އާޖެންޓީނާ

އާޖެންޓީނާ ވެސް ކްއާޓާއަށް

ގަތަރުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގުރޫޕް ބީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދު 32 ވަނަ އުފަން ދުވަސް ފާހަގަ ކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އުފަން ދުވަހުގެ ކުރިން ކުޅުނު މެޗަށް ނިކުތް އިރު އާޖެންޓީނާ އޮތީ ގުރޫޕްގެ ފުލުގައި މަރުގެ ތުންފަތް މަތީގަ އެވެ. މެޗުން މޮޅުވެ، ހަތަރު ޕޮއިންޓާއެކު ދެ ވަނަ ބުރަށް ދިއުމަކީ މެސީ އާއި އޭނާގެ އެކުވެރިންނަށް އޭނާގެ އުފަން ދުވަހުގައި ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ގަތަރުން ވެސް އާޖެންޓީނާ އާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިނެވެ. ދެ އަހަރު ފަހުން ވޯލްޑް ކަޕު ބާއްވާ ގަތަރުން ކޮޕާ އެމެރިކާގައި ވާދަ ކުރީ، ވޯލްޑްކަޕަށް ވަރުގަދަ ޓީމެއް ތައްޔާރު ކުރުމަށް ތަޖުރިބާތަކެއް ހޯދުމުގެ ބޭނުމުގަ އެވެ. ގަތަރަކީ އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމު ވެސް މެ އެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު ގަތަރު ކޮޅަށް ވައްދާލީ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، އިންޓަމިލާންގެ ސްޓައިކަރު ލާޓާރޯ މާޓިނޭޒް އެވެ.

އާޖެންޓީނާއިން ލީޑް ނެގި ނަމަވެސް އެ ޓީމަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތެއް ނުލިބުނެވެ. އިތުރު ލަނޑެއް ޖެހުމުގައި އެ ޓީމަށް އުނދަގޫ ކުރިމަތި ވެގެން ދިޔަ އެވެ. ދެ ވަނަ ލަނޑު މެޗުގެ 90 މިނެޓް ހަމަވާ ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ. އޭނާ ލަނޑު ޖެހީ، ޕައުލޯ ޑިބާލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އާޖެންޓީނާއަށް ދެ ޕޮއިންޓްގެ ތަފާތުން، ގުރޫޕްގެ ދެ ވަނަ ލިބުނު ސަބަބަކަށް މެދުވެރިވީ، ގުރޫޕްގެ އެއް ވަނަ ކޮލަމްބިއާ، ސައްތައިންސައްތަ ރެކޯޑަކާއެކު ގުރޫޕް ސްޓޭޖު ނިންމާލުމެވެ. ޕެަރަގުއޭ ދެކޮޅަށް ގުސްޓޯވޯ ކުއެޖާ ކާމިޔާބު ކުރި ލަނޑުން ކޮލަމްބިއާ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. މެޗުގެ ކުރިންވެސް ކޮލަމްބިއާ އޮތީ ކުއާޓާގެ ފުރުސަތު ހޯދާފަ އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ކްއާޓާ ފައިނަލު މެޗުގައި އާޖެންޓީނާ ވާދަ ކުރަނީ ގުރޫޕް އޭ ގެ ދެ ވަނަ ވެނެޒުއޭލާ އާ ދެކޮޅަށެވެ. ކޮލަމްބިއާ ނިކުންނާނީ މިރޭ ކުޅޭ ގުރޫޕް ސީ ގެ ފަހު މެޗުތަކަށް ފަހު އެއް ވަނައިގައި ނިންމާ ޓީމާ ދެކޮޅަށެވެ. ހަ ޕޮއިންޓާއެކު މި ވަގަުތު އެއްވައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އެވެ.