މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓަޑްގައި ދާއިމީކޮށް ހުރެވޭނެގޮތް ސޮލްޝަޔާ ބުނެދީފި

މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުގެ މަގާމުގައި ދާއިމީކޮށް ދެމިހުރެވޭނެ ގޮތް އޭނާ އަށް އެނގޭ ކަމަށް އެ ޓީމަށް މިހާރު ކޯޗު ކޮށްދެމުންދާ ވަގުތީ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ޔުނައިޓަޑްގެ ކޯޗު ކަމުން ޖޯޒޭ މޮރީނިއޯ ވަކި ކުރުމަށް ފަހު، އެ ޓީމުގެ ވަގުތީ ކޯޗު ކަމަށް ޔުނައިޓަޑްގެ ކުރީގެ ފޯވަޑް އަދި އެކެޑެމީ ކޯޗް ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ ހަމަޖެއްސީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ނޯވޭގެ ކުލަބު މޯލްޑޭގެ ކޯޗު ކަމުގައި ހުއްޓައި ޔުނައިޓަޑުން އޭނާގެ އެހީތެރިކަން ބޭނުން ވުމުން އޭނާ ޓީމާ ހަވާލުވީ ލޯން އެއްބަސްވުމެއްގެ ދަށުން ސީޒަން ނިމެންދެންނެވެ.

ސޮލްޝަޔާގެ ކޯޗު ކަމުގެ ދަށުން އެ ޓީމު ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފަ އެވެ. އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި މިރޭ ރީޑިން އާ ދެކޮޅަށް ކުޅޭ މެޗުން ޔުނައިޓަޑް މޮޅު ކޮށްދެވިއްޖެނަމަ ޔުނައިޓަޑްގެ ލެޖެންޑަރީ މެނޭޖަރު މަޓ ބަސްބީ ހަދާފައިވާ ފުރަތަމަ ފަސް މެޗުން މޮޅުވުމުގެ ރެކޯޑާ އަރާ ހަމަ ކުރެވޭނެ އެވެ. ސޮލްޝަޔާ ގަބޫލު ކުރާ ގޮތުގައި ކުލަބުގެ ކުރީގެ ސިސްޓަމާ އެއްގޮތަށް ރީތި ފުޓްބޯޅައެއް ކުޅޭނަމަ އޭނާއަށް ޔުނައިޓަޑްގެ ދާއިމީ ވަޒީފާ ލިބުމާއި އަދި ނުލިބުމުގެ ސަބަބާވެސް ގުޅޭނެ އެވެ.

"ހޫނު މުސުމާ ހަމައަށް މި ސްޓައިލްގައި ކުރިއަށް ގެންދިއުން،" އޭނާއަށް ޔުނައިޓަޑްގެ ދާއިމީ ވަޒީފާ ލިިބުމާ ގުޅިފައި ވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ސޮލްޝަޔާ ބުންޏެވެ. "މީހުން ވާހަކަ ދައްކާނެ މިހާރު އަހަރެމެން ކުޅޭ ހިތްގައމު ސްޓައިލްއާ ބެހޭގޮތުން، އެ ސްޓައިލުން އަހަރެމެންނަށް ހަނދާން ކޮށްދެނީ ސާ އެލެކްސަން ފާގަސަންގެ ޓީމު، އަހަންނަށް އެ ސްޓައިލުން ހަދާން ކޮށްެނީ އަހަރެމެން ޓީމުގެ އެންމެ ކާމިޔާބު ދުވަސްތައް މަތިން."

"އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަހަރެމެންގެ ސްޓައިލް ދެމެހެއްޓުން، ސަބަބަކީ ނަތީޖާ އަމިއްލައަށް ކޮންޓްރޯލް ނުކުރެވިދާނެ ނަމަވެސް، މެޗަށް ގެންގުޅޭ ވިސްނުން ކުޅެން ބޭނުންވާ ސްޓައިލް ކޮންޓްރޯލް ކުރެވޭނެ."