ލައިފްސްޓައިލް

ދަރިފުޅު ކުޅެން ދޭންވީ ކޯނޗެއް؟

ތުއްތު ކުދިންގެ ހެދި ބޮޑުވުމަށް ދުޅަހެޔޮ ކާނާއި ނިދުން ވަރަށް މުހިއްމުވާ ފަދައިން، ކުޅުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެންމެ ތުއްތުއިރުން ފެށިގެން ތުއްތު ކުދިން ޝައުގުވެރިކަން ހުންނަ ތަކެތި އެ ކުދީން ކުޅެން ހޯދައި ދިނުމަކީ އެކުދިންގެ ސިކުނޑި ތަރައްގީވުމަށް ވަރަށް ބޮޑަށް އެހީއަކަށއްވާ ކަމެކެވެ.

ފިހާރަތަކުގައި އަގު ބޮޑުކޮށް ވިއްކަން ހުންނަ އެކި ފާޑު ފާޑުގެ ޕްލާސްޓިކް ކުޅޭ ސާމާނަށްވުރެ ފަހަކަށް އައިސް ސެންސަރީ ޕްލޭގެ މުހިއްމުކަން މައިންބަފައިންގެ މެދުގައި މަގުބޫލުވެގެން އެބަ އާދެ އެވެ.

ސެންސަރީ ޕްލޭއަކީ ކޮބައި ހެއްޔެވެ؟ ކުޅުމުގައި ކުއްޖާގެ ފެނުމާއި އަތްލުމާއި އިހްސާސް ކުރުމާއި އަޑުއެހުމާއި ރަހަބެލުމުގެ އިތުރުން ބެލްންސް ކުރުމާއި ހަށިގަނޑުގެ ކޯޑިނޭޝަން ގުޅުންހުރި ހަރަކާތްތަކަށް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ކިޔައި އުޅޭ ނަމެކެވެ.

ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވާ ގޮތުގައި ސެންސަރީ ޕްލޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ތުއްތު ކުދިންނަށް ކުރުވަ އެވެ. ތުއްތު ކުދިންގެ ސިކުނޑި ތަރައްގީވުމުގެ އިތުރުން އެ ކުދީންގެ ފައިން މޮޓާ ސްކިލްސް ތަރައްގީވެ އެވެ. އެހެން ކުދިންނާއިއެކު ކުޅެން ދަސްވުމާއެކު ކުއްޖާގެ ބަސްކޮށާރު ވެސް މުއްސަންދި ކުރުވަ އެވެ.

ކުޅުމުގެ ތެރެއިން މިފަދަ ގިނަ ފައިދާ ކުއްޖާއަށް ކުރާނަމަ މިފަދަ ފުރުސަތު ތުއްތު ކުދިންނަށް ހޯދައި ދިނުމަށް މައިންބަފައިން މަސައްކަތްކުރުން ވަރަށް މުހިއްމެވެ. ސެންސަރީ ޕްލޭގެ ގޮތުގައި ކުއްޖާއާއެކު ވަގުތުހޭދަ ކުރާ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް މި ފަސް ކަންތައް ކުރެވިދާނެ އެވެ.

1 . ކުޅެން ގަނޑުފެން ދިނުން

ގަނޑު ފެނަކީ ކުއްޖާ ޝާމިލު ކޮށްގެން ފަސޭހައިން ކުޅެން ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. މިގޮތުން ގަނޑުފެނުގައި އަތްލާން ދިނުމާއި ފިނިކަން އިހްސާސްވުމުން "ފިނި" މި ބަސް ދަސްކޮށްދީ އެހެން ފިނި އެއްޗެހި ސިފަ ކުރުމަށް މި ބަސް ދަސްކޮށް ދެވިދާނެ އެވެ. އަދި ތުއްތު ދަރިފުޅު ކުޅޭ ކޮންމެވެސް އެއްޗެއް ފެނަށްލައި އައިސްކޮށް އަލުން އައިސްގަނޑު ތެރެއިން އެ ކުޅޭއެތި ހޯދަން މަސައްކަތް ކުރުން ވެސް ވަރަށް މަޖާ އަދި ފައިދާ ހުރި ކަމަކަށް ވެދާނެ އެވެ.

2 . ތަފާތު ޓެކްސްޗާ ތަކުގެ މެޓީރިއަލް ދިނުން

ސެންސަރީ ބިން އެއް ތައްޔާރު ކުރާށެވެ. ތަފާތު އެކި ވައްތަރުގެ އެކި މެޓީރިއަލްގެ ފޮއްޗާއި ކަރުދާސް ހިމެނޭ ގޮތަށް ފޮއްޓެއް ހަދާފައި ވެސް ތުއްތު ދަރިފުޅަށް ދެވިދާނެ އެވެ. މިސާލަކަށް މަހުމާ ފޮއްޗާއި ސެޓިންފޮއްޗާއި ހިލަ ކަރުދާހާއި، ކާޑުބޯޑާއި ސެލޯފިން ފަދަ ތަކެތި އެކައްޗަކަށް އަޅައި އެ އެއްޗިހީގައި އަތްލައިގެން ތަފާތު ކިޔައި ދިނުމަށް އެހީ ވެވި ދާނެ އެވެ.

3 . ކުލަ ޖެއްސި ހަނޑޫ ދިނުން

ކުލަ ގަދަ އެއްޗިސްއަކީ ކުޑަކުދިންގެ ހިތް ވަރަށް އަވަހަށް އެފަދަ އެއްޗެއްސަށް ދަމައިގަންނަ އެއްޗެއްސެވެ. ބޮޑު ޓްރޭއަކަށް ކުލަ ޖައްސާފައިވާ ހަނޑޫ އެޅުމަށްފަހު ކުދި ސަމްސާތަކެއް ބޭނުން ކޮށްގެށް ބިއްލޫރި ފުޅިތަކަކަށް ހަނޑޫ އެޅުމަށް ކުއްޖާގެ ކިބައިން އެދެވިދާނެ އެވެ. މިފަދަ ކަންކަމަކީ ކުއްޖާގެ ޝައުގުވެރިކަން އެއް ހަރަކާތަކަށް ހުއްޓި ކުއްޖާގެ ފޯކަސް ރަނގަޅުވުމުގެ އިތުރުން ފައިން މޮޓޯ ސްކިލް ބިނާ ކުރާނެ ކަމެކެވެ.

4 . ސައިންސް އެކްސްޕެރިމެންޓް ހެދުން

ބޭކިން ސޮޑާއަށް ވިނިގާ އެޅުމުން ފޮނު އަރާ ވަހެއް ވެސް ދުވަ އެވެ. ކުރިން ބުނި ގޮތަށް ސެންސަރީ ޕްލޭއަކީ ހަމައެކަނި އަތްލުމާއި އިޙްސާސްގެ އިތުރުން ވަސްބެލުން ވެސް އޭގައި ހިމެނޭ ކަމެކެވެ.

5 . ޝޭވިންގް ފޯމް

ބޮޑު ޓްރޭއަކަށް ޝޭވިން ފޯމް އެޅުމަށްފަހު ކުއްޖާ އާއްމުކޮށް ބޭނުންކުރާ އެއްޗެއް އޭގައި ފޮރުވާ ހޯދަން ބުނެވިދާނެ އެވެ. މީގެ އިތުރުން ކިޔަވަން ގެންގުޅޭ އަކުރުތަށް ވެސް ޝޭވިން ފޯމުގައި ފޮރުވާ ވަކި އަކުރުތައް ހޯދަން ހަވާލު ކުރެވިދާނެ އެވެ.

މިއީ ހައްތަހާވެސް ސެންސަރީ ޕްލޭގެ ގޮތުގައި ގޭތެރޭގައި އާއްމުކޮށް ގެންގުޅޭ ސާމަނުތަކުން ކުއްޖާއާއެކު މަޖާ ތަޖުރިބާއެއް ކުރނ ކުރެވިދާނެ ކަންކަމެވެ. އެހެން ނަމަވެސް، ތުއްތު ކުދިންނާއެކު ކުޅުމުގައި ވެސް އެކުދިން އެއްޗެއް އަންގަޔަށް ލައިތޯ ބަލައި ހާއްސަ ސަމާލުކަމެއް ދޭން އަބަދުވެސް ހަނދާން ކުރަން ޖެހެ އެވެ.