(1 ޖެނުއަރީ 2019 އާ ގުޅޭ)
"އެބަހުރިކަން އަހަންނަށް އެނގޭ" އީޝަލް ބުނެލިއެވެ. އެހެންނަމަވެސް ޖަވާބެއް ނައެވެ. ފަސްއެނބުރި ބަލާލަން ބޭނުންނުވެ ހުރެ އީޝަލް މަޑުމަޑުން ކުރިއަށް އައެވެ. އަދި އެ މީހަކު ވެސް ހުރެ އަންނަކަން އެނގެއެވެ. ކުއްލިއަކަށް އީޝަލް އެނބުރިލައި އަތުގައި އޮތް ފަންވަތުން ފަހަތުގައި ހުރި މީހާގެ ގައިގާ ޖެހިއެވެ. ހަމަ އެހިނދު އެ މީހަކު އީޝަލްގެ އަތުގައި ހިފަހައްޓާއި ގާތަށް ދަމާލައިފިއެވެ.
"ރައުލް..." ރައުލްގެ މޭގައި ޖެހިފައި ހުރެ އީޝަލް ގޮވާލިއެވެ.
"އީ..ޝަ..ލް" މަޑުމަޑުން ރައުލް ގޮވާލީ ދަމާލާފައެވެ. އޭރު ދެ މީހުންގެ ވެސް ހަތަރުކަޅި ބައްދަލުވެފައި ހުއްޓެވެ. ރައުލްގެ އަތަށް މަޑުމަޑުން ދޫދެމުން ގޮސް އީޝަލްގެ އަތުން ދޫކޮށްލައިފިއެވެ.
"ކިހިނެއްވީ ތި އައީ؟" އީޝަލްއާ މާ ގާތުގައި ހުރެވުމުން ދުރަށް ޖެހިލުމަށް ރައުލްގެ ނަޒަރު ވެސް ތިރިކޮށްލައިފިއެވެ. ރައުލްގެ ކޮންމެ ހަރަކާތަކަށް އީޝަލް ފަރުވާތެރިކަމާއެކު ބެލިއެވެ.
"ކީއްވެ އެކަނި މިތާ ތި ހުންނަނީ، އެއްވެސް ބަޔަކާ ރައުލް ބައިވެރިވާތަނެއް ނުފެނޭ" އީޝަލް އަހާލިއެވެ.
"އަހަރެންގެ އެކަނި ފިލުވައިދޭންތަ އީޝަލް ތިއައީ" ރައުލް މިފަހަރު ބަލާލީ މާނަފުން ބެލުމަކުންނެވެ. އީޝަލް ލުއި ހިނިތުންވުމެއް ދިނެވެ. އޭނާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ގަސްދެއް އީޝަލްގެ ނެތް ފަދައެވެ.
"މޫދު ދިއްލިފައި އޮތީ ރައުލް ކުރިކަމަކުން ދޯ" އީޝަލްގެ ވާހަކަ އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ.
"އެއީ އީޝަލް ބަލަން ބޭނުންވި މަންޒަރެއްނު" ރައުލް ބުންޏެވެ.
"އަންހެން ކުދީންނާ ތިހެންތަ ވާހަކަދާއުޅެނީ" އީޝަލް އަހާލިއެވެ.
"އަންހެން ކުދީންނާ ވަކި ގޮތަކަށްތަ ވާހަކަދައްކަންވަނީ" ރައުލް ވެސް ކުރީ ސުވާލެކެވެ.
"އަހަރެން އައީމަ ހިތްހަމަނުޖެހުނީތަ؟ އެހެންނަމަ އަހަރެން ދާރިއުސް ގާތަށް މި ދަނީ" އީޝަލް ބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހިނގައިގަތެވެ.
"މަޑުކޮށްބަލަ" ރައުލް ނިކަން އަވަހަށް ބުންޏެވެ. އަމިއްލަ ނަފްސަށް އީޝަލް ހިނިތުންވެލީ ރައުލް ކަންތައްކުރާނޭގޮތް ކުރިން ވެސް އޭނާއަށް އެނގިފައި އޮތީމައެވެ.
"ކީއްކުރަން" އެއްފައި މައްޗަށް ބުރަވެ ބުޑާ ދިމާއިން އެއްއަތް ވިއްދާލައިގެން ހުރެ އީޝަލް ބުނެލިއެވެ. އަދި ރައުލްގެ ޖަވާބަކަށް މަޑުކޮށްގެން ހުރިކަން އަންގާލުމުގެ ގޮތުން ދެބުމަ މައްޗަށް ހިއްލައި ތަޅުވާލިއެވެ. އީޝަލްގެ ހަރަކާތްތައް ހުރި ގޮތް ފެނި ރައުލްއަށް ކުޑަކޮށް ހެވޭގޮތްވިއެވެ.
"ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ" ރައުލް ބުންޏެވެ.
"ރައުލް ބުނީމަ އިނގޭ މި މަޑުކުރީ" ރައުލްއާ ގާތަށް ފިޔަވަޅެއް އަޅާލި އީޝަލް ބުންޏެވެ. ހިނިތުންވެލައިގެން ހުރި ރައުލް ބޯޖަހާލިއެވެ.
"ޒިޔަޒެލް ގާތުގައި ރައުލްދެއްކި ވާހަކަތައް އަހަންނަށް ދާރިއުސް ކިޔާދިން" ފަސްގަނޑުމަތީ ރައުލްގެ ގާތުގައި އިށީން އީޝަލް ބުނެލިއެވެ.
"ދާރިއުސްއާ ބައްދަލުކުރަން މިހާރު އީޝަލް ފިލައިގެން އަންނާކަށް ނުޖެހޭނެއެއްނު" ޝަހާދަތްއިނގިލިން ވެލިގަނޑާ ކުޅެން އިން ރައުލް ބުނެލިއެވެ. އޭނާގެ ހިތުގައި އެވަގުތު ތަފާތު އެތައް ޝުޢޫރެއް އުތުރެމުންދިޔައެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދުލާ ހަމައަށް ގެނައުން ބުއްދިވެރިކަމަށް ރައުލްއަށް ނުފެނެއެވެ.
"ހަމައެކަނި އެހެންވެގެންތަ؟ އަހަންނާ ބައްދަލުކުރާކަށް ރައުލް ބޭނުމެއްނޫންތަ؟" ދެފައިގައި ހިފަހައްޓާލައިގެން އިން ގޮތުން އީޝަލް ވެސް ރައުލްއާ ނަޒަރު ސީދާކޮށްގެން އިނދެ ވާހަކަދައްކަން ބޭނުންނުވާ ކަހަލައެވެ.
"އަހަންނާ ބައްދަލުކުރަން އީޝަލް ބޭނުންވެދާނެތަ؟ ދާރިއުސް ކަހަލަ މީހެއްނޫން އަހަންނަކީ... އަންހެންކުދީންނާ ވާހަކަދައްކާކަށް އަހަންނަކަށް ނޭނގޭ" ރައުލް ބުނެލިއެވެ.
"އަހަންނަށް އެނގޭ ދާރިއުސް ގާތުގައި އަހަރެން އިންއިރު ރައުލް އަހަރެމެންނަށް ބަލާކަން، ރައުލް ނާންނާނެތީ އަހަރެން މިއައީ ރައުލް ގާތަށް... ބައްދަލުކޮށް ވާހަކަދެއްކީމަ ދޯ ކޮންމެ މީހެއްގެ ގޮތް ވެސް އެނގޭނީ، ރައުލް ބުނެދީބަލަ ތީ ކޮންކަހަލަ މީހެއްކަން... އަންހެންކުދީންނާ އަބަދުވެސް ވާހަކަދައްކަނީ ރުންކުރުކޮށްތަ؟" އީޝަލްގެ ތުންފަތުގައިވި ހިނިތުންވުން އިސްއުފުލާލި ރައުލްއަށް ފެނުނެވެ.
"އަހަރެންނާ މިހާ ގާތުގައި އިނުމަށް ފުރުޞަތު ދިން ހަމައެކަނި އަންހެންކުއްޖަކީ އީޝަލްއޭ ބުނެއްފިއްޔާ ޤަބޫލުކުރާނަންތަ؟" ރައުލް އިނީ އީޝަލްއަށް ބަލާށެވެ.
"ރައުލްގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރަންވީ ސަބަބެއް އަދި ނެތް... ޤަބޫލުކޮށްފިން... އެކަމަކު ހިތަށް އަރަނީ ރައުލްމެންގެ ތެރޭގައި ވެސް ހުރެދާނެތާއޭ ރައުލްއަށް ޚާއްޞަ ކުއްޖަކު، ދާރިއުސް ބުނި ރާވިންގެ ޚާއްޞަ ކުއްޖަކު ހުންނަ ވާހަކަ، ދެތިން ދުވަހެއްގެ ތެރޭގައި އެންމެންނާ ބައިވެރިވާން އަންނާނެކަމަށް" އީޝަލް ބުންޏެވެ.
"ދާރިއުސްބުނިތަ އަހަރެންގެ އެކަހަލަ މީހަކު ހުރެދާނޭ" ރައުލް ކުޑަކޮށް އީޝަލްއާ ދިމާއަށް އެނބުރިލިއެވެ. ނިކަން އަވަހަށް އީޝަލް ބޯހޫރާލީ ނޫނެކޭ ބުނާށެވެ.
"ރައުލްގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ރާވިންއަށޭ ބުނި، އެކަމަކު މީހެއް ގާތުގައި އެހުމަށްވުރެ ރައުލް ގާތުގައި އެހުމުން ޔަގީންވާނެއެއްނު" ބޯ އަރިކޮށް އީޝަލް ބަލާލަމުން ހިނިތުންވުމެއް ރައުލްއަށް ދިނެވެ.
"އީޝަލްވާންވީނު އަހަރެންގެ ޚާއްޞަކުއްޖަކަށް" އިރުކޮޅަކު އީޝަލްއަށް ބަލަން އިނދެފައި ރައުލް ބުނެލިއެވެ. އަޖައިބުވެ އަންތަރީސްވީ ފަދައަކުން އީޝަލްއަށް ދެ ލޯބޮޑުކޮށްލެވި އަނގަހުޅުވާލެވުނެވެ.
"ރައުލް ތިކަހަލަ ސަމާސާ ވެސް ކުރަންތަ" އަތުގައި އޮތް ފަންވަތުން ރައުލްގެ ކޮނޑުގައި އީޝަލް ޖަހާލައި ހޭންފެށިއެވެ. ލުއި ހިނިތުންވުމަކާއެކު ރައުލް ބަލަން އިނީ މާނަވީ ގޮތަކަށެވެ. އީޝަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައީ އޭނާގެ ކޯތާފަތުގައި ރައުލްގެ އަތްތިލަ ޖެހުމުންނެވެ. ފިނިކަމުން ގަނޑުފެންކޮޅެއްހާ ރައުލްގެ އަތްތިލަ ފިންޏެވެ. އެ އަތްތިލައިގެ މަތީގައި އީޝަލްގެ އަތްތިލަ ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމައެހިނދު ރައުލްގެ އަތްތިލައިން މަޑުމަޑު ހޫނެއް އީޝަލްއަށް އިޙްސާސް ކުރެވެންފެށިއެވެ. މަޑުމަޑުން އީޝަލްގެ ކޯތާފަތުގައި ރައުލް ފިރުމާލިއެވެ. އަދި ބޮޑުވައި އިނގިލިން އީޝަލްގެ ކަނާތު ބުމައާއި ލޮލުގައި ފިރުމާލިއެވެ.
"ރަ...އު...ލް..." ސިއްރެއް ބުނެލިހެން އީޝަލްއަށް ވައިއަޑުން ރައުލްގެ ނަން ކިޔާލެވުނެވެ. އެއާއެކު ރައުލްއަށް ހަމަވިސްނުން ލިބުނު ފަދައެވެ. އޭނާ މަޑުމަޑުން އީޝަލްއާ ނަޒަރު ވަކިކޮށްލައި އެ މޫނުން އަތް ދުރަށް ލިއެވެ. ނަމަވެސް އެ އަތްތިލައިގެ ތެރެއަށް އީޝަލްގެ އިނިގިލައް މަހާލުމުން ރައުލްއަށް ހައިރާންކަމެއް ލިބި އިސް އުފުލައި އީޝަލްއަށް ބަލާލިއެވެ. އީޝަލްގެ ލޮލުގައިވި ބެލުމާއި އެ ތުންފަތުގައިވި ހިނިތުންވުން ފެނި ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ރައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިސްޖަހާލައި ދެފަރާތަށް ބޯހޫރުވާލީ ވެސް ހިނިތުންވެލައިގެން އިނދެއެވެ.
"ކީއްވެތަ ތިހާ ތަފާތީ؟" ރައުލް އަހާލިއެވެ.
"ތި ސުވާލަށް ޖަވާބުދޭނޭ ގޮތެއް އަހަންނަކަށް ނޭނގޭ" އީޝަލް ބުންޏެވެ. ރައުލްގެ ވައަތްތިލައާއި އީޝަލްގެ ވައަތްތިލަ ގުޅިފައިވާގޮތަށް ރައުލްގެ ނަޒަރު ހުއްޓުނެވެ.
"އީޝަލް... އަހަރެން..." ރައުލް އެއްޗެކޭ ބުނަން އުޅެފައި ވެސް ހުއްޓާލިއެވެ. އޭނާގެ މޫނުން ފާޅުވަމުންދިޔަ އަސަރުތަކުން ހީވަނީ ކޮންމެ ވެސް ކަމަކާ ރައުލް ފަސްޖެހެނީ ހެންނެވެ. އަދި އީޝަލްގެ އަތްތިލައާއި އޭނާގެ އަތްތިލަ ވަކިކޮށްލައިފިއެވެ.
"އެނގޭތަ ލުގަލް އަހަރެމެންނަށް ބަލާކަން" އިރުކޮޅަކު އިނދެފައި ރައުލް ފުންނޭވާއެއް ލީ ގޮތުން ހީވީ އޭނާގެ ނަފްސު ހަމައަކަށް އެޅުވުމަށް ކުރި ކަމެއްހެންނެވެ.
"އަހަރެން މީހުންނަށް އިތުބާރުކުރިޔަސް އެއީ ލުގަލްއަށް ކުރަން ފަސޭހަކަމެއްނޫން، އަހަންނަށް ގޮތެއްވެއްޖެނަމަ އޭނާ ކުރިމަތިލާން ޖެހޭ ތަކުލީފު ވަކި ކުޑައެއްނުވާނޭކަން އަހަންނަށް އެނގޭ" އީޝަލް ބުންޏެވެ.
"ދެން ދޭ އެ މީހުން ގާތަށް" ރައުލް ބުނެލިއެވެ.
"އަހަރެން ފޮނުވާލަން ބޭނުންވަންޏާ ރީތިކޮށް ދާށޭ ބުނެބަލަ" ރައުލްއަށް ބަދަލުތަކެއް އަތުވެއްޖެހެން އީޝަލްއަށް ފާހަގަކުރެވުނެވެ.
"އަހަންނާ ވާހަކަދެއްކުން އެހާ ރަނގަޅުކަމަކަށްނުވެދާނެ" ރައުލްގެ ނިތުގައިވީ ރޫތަކުން އޭނާ ކަމަކާ ކަންބޮޑުވާކަން އީޝަލްއަށް ނަގައިގަނެވުނެވެ.
"ރައުލް..." އީޝަލް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލީ ދުލުން ބޭރުކޮށްލުން މިހިންމުކަމަށް ނުފެންނާތީއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ އިން ތަނުން ތެދުވީއެވެ. އަދި ދާރިއުސްއާއި ލުގަލްބަންދާ ތިބި ދިމާއަށް އައެވެ. އީޝަލްގެ އެ ޢަމަލުން ރައުލްއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. އޭނާ ވެސް ހަލުވިކޮށް އީޝަލްގެ ފަހަތުން ތެދުވިއެވެ.
"އީޝަލް" ރައުލް ގޮވާލިއެވެ. އެހެންނަމަވެސް މިފަހަރު އެ އަޑު އިވުނު ކަމަކަށް އީޝަލް ނުހެދިއެވެ. ރައުލްއަށް ދަތްކުނޑި ވިކާލެވުނީ ރުޅިއަކުންނޫނެވެ. އީޝަލް ފޮނުވާލާކަށް ހަޤީޤަތުގައި ރައުލް ބޭނުމެއްނޫނެވެ. ނަމަވެސް އޭނާއަށް މީގެ ކުރީން އިޙްސާސް ކުރެވިފައިނުވާ އައު ޖަޒުބާތަކުން ހިތުގެ ހިނގުން އަވަސްވަމުންދިޔައީތީ އެ އިޙްސާސްތައް ދެކެ ރައުލް ބިރުގަތީއެވެ. މީ އޭނާއަށް މީގެކުރީން ދުވަހަކު ވެސް ވީގޮތެއްނޫނެވެ. ހަމައެއާއެކު މި ނޫނީ އޭނާ އަންހެންކުއްޖަކާ ވާހަކަދައްކައި އޭނާއާއެކު ވަގުތު ހޭދަކުރާކަށް ޝައުގުވެރިއެއް ވެސް ނުވެއެވެ. އޭނާއަށް ފެނިފައި ހުރި އަންހެންކުދީންނާ އީޝަލް މާބޮޑަށް ވެސް ތަފާތީއެވެ. ބަޔާންކުރާން ދަތި ރީތީކަމާ އެއްވަރަށް އީޝަލްގެ ހިތުގެ މަޢުޞޫމުކަމާއި ސާފުކަން ފެނި އޭނާއާ ގާތަށް ދަމާބާރެއް ރައުލްގެ އަމިއްލަ ނަފްސުގައި އުފެދުނީއެވެ. ނަމަވެސް އެ ޚިޔާލުތަކުގެ އަވައިގައި ޖެހެން ރައުލް ބިރުގަންނަނީއެވެ. އީޝަލް ދިޔަ ދިމާއަށް ބަލަހައްޓައިން ރައުލް ހުރީ ނުދާށޭ ބުނަން ބޭނުންވެ އެކަމަކު އެހެން ނުބުނެވިފައެވެ.
ރައުލް ގާތަށް މީހަކު އަންނަހެން ހީވެ އޭނާ ހިނގައިގަތީ ދުރަށެވެ. އެވަގުތު ސޭމެސްގެ އަޑުއިވުނެވެ. އެ މީހުންގެ ތެރޭގައި އެންމެ ދޮށީ ސޭމެސްއެވެ.
"ރައުލް... މަޑުކޮށްބަލަ" ސޭމެސް ބުންޏެވެ. އެއާއެކު ދެން ފެނުނީ ރައުލްގެ ގާތުގައި ސޭމެސް ހުއްޓައެވެ.
"އެ އަންހެންކުއްޖާ ރައުލްގެ ނިންމުންތައް ބަދަލުކުރާކަން އެނގޭތަ؟... އަހަރެމެން އައިސް މިތިބީ އެނބުރި ދާގޮތަށް، ރަށުތެރޭގެ ކަންތައްތަކަށް ނުބެހޭން ނިންމީ ރައުލް، އެކަމަކު މިހާރު މިފެންނަ މަންޒަރުތައް މާނަކުރަންވީ ގޮތެއް އަހަންނަކަށް ނޭނގުނު" ސޭމެސްގެ ޚިޔާލު ފާޅުކުރިއެވެ.
"އީޝަލްއާ ގުޅުމެއްނެތް... އަހަރެމެން މިތާ މަޑުކުރަނީ ދުވަސްކޮޅަކަށްކަން އެންމެންނަށް ވެސް އެނގޭ، މިކަމުގައި ގޯހެއްނެތް" ރައުލް ނިކަން އަވަހަށް ބުނެލިއެވެ.
"މިފަހަރު އެނބުރި ދިއުމުން ރައުލްގެ ކައިވެނި ބައްޕަ ހަމަޖައްސާނޭހެން ހީވޭ" ސޭމެސް ބުންޏެވެ.
"ޒަގަންގެ ކައިވެނި ހަމަނުޖެހެނީސް ބައްޕަ އެފަދަ ކަމެއް ނުކުރާނެ، ޚާއްޞަކޮށް ކަސްދިޔާ ޤަބޫލެއްނުވާނެ" ރައުލް ބުނެލިއެވެ.
"ބައްޕައާ ދުރަށް ފޮނުވާލުމުގެ ގަސްދުގައި ކަސްދިޔާ އެއްބަސްވެދާނެ، އޭނާގެ ގޮތް ރައުލްއަށް އެނގެއެއްނު" ސޭމެސް ހަނދާންކޮށްދިނެވެ. އެއާއެކު ރައުލްގެ މޫނުމަތިން ނުރުހުމާއި ފޫހިކަމުގެ އަސަރު ފާޅުވެގެންދިޔައެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ ޣައިބުވީއެވެ. ދެން ފެނުނީ މޫދުގެ ތެރެއަށް ފައިބައިގެން ދަނިކޮށެވެ.
"މިހާރު މަންމަ ކީއްކުރީ" ސޭމެސްގެ ފަހަތުން ހަތޯރުގެ އަޑު އިވުނެވެ. އޭރު ރާވިންއާއި ހަތޯރުއާ ދެ މީހުން ސޭމެސް ހުރި ދިމާއަށް އަންނަނީއެވެ.
(ނުނިމޭ)