ދިވެހި ސިނަމާ

"ގޮށްރާޅު"ގެ ޓިކެޓް ވިއްކަން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމަންޓްސް އިން ހަތަރެއް ފެބްރުއަރީގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމު ގޮށްރާޅުގެ ޓްރެއިލާ ދޫކޮށްލިފަހުން، ބެލުންތެރިން މި ފިލްމަށް ތިބީ ކެތްމަދު ވެފަ އެވެ. ފިލްމުގެ ތާރީހު ފައިނަލް ކުރެވި މިހާރު ޓިކެޓުތައްވެސް ވިއްކަން ފަށައިފި އެވެ.

ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ ހެނދުނު 10 އަކުން ރޭގަނޑު ދިހަ އަކަށް އޮލިމްޕަސް ސިނަމާއިން ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓުތައް 150 ރުފިޔާ އަށް ވިއްކާއިރު، އެހެން ޝޯ ތަކުގެ އަގަކީ 100 ރުފިޔާ ކަމަށް މޮގާ ބުނެ އެވެ.

އޮލިޕްމަހުގައި ފިލްމު އަޅުވާނެ ގަޑިތަކަކީ ހަވީރު 4:00 އާއި ރޭގަނޑު 9:00 އަދި ރޭގަނޑު 11:00 ޖަހާއިރު އެވެ. "ގޮށްރާޅު" ގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާނެ އިރު، މި ފިލްމުގެ މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވެސް ފެންނާނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓު ޕްރޮޑަކްޝަން ހައުސްއިން މި އަހަރު ތަފާތު ދެ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަ އެވެ. މޫމިން ފުއާދުގެ ވާހަކައަކަށް ނެރޭ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" އާއި ހެއްވާ މަޖާ ޖޯންރާއަކަށް އުފައްދާ "މާމުއި"ވެސް ރިލީޒް ކުރާނީ މި އަހަރު އެވެ.