ހަބަރު

އަދީބު ބަހައްޓަނީ ހާއްސަ ޖަލުގައި: ކަރެކްޝަންސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ބަހައްޓަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި އަދީބު ބަންދުކޮށްފައި ހުންނަނީ ކުޑަ ގޮޅިއެއްގައި ވަރަށް ހާލުގައި ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. ނަމަވެސް ކަރެކްޝަންގެ އޮފިޝަލަކު "އަވަސް"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަދީބު މިހާރު ބަހައްޓާފައި ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޝޭހް އިމްރާން އަބްދުﷲ ހުންނެވި ތަނެވެ. އެތަނަކީ ސަރުކާރުގެ އިސް މަގާމްތައް އަދާ ކުރެއްވި ބޭފުޅުން ބަހައްޓަވާ ހާއްސަ ޖަލެކެވެ. އެތަނުގައި އާންމު ގައިދީންނަށް ނުލިބޭ ވަސީލަތްތައް ހުންނަ އިރު ތަން ހަދާފައި ހުންނަނީ ރަނގަޅު ފެންވަރަށް އެޕާޓްމަންޓެއް ގޮތަށެވެ.

ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަށް ފަހު، ޑޮކްޓަރުގެ ލަފާގެ މަތިން އަދީބު ގެއަށް ބަދަލު ކުރީ، މިދިޔަ ނޮވެމްބަރު 27ގަ އެވެ. ނަމަވެސް އަދީބު ގޭގައި ބަހައްޓައިގެން ފަރުވާ ކުރިއަށް ގެންދަން ޑޮކްޓަރުން ލަފާދީފައި އޮތީ 24 ޑިސެމްބަރާ ހަމަޔަށް ކަމަށް ބުނެ، ފުލުހުން ވަނީ އޭނާ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.