މެންޗެސްޓާ ސިޓީއަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެވިއްޖެ ކަމަށާއި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ސިޓީ އޮތީ ތަފާތު ރޫހެއްގައި ކަމަށް އެ ޓީމުގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ މަހު ޖެހިޖެހިގެން ދެ މެޗުން ބަލިވެ، ސިޓީ އުނދަގޫ ހާލަތަކަށް ވެއްޓުނެވެ. އަދި ސީޒަންގެ ފުރަތަމަ ހާފުގައި އެ ޓީމަށް ތާވަލުގެ އެއްވަނަ މަގާމު ގެއްލި، މިހާރު އެއް ވަނައިގައި ލިވަޕޫލާ ހަތް ޕޮއިޓަށް ފެއަށް ޖެހުނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީ، މިދިޔަ ސީޒަންގެ ލީގްގައި ބަލިވީ އެންމެ ދެ މެޗުންނެވެ. އެހެންނަމަވެސް، މި ސީޒަންގެ ފުރަތަމަ ހާފުގައި އެކަނި ތިން މެޗުން ބަލިވެއްޖެ އެވެ. އެހެންނަމަވެސް ސިޓީގެ ކޯޗް ގާޑިއޯލާ ގަބޫލު ކުރާ ގޮތުގައި މިހާރު އެއީ މާޒީ އެވެ.
"އަހަންނަކަށް ހީނުވޭ ކުރިން ވެފައި އޮތް ކަމަކުން މިހާރު އޭގެ އަސަރެއް ކުރާނެހެނެއް،" މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "އިނިގިރޭސި ފުޓްބޯޅައިގައި މާޒީގައި އެންމެ ވަރުގަދަ ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓަޑާއި ލިވަޕޫލް، މާޒީން ލިބޭނެ މޮޅެއްވެސް ނެތް."
ލިވާޕުލްގެ ކޯޗް ޔާގަން ކްލޮޕް އާއި ގާޑިއޯލޯ އެންމެ ފަހުން ކުރިމަތިލި ހަތަރު މެޗަށް ބަލާއިރު، ކްލޮޕް ވަނީ ގާޑިއޯލާގެ މައްޗަށް ތިން ފަހަރު ކުރި ހޯދާފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން ސިޓީ ކަޓުވާލި މެޗުވެސް ހިމެނެ އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިރޭގެ މެޗުން މޮޅުވެ ކްލޮޕްއަށް ސިޓީގެ މައްޗަށް 10 ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް، މިހާރު ދެ ޓީމުގެ ދެމެދުގައި ހަތް ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް މިއީ އަހަރެމެންނަށް ލިބޭ ރަނގަޅު ފުރުސަތެއް ފަރަގު ކުޑަ ކުރަން،" ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "ވަރަށް ގިނަ މީހުން އަހާ އަހަރެމެން ކައިރީ އަހަރެމެން (މިރޭގެ މެޗުން) ބަލިވެއްޖެއްޔާ ކިހިނެއްހޭ ވާނީ، އެހެންނަމަވެސް އަހަރެމެން މަސައްކަތް ކުރާނީ އަހަރެމެންގެ ސްޓައިލްގައި މެޗު ކާމިޔާބު ކޮށް ޕްރިމިއާ ލީގަށް ވާދަ ކުރަން."
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށަނީ ރާއްޖޭގަޑިން ދަންވަރު 1:00 ގަ އެވެ.