ހަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓަނީ ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައި: ހެރިޓޭޖް

ދިވެހި ތާރީހާއި ގުޅިފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވާނީ ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތި، ކުރިން ދިރާގު އޮފީސްހުރި ބިމުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމާއި ގުޅޭގޮތުން ހެރިޓޭޖް މިނިސްްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މިސްކިތް ކުރީން ދިރާގު ހެޑް އޮފީސް ހުރި ބިމުގައި ބަހައްޓަން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

ރަސްރަނި ބަގީޗާ ނުވަތަ ކުރީގެ ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. އެމިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓްރީން އަލުން ފަށާފައިވާ އިރު، މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މިހާރު ގެންދަނީ މަރާމާތު ކުރަމުންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ކުރެހުންތައް ތައްޔާރު ކުރުމާއި، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްރޭވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ހެރިޓޭޖުން ވަނީ ބުނެފަ އެވެ.

ހެރިޓޭޖް މިނިސްޓްރީން އިތުރަށް ބުނީ ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތަކީ އެތަށް ބައެއްގެ ޝައުގުވެރިކަން އުފެދިފައިވާ ކަމަކަށްވުމާއެކު އެ ކަމުގައި ހިލޭސާބަހަށް މަސައްކަތް ކުރަންބޭނުން ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށާއި، އެ މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް 7947266 އަށް މެސެޖް ކުރުން އެދޭ ކަމަށެވެ.