ކުޅިވަރު

އޭޝިއަންކަޕް: ވޯލްޑްކަޕަށް ތައްޔާރުވާން ގަތަރުކުރާ ދަތުރެއް

ތިން އަހަރު ފަހުން އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ މަރުހަލާގެ ގޮތުގައި އޭޝިއަން ކަޕު ހިމަނައި ޒުވާން ޓީމާކާއެކު، ގަތަރުގެ ޓީމު އަރަބި އެމިރޭޓްސްއަށް ހިނގައްޖެ އެވެ.

މިރޭ ފަށާ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް، ގަތަރު ކަނޑައެޅި އެންމެ ބޮޑު ޓާގެޓަކީ ވޯލްޑްކަޕަށް ވަރުގަދަ ޓީމެއް އެކުލަވާލުމެވެ. އެހެންވެ އޭޝިއަން ކަޕަށް އެ ޓީމުން އެކުލަވާލި ސްކޮޑްުގައި ގިނައީ މުޅިން ޒުވާން ކުޅުންތެރިންނެވެ. މިއަހަރު ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައިވެސް ހާއްސަ މެހެމާނެއްގެ ގޮތުގައިވެސް ގަތަރު ޓީމުން ވާދަ ކުރާނެ އެވެ. އެއީވެސް ވޯލްޑްކަޕަށް ތައްޔާރުވުމަށް އެ ޓީމުން އަޅާ ފިޔަވަޅެކެވެ.

ކުރިން ބާސެލޯނާގެ ޔޫތު ޓީމުގައި މަސައްކަތް ކުރި ފެލިކްސް ސަންޗޭޒް ބަސް، ގައުމީ ޓީމުގެ ހެޑް ކޯޗު ކަމަށް ހަމަޖެއްސީވެސް ގަތަރުގެ ފުޓްބޯޅައިގައި ގިނަ މަރުހަލާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް ފަހު އެވެ. ބާސެލޯނާގެ ޔޫތު ޓީމުގައި 10 އަހަރު މަސައްކަތް ކުރުމަށްފަހު އޭނާ ގަތަރަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރީ ގަތަރުގެ އެސްޕަޔާ އެކެޑެމީގަ އެވެ. ހަތް އަހަރަށް ފަހު އޭނާ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އެވެ. އެއަށްފަހު މަތީ އުމުރުފުރާތަކަށް ކޯޗު ކޮށްދެމުން ސީނިއާ ޓީމާ ހަމައަށް އޭނާ އަށް އާދެވުނީ 2017 ވަނަ އަހަރު އެވެ.

ފެލިކްސް ސަންޗޭޒްގެ ސްކޮޑުގައި ހިމެނޭ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަކީ، އޭނާގެ ކޯޗު ކަމުގެ ދަށުން، 2014 ވަނަ އަހަރު، 19 އަހަރުންދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ، ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ. އެންމެ ފަހުން ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރު މޮޅުވުމުން ދުނިޔޭގެ ސަމާޅުކަން އެޓީމަށް ލިބުނެވެ. އަދި އައިސްލެންޑާ އެއްވަރުކުރުންވެސް ގަތަރުން ފަހުން ހޯދި ކާމިޔާބުގެ ތެރޭގައި ހިމެނެ އެވެ.

ގަތަރާއި، އަރަބި އެމިރޭޓްސްއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑު އެއްފަރާތް ކުރުމަށް ފަހު ގަތަރުގެ ހުރިހާ ފޯކަސް އެއް ހުރީ އޭޝިއަން ކަޕު މެދުވެރިކޮށް ގަތަރުގެ ޓީމަށް ވޯލްޑްކަޕަށް ވޯމްއަޕެއް ދިނުމެވެ. ގަތަރު ހިމެނޭ ގުރޫޕް "އީ" ގައި ސައުދީ އަރަބިއްޔާ ހިމެނުމުން އެ ކުރިމަތިލުން ފޯރިގަދަ ވެގެންދާނެ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، އުތުރު ކޮރެއާ އާއި ލުބުނާން އެވެ.

އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގެ ޝައިހް ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުން އޭޝިއަންކަޕު ފެށިގެންދާނެ އެވެ. ރާއްޖޭގަޑިން މިރޭ 9:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ އެމިރޭޓްސް އާއި ބަހްރެއިން އެވެ.