ޓްރާންސްފާ މާކެޓް

އެމެރިކާގެ އަގުބޮޑު ކުޅުންތެރިޔާ ޕްލިސިކް ޗެލްސީއަށް

އެމެރިކާގެ ފުޓްބޯޅަ ތާރީހްގައި، އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ކްރިސްޓިއަން ޕްލްސިކް ޗެލްސީއަށް ސޮއި ކޮށްފި އެވެ.

ބޫރޫޝިއާ ޑޯޓަމުންޑަށް ކުޅެމުން ގެންދާ ފޯވަޑް، ޗެލްސީއަށް ސޮއި ކުރީ 73 މިލިއަން ޑޮލަރަށެވެ. އިއްޔެ ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާގައި ޕްލިސިކް ޗެލްސީއަށް ސޮއި ކުރި ނަމަވެސް މި ސީޒަންގެ ނިޔަލަށް ޗެލްސީން ވަނީ އޭނާ ލޯނެއްގެ ގޮތުގައި ޑޯޓަމަންޑްގައި ބައްހައްޓަން އެއްބަސް ވެފަ އެވެ.

ޕްލިސިކް 20، ޑޯޓަމުންޑަށް އެންމެ ފުރަތަމަ ބަދަލުވީ އެކެޑެމީގެ ކުޅުންތެރިޔެއްގެ ގޮތުގައި 2015 ވަނަ އަހަރު އެވެ. ޑޯޓަމުންޑްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ އުމުރުން އެންމެ 17 އަހަރުގަ އެވެ.

ޗެލްސީއަށް ސޮއި ކުރުމަށް ފަހު ޕްލިސިކް ބުނީ، ޗެލްސީ ކަހަލަ ތާރީހީ ކުލަބަކާ ގުޅުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ޗެލްސީގެ ޑައިރކްޓާ މަރީނާ ގްރަނޮސްކައާ ބުނީ، ޖަރުމަން ލީގްގައި ޕްލިސިކް މޮޅު ކުޅުމެއް ދައްކަމުންދާ ކަމަށާއި އޭނާ އަކީ ކުރިއަށް އޮތް ތަނުގައި ޗެލްސީގެ މުހިންމު ކުޅުންތެރިޔާއަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.