ތިން ހެޓްރިކާއެކު، 13-0 ގެ ނަތީޖާ އަކުން، ބ. އޭދަފުށީގެ ކުލަބު އޭދަފުށީގެ މައްޗަށް ކާމިޔާބު ހޯދައި، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކުލަބު ދަތުރު ކޮށްފި އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު، އެފްއޭ ކަޕް އަލުން ބާއްވާއިރު، އެ މުބާރާތުގެ އެންމެ ފަހުގެ ރަނރަފަކީ ޓީސީ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީއަށް ހެޓްރިކް ހަދައިދިނީ، އިޝާން އިބްރާހިމް (ސައްޓު) އާއި އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ސެއިންޓް ވިންސެންޓަށް ނިސްބަތްވާ މެލްކޮމް ސްޓްވާޓް އެވެ. އަޝްފާގް ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ.
މެޗު ފަށައިގެން 10 ވަނަ ސިކުންތުގެ ތެރޭ، ސައްޓު ވަނީ އޭނާގެ އަމިއްލަ ރަށަށް ނިސްބަތްވާ ޓީމު ކޮޅަށް ޓީސީގެ ފުރަތަމަ ލަނޑު ވައްދާލަފަ އެވެ. މެޗުގައި ޓީސީގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ނުކުތީވެސް އޭނާ އެވެ. މެޗުގެ ފުރަތަމަ 15 ވަނަ މިނެޓާ ހަމައަށް ދިއުމުގެ ކުރިން ސައްޓު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ.
ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ، އިސްމާއީލް އީސާ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 19 ވަނަ މިނެޓްގަ އެވެ. ޓީމުގެ ފަސް ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ 23 ވަނަ މިނެޓްގަ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ސްޓާވްޓް ވަނީ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފް، ހަތް ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އާއެކު ޓީސީން ނިންމާލީ 45 ވަނަ މިނެޓްގައި ސްޓްވާޓް ކާމިޔާބު ކުރި ލަނޑުންނެވެ.
ކުލަބު އޭދަފުށި ޓީމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކުޅުނު ފުރަތަމަ ރަސްމީ މެޗަކީ މިއަދު ކުޅުނު މެޗެވެ. އެ ޓީމުގެ ސްކޮޑު އެކުލަވާލާފައި ވަނީ މުޅިން އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންގެ މައްޗަށެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ކާމިޔާބު ހޯދާފައިވާ ތަޖުރިބާކާރު ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ގެ ކޯޗްކަމުގެ ދަށުން ކުޅުނު އޭދަފުށީގެ ޓީމުން ވަނީ ދެ ވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފަ އެވެ. ލަނޑުޖަހާނެ ދެ ފުރުސަތެއްވެސް އެ ޓީމުން ތަނަވަސް ކުރި އެވެ.
ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި އަޝްފާގް ވަނީ ލިބުނު ޕެނަލްޓީ އަކުން ޓީސީގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސްޓްވާޓްގެ ހެޓްރިކް ހެދީ މެޗުގެ 58 ވަނަ މިނެޓްގަ އެވެ. ކައިރިކަިރީގައި ލަނޑު ޖަހަމުން ދިޔަ ނަމަވެސް ދެ ވަނަ ހާފުގެ މެދެއްހާ ހިސާބުން ޓީސީގެ ޜޭޓަށް މަޑު ޖެހުމެއް އައެވެ. އެހެންނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސް ކުރި އެވެ. ހާއްސަކޮށް އަޝްފާގް ވަނީ ޓީސީގެ އެހެން ކުޅުންތެރިންނަށް ފުރުސަތުތަކެއް ތަނަވަސްކޮށް ދީފަ އެވެ.
މެޗުގެ 54 ވަނަ މިނެޓްގައި އޭދަފުށީގެ އިސްމާއީލް ޝަރީފަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
އަޝްފާގް ހެޓްރިކް ހެދީ، މެޗުގެ 72 ވަނަ މިނެޓްގައި، އޭދަފުށީގެ ކީޕަރު އަލީ އަޖުފާން މުހައްމަދު ކައިރިން ފަސޭހަ ކަމާއެކު ނައްޓާލުމަށް ފަހު އެވެ. މެޗުގެ 75 ވަނަ މިނެޓްގައި އިސްމާއީލް އީސާ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 92 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އަޝްފާގް އިތުރު ލަނޑެއް ކާމިޔާބު ކުރި އެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ޓީސީގެ އަހްމަދު ފައްރާހް (ފައްރަ) ވަނީ އެ ޓީމުގެ 13 ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. އޭނާ ލަނޑު ޖެހުމުން ޓީސީގެ ބެންޗުންވެސް ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، ގަތަރުގެ ޓްރެއިނިން ކޭމްޕްގައި ކުރެވުނު މަސައްކަތުން ޓީމުގެ ކޮމްބިނޭޝަން ރަނގަޅު ކަމަށެވެ. އެކަން މެޗުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށް ޝާޒް ފާހަގަ ކުރި އެވެ. އޭނާ ބުނީ، އެހާ ގިނަ ލަނޑުތަކެއް ޖެހުނީ މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑު ޖެހުމުން ކަމަށެވެ.
އޭދަފުށީގެ ކޯޗް ސާންތީގެ ބަދަލުގައި މީޑިއާ އާ ވާހަކަ ދައްކަން އައީ އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާއިން 90ގެ ކުރި ކޮޅު މާލޭގައި ކުޅުނު އިރު އެ ޓީމުގެ މުހިންމު ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން (މަޖިއްޓޭ) އެވެ. އޭނާ ބުނީ އޭދަފުށީގެ އެ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި އެފެންވަރުގެ މެޗެއް މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިޔަކު އެ ޓީމުގައި ނެތް ކަމަށެވެ. އޭނާވެސް ބުނީ ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ވަން ލަނޑުތަކުގެ ސަބަބުން ކަމަށެވެ.
އެފްއޭ ކަޕްގެ ދެ ވަނަ ކުއާޓާ ފައިނަލުގައި މިރޭ ނުކުންނާނީ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން މާޒިޔާ އާއި ކުލަބު ގްރީން ސްޓްރީޓެވެ.