝަބީން އެމަގާމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ. ހަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަސިޓީ އިން ގާނޫނީ ދާއިރާއިން މާސްޓާޒް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަންއިން ބެޗްލާ އޮފް ލޯސް ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހަދީޖާ ޝަބީންއަކީ ގާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހަދީޖާ ޝަބީން މީގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ މަގާމުތަކުގެ އިތުރުން އަމިއްލަ ލޯ ފާމްތަކުގައިވެސް ގާނޫނީ ދާއިރާއިން މަސައްކަތްކުރައްވައިފަ އެވެ.

ޖެންޑާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އިފްހާމް ވަނީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދާން ކުއީންސްލަންޑުން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލާސް ޑިގްރީ އިން އާލީ ޗައިލްޑްހުޑްއިން ހާސިލްކުރައްވައިފި އެވެ. އޭނާ އަކީ ކުރީގެ ފަސްޓް ލޭޑީ، އިލްހާމް ހުސެއިންގެ ކޮއްކޯފުޅެވެ.