ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އައިޖީއެމްއެޗްގައި އަދީބު އެޑްމިޓްކޮށްފި

Jan 5, 2019
4

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ. މިދިޔަ ނޮވެމްބަރުން ފެށިގެން އަދީބުގެ ގޭގައި ބެހެއްޓުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރި ފަހުން ހާލު ގޯސްވެ ޑޮކްޓަރަށް ދެއްކުމުން ލަފާދިނީ އެޑްމިޓްކޮށް ފަރުވާ ދިނުމަށް ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް އަދީބު ޖަލަށް ގެންދިޔުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގާނީ ކާކުތޯވެސް އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެން ނަމަވެސް، އަދީބަށް ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް ނޭނގެ އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭނާ ގެއަށް ބަދަލުކުރީ ވެސް އެ އޮޕަރޭޝަނަށް ފަހު އެވެ. އޭނާ ގެއަށް ބަދަލު ކުރުމާ އެކު އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ މަސައްކަތްތައް ވަނީ ފައްޓަވައިފަ އެވެ.

އަދީބު އަނބުރާ ޖަލަށް ގެންދިޔަ މައްސަލައިގައި އޭނާގެ އާއިލާއާއި އޭނާ ނިސްބަތްވާ އެމްޓީޑީ އިން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުން އެވެ. އަދި އަދީބު އަނބުރާ ޖަލަށް ބަދަލު ކުރީ ޑޮކްޓަރު ދިން ފަރުވާގެ މުއްދަތު ނުނިމެނިސް ކަމަށާއި އެއީ މި ސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއް ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު އަނބުރާ ޖަލަށް ބަދަލު ކުރީ ގޭގައި ބަހައްޓައިގެން ފަރުވާދޭން ޑޮކްޓަރު ލަފާދިން މުއްދަތު މިހާރު ހަމަވެފައިވާތީ ކަމަށެވެ. އަދި އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ސަރުކާރުން ދޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އަދީބު އަނބުރާ ޖަލަށް ގެންގޮސް ބަހައްޓާފައި ވަނީ މާފުށީގައި ހުންނަ، ހާއްސަ ޔުނިޓްގަ އެވެ.