އެމްއާރުއެމް

މައުމޫންގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރާނެ ފަރާތްތައް ހޯދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތް، މައުމޫން ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަައިފި އެވެ.

އެމްއާރްއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްއާރްއެމް ގެ ފަރާތުން މަޖިލިސް އަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހު 10 ކުރިން 7965444 އަށް ގުޅައި ނޫނީ އެސްއެމްއެސްއަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ނޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެމްއާރްއެމް އިން އަންނަނީ، މައުމޫނުގެ ތާއީދާއެކު މަޖިލީހުގެ އިންތިހާބަށް ވާދަ ކުރާނެ ފަރާތްތަކާ އެކު އިންޓަވިއު ކުރަމުން އެވެ. ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތައް އެކުގައި މަޖިލީހުގެ އިންތިހާބުގައި ވާދަކުުރުމަށް ބޭއްވި މަޝްވަރާތަކުން އަދި ވަނީ އަލިމަގެއް ނުފެނި އެވެ. އެމްޑީޕީއިން ނިންމާފައި ވަނީ، މަޖިލީހުގެ 85 ދާއިރާއަށް ނިކުތުމަށެވެ. އަދި އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް، އެތެރޭގެ ޕްރައިމަރީ ބާއްވަން ވަނީ ނިންމައިފަ އެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވަނީ އެ ޕާޓީއިން ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރާނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފަ އެވެ.