ލިވަޕޫލް

ވާދަ ކުރަނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް: ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގްގައި، މިރޭ ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ސީޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ސީޒަންގެ ކުރީ ކޮޅު، ސިޓީ އަކީ ލީގްގެ ފޭވަރިޓެވެ. ނަމަވެސް މިދިޔަ މަހު ޖެހިޖެގިގެން ދެ މެޗުން ބަލިވެ އެ ޓީމަށް އުނދަގޫ މައްސަލަތަކެއް ކުރިމަތިވި އެވެ. ތާވަލުގެ އެއް ވަނައިގައި މިހާރު އޮތް ލިވަޕޫލާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ހަތް ޕޮއިންޓަށް ފުޅާވި އެވެ.

ކްލޮޕް ގަބޫލު ކުރާ ގޮތުގައި، ސިޓީ ތާވަލުގެ ތިން ވަނައިގައި އޮތް ނަމަވެސް އެ ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމެވެ. އޭނާ ބުނީ އެހެން މެޗުތަކުގައި ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ހިތްވަރު ސިޓީއާ ދެކޮޅަށްވެސް އެއްވަރެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އިދިކޮޅު ޓީމަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ޓީމު، 100 ޕަސަންޓް މިއީ އަހަރެން ދެކޭ ގޮތް،" ކްލޮޕް ވާހަކަ ދެއްކި އެވެ. "ސަބަބަކީ އެމީހުން ކުޅޭ ގޮތާއި، އެމީހުން ހާސިލު ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެ މީހުންގެ ގާބިލު ކަމާއި ވަސީލަތްތަކަށް ބަލަޢިރު، އަދި އެ ޓީމުގައި ވަރަށް މޮޅު ކޯޗެއް އެބަހުރި، އެހުރިހާ ކަމެއް އެބަހުރި، އެއްވެސް ކަމެއް އެ ޓީމުގައި ބަދަލެއް ނުވޭ، ހަމައެކަނި ބަދަލުވި އެއްޗަކީ ޕޮއިންޓްގެ ފަރަގު، ނަމަވެސް އެ މީހުން މެޗަށް ތައްޔާރުވާ ތައްޔާރުވުން ބަދަލެއް ނުވޭ."

އަނިޔާގައި ހުރުމަށް ފަހު، ސިޓީގެ ކެވިން ޑިބްރޭނޭ މިރޭގެ މެޗުގައި ދަނޑަށް ނުކުންނާނެ އެވެ. އެއީ ސިޓީއަށް ލިބޭ ބޮޑު އިތުބާރެކެވެ. ކްލޮޕް ވެސް ބުނީ ޑިބްރޭނޭ ފިޓްވުމުން އޭނާ އަށްވެސް ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ.

"އަހަރެން ވަރަށް އުފާވި އޭނާ ފިޓްވެގެން އެބުރި އައުމުން، ސަބަބަކީ ފުޓްބޯޅަ ދެކެ ލޯބިވާ އެންމެންވެސް ވަރަށް ލޯބިވާން ޖެހޭނެ ކެވިން ޑި ބްރޭނޭ ފަދަ ކުޅުންތެރިޔެއް ދެކެ."