އޭދަފުށި

އޭދަފުށީގައި ރާއްޖޭގެ އެންމެމޮޅު ދަނޑު!

ބ. އޭދަފުށީ، ބަހިއްޔާ ސާދާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ޓީމު، މާލެ އައިސް މާލޭ ކުލުބަުތަކާ ވާދަ ކުރަމުން ދިޔަ އެވެ. ހަމައެކަނި ފުޓްބޯޅައަކުން ނޫނެވެ. ޓީމު އިވެންޓްގެ އެކިއެކި ކުޅިވަރުތަކުންނެވެ. އެއީ 70 އަހަރުތަކެވެ. ބަހިއްޔާ ސާދާގެ އަޑު މުޅި ރާއްޖޭގައި އެންމެ ބޮޑަށް ހިއްޕާލީ ފުޓްބޯޅަ ދަނޑުންނެވެ.

މާލޭގެ ރޭޑިއަންޓް ކުލަބާއި، ޓެނިސް ކުލަބާ ވާދަ ކުރަން އޭދަފުށިން ނިކުތް ތަރިންނަކީ، ބިންހިމަގޭ އަބްދުލް އަޒީޒު، އަބުދުއް ރައްޒާގު، އަލީ ވަހީދު، އަބްދުލް ވާހިދުމެން ފަދަ ތަރިންނެވެ. ބިންހިމަގޭ އަބްދު ރައްޒާކީ އޭރު ރާއްޖޭގެ އެންމެ މޮޅު އެއް ފޯވަޑެވެ. އެހާހިސާބުން ފެށިގެން ބ. އޭދަފުށީގެ ފުޓްބޯޅައިގެ އަޑު ދިވެހިންގެ ތެރޭގައި ގުގުމަގުމާ ހުއްޓެވެ. ކުލަބު ވެލެންސިއާގެ ބީ ޓީމުގެ ގޮތުގައި މަޝްހޫރުވި ޖުވެންޓަސްއިން މޭލެއަށް ނިސްތަބްތާވާ ކުޅުންތެރިންނާއެކު ފުރަތަމަ ޑިވިޝަނަށް އެރުމަށް ވަރުގަދައަށް މަސައްކަތް ކުރަމުން ދިޔަ އެވެ.

މޭލޭގެ އެ ޓީމާ ދެކޮޅަށް ދެ ވަނަ ޑިވިޝަންގެ ފައިނަލުގައި ނިކުތީ، ރާއްޖެތެރެއަށް ނިސްބަތްވާ ބ. އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ އެވެ. ޖުވެންޓަސްގެ އުންމީދުތައް ފުނޑުފުނޑުކޮށްލީ ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށް އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވުމުންނެވެ.

ރަށުގެ ހަރު ވެލިދަނޑަށް ކުޅެން ނިކުތް ކުޅުންތެރިންނާއެކު، އޭދަފުފުށީ، ބަހިއްޔާ ސާދާ އާއި އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ ހޯދި ކާމިޔާބުތައް މާޒީއާއެކުވެ ހިނގައްޖެ އެވެ. އެހެންނަމަވެސް އޭދަފުށިން ކުޅުންތެރިން އުފެދިގެން އައުން މެދުނުކެނޑުނެވެ. އެއީ ކުޅުދުއްފުށީގެ ތާރީހުން ބަދަލު ނުވި ސޮފްހާ އެވެ.

މިއަދު މުޅި އެ ރަށުގެ ފުޓްބޯޅައިގެ ތާރީހް ބަދަލު ވެއްޖެ އެވެ. ހަރުވެލި ދަނޑުން ފެހި "ވިނަ" ދަނޑަކަށް ބަދަލު ކޮށްލައިފި އެވެ. ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު މިއަދު އޭދަފުށީގައި ހުޅިވިގެން ދިޔައީ އެވެ.

ހެޔޮ އެދޭ ފަރާތަކުން އޭދަފުށީގައި ބިނާ ކުރި ދަނޑުގެ އެންމެ ހާއްސަ ކަމަކީ، ދަނޑުގެ ފެން ހިންދާ ޑްރެއިން ސިސްޓެމެވެ. އިޓަލީގެ ލިމަންޓޯ ގުރޫޕުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން އިމާރާތް ކޮށްފައިވާ ދަނޑުގެ ޑްރެއިން ސިސްޓަމު މެދުވެރިކޮށް ދަނޑަށް ވެހޭ ފެންގަނޑު ދަނޑުގޭ ބޭރަށް ހިންދާލަ އެވެ.

ރާއްޖޭގައި މީގެކުރިން އިމާރާތް ކޮށްފައިވާ ހުރިހާ ދަނޑެއްގައިވެސް ދަނޑަށް ވެހޭ ފެންގަނޑު ހިންދަނީ ދަނޑުގެ ވިނަގަނޑުގެ އަޑިއަށެވެ. މަޝްހޫރު ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބެރުނެބެއު ސްޓޭޑިއަމްގެ ދަނޑަށްވެސް މި ސިސްޓަމް ފޯރުކޮށް ދެނީ ލިމަންޓޯ ސްޕޯޓް ގުރޫޕުންނެވެ.

އޭދަފުށީ ދަނޑު އިމާރާތް ކޮށްފައި ވަނީ ރަށުގެ އަސްލު ފަސްގަނޑާއި، ހިއްކި ފަސްގަނޑާއި ގޫޅޭ ހިސާބުގަ އެވެ. އެހެންވެ އެތަނުގެ ބިންގަނޑު އެއް ލެވަލަކަށް ގެނައުމަށް ދަނޑު އިމާރާތް ކުރި ކުންފުންނިން ވަނީ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން މުޅި ސަރަހައްދު ކޮނެފަ އެވެ. ދަނޑު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ އޭގެ ފަހުންނެވެ.

އޭދަފުއްޓަކީ ރާއްޖޭގެ ކުޅުންތެރިން އުފައްދާ އެންމެ ބޮޑު ހަބެވެ. މިއަދު އެރަށުގައި ހުޅުވި ދަނޑާއެކު އެ މަސައްކަތް އާ އިންތިޒާމެއްގެ ދަށުން ފެށިގެން ދާނެ ކަމުގެ އުންމީދު ބޮޑެވެ.