ހަބަރު

"އާ މަޖިލީހުގެ ތެރޭން ޓެކްހަށް ބަދަލު ގެންނަންޖެހޭ"

ދެން އަންނަ ރައްޔިތުންގެ މަޖިލީހަކުން ޓެކްހަށް ބަދަލު ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) ގެ މަޖިލިސް ޕްރައިމަރީގެ ކެމްޕެއިން ލޯންޗު ކުރަނަ މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން އުފަންވެގެން އައި އިރު ދައުލަތުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށާއި، އެ ހަތް ބިލިއަން ރުފިޔާއިން ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށްފަހު ތަރައްގީއަށް ހަރަދު ކުރާނެ އެއްޗެއް ނޯންނަ ކަމަށެވެ.

އެންމެ ފަހުން ދައުލަތުން ފާސްކުރި ބަޖެޓުގެ އަދަދަކީ 30 ބިލިއަން ރުފިޔާ ކަމަށާއި، ޓެކްސްގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، ދައުލަތުގެ އާމްދަނީ ވަނީ އެތަކެއް ތަނުން އިތުރުވެފައި ކަމަށެވެ. އަދި ބަދަލްވީ އާމްދަނީއާ އެކުގައި ސަރުކާރަށް ހިންގެން ހުރި މަޝްރޫއުތަށް ވެސް މާބޮޑަށް ގިނަވެފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ އަސަރު ވެސް ހުރިހާ ރައްޔިތުންނަށް ކުރާނެ ތަނެއް ކަމަށާއި، މިފަހަރުގެ މަޖިލިސް ވެގެންދާނީ ފައިސާއަށް ބަރޯސާ ނުވާ ވަގުން ހިފާނެ މަޖިލީހަކަށް ކަމަށެވެ.

މީގެ އިތުރުން މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަށް އަދި ސަރުކާރަށް ލިބޭނެ ގެއްލުމާއި ނިކަމެތިކަން އެއްވެސް ރައްޔިތަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ. ރައީސް ސޯލިހުގެ ވައުދުތަށް ފުއްދުމަށްޓަކައި ހޯދައިދޭންޖެހޭ ބާރުވެރިކަން ހޯދައިދޭންޖެހޭ ކަމަށާއި އެގާނޫނީ ބާރުވެރިކަން ނެތި ދިވެހި ރައްޔިތުން ކުރާ އުމްމީދުތައް ހަގީގަތަކަށް ނުހެދޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.