ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިަނީ މާދަމާ މެންދުރު 1:30 އަށެވެ. ޔާމީން ފުލުހަށް ހާޒިރު ކުރާތީ ޕީޕީއެމް އޮފީސް ކުރިމައްޗަށް ސަޕޯޓަރުންނަށް އައުމަށް އެޕާޓީން އަންނަނީ ސަޕޯޓަރުންނަށް ގޮވާލަމުން އެވެ.
ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީންއާ ވަނީ މީގެ ކުރިންވެސް ފުލުސް އޮފީހަށް ހާޒިރު ކޮށް ސުވާލުކޮށްފަ އެވެ. އޭރު ޔާމީން ހާޒިރު ކޮށްފައިވަނީ އެމަނިކުފާނުގެ ކެމްޕޭނަށް ފައިސާ ހޯދި ގޮތުގެ ތަފްސީލު ހޯދުމަށެވެ. ޕުލުހުން ވަނީ ޔާމީންގެ ނަމުގައި ހުރި އެކައުންޓްތައް ވެސް ފްރީޒް ކޮށްފަ އެވެ. އެކައުންޓް ފްރީޒް ކުރިއިރު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކައުންޓްތަކުގައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީން ވިދާޅުވަމުން ގެންދަނީ އެ މަނިކުފާނުގެ އެކައުންޓްގައި ހުންނާނީ ޖާއިޒް ފައިސާ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކެމްޕޭން އެޖެންޓް މޫސާ ޒަމީރާއި އެމަނިކުފާނުގެ ލީގަލް މިނިސްޓަރަކަށް ހުންނެވި އާޒިމާ ޝަކޫރު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ތަހުގީގުގައި ސުވާލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، މޫސާ ޒަމީރާއި އާޒިމާއާ ފުލުުހުން ސުވާލުކުރަނީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރުގެ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ތަހުގީގު ނިމެންދެން ބީއެމްއެލްގެ ކްރޮސް އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ، އެ އެކައުންޓަށް އެ ފައިސާ ޒަމީރުގެ ޗެކަކުން ޖަމާކުރި މައްސަލައިގަ އެވެ.