ވިޔަފާރި

ކްރޫޒްލައިނާތައް މާލެ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ހަދައިފި

Jan 5, 2019
1

ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ރާއްޖެ އަންނަ ކްރޫޒްލައިނާތައް މާލެ ކައިރީގައި ބަނދަރު ކުރެވޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ބިޔަ ސަފާރީތަކާއި ސުޕަޔޮޓް ފަހަރު ރާއްޖެ ގެންނަ މޯލްޑިވްސް އެސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ އެދުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ ކްރޫޒްލައިނާތައް މާލެއާ 0.06 ނޯޓިކަލް މޭލް (316.8 ފޫޓު) ކައިރީގައި ބަނދަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ޓޫރިޒަމުން މި ބަދަލު ގެނެސްފައިވާއިރު، ކްރޫޒްލައިނާތަކުން އަންނަ މީހުން ފައިބަން އެއް ނަމްބަރު ފާލަން ސަރަހައްދު ދޭން މާޔާއިން އެދުނެވެ. ނަމަވެސް ސަރުކާރުން ވަނީ މަސްވެރިންގެ ޕާކު ޖެހިގެން އޮންނަ ޖެޓީ މި އުޅަނދު ފަހަރުން އަންނަ މީހުން ފައިބަން ހާއްސަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި ބަދަލު ގެނެސްފައިވާއިރު، މީގެ ތިން އަހަރު ކުރިން ކްރޫޒްލައިނާތައް ބަނދަރު ކުރަމުން ގެންދިޔައީ މި ހިސާބުގަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކްރޫޒްލައިނާތައް ބަނދަރު ކުރެވޭ ސަރަހައްދު ދެ މޭލް (10,560 ފޫޓު) ސަރަހައްދަށް ދުރަށް ޖައްސާފަ އެވެ.

ކްރޫޒްލައިނާ ރާއްޖެ ގެންނަ މާޔާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރު ތެރޭގައި ގިނަ އަދަދެއްގެ އުޅަނދު ފަހަރު ރާއްޖެއަންނާނެ ކަމަށް ބުނެފައެވެ. އެގޮތުން މިހާރުވެސް ކޮންމެ ދެ ހަފުތާއަކުން ކްރޫޒްލައިނާއެއް މާލެއަށް ބަނދަރު ކުރެ އެވެ.