ހަބަރު

ފެރީ ލޯންޗެއް ފަޅައިގެންގޮސް ދިޔަވުމާއިގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން އދ. ދަނގެއްޗަށް ދަތުރުކުރި ފެރީ ލޯންޗެއް ފަޅައިގެންގޮސް ދިޔަވުމާއި ގުޅިގެން އެލޯންޗަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ 42 މީހުންނާއެކު ދަތުރުކުރި “ފަޒަސް 5” ނަމަކަށްކިޔާ ފެރީ ލޯންޗެއް ފަޅައިގެން ގޮސް ލިލީ ބީޗް ރިސޯޓާ ދިމާ ބޭރުން ދިޔަވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 05:36 ހާއިރުކަމަށެވެ.

އެހާދިސާގެ މަޢުލޫމާތު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުންވަނީ އެސަރަޙައްދަށް ގޮސް، އެލޯންޗުގައި ދަތުރުކުރި މީހުން ސަލާމަތްކޮށް ލޯންޗު ދަނގެއްޗަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، އެލޯންޗުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގައި ފުލުހުންގެ ލޯންޗެއްގެ އިތުރުން ސީ އެމްބިއުލާންސާއި ފަޒަސްގެ އެހެން ލޯންޗެއްވެސް ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ ލޯންޗުން ދަތުރުކުރި އެންމެން މިހާރުވަނީ ދަނގެއްޗަށް ގެންގޮސްފައިވާ ކަމަށާއި، އެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާނުވާ ކަމަށެވެ. އެހާދިސާ ހިނގިވަގުތު ލޯންޗުގައި ދަތުރުކުރި 42 މީހުންގެ ތެރޭގައި 14 ފިރިހެނުންނާއި 20 އަންހެނުން އަދި ކުޑަ 4 ކުދިންގެ އިތުރުން 4 ފަޅުވެރިން ދަތުރުކުރިއެވެ. އޭގެތެރޭގައި ހަތަރު ފަތުރުވެރިންވެސް ހިމެނެއެވެ.