މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އަނބިކަނބަލުންނަށް އަދީބު ކައިރީ 24 ގަޑިއިރު ހުރެވޭނެ: ކަރެކްޝަންސް

Jan 5, 2019
6

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ދާއިރު، އަނބިކަނބަލުންނަށް އަބަދުވެސް ކައިރީގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް، ޖަލުތަކާއި ގައިދީންގެ ކަންތައްތައް ބަލަހައްޓާ އިދާރާ، ކަރެކްޝަންސް ސާވިސްއިން މިރޭ ބުނެފި އެވެ.

އަދީބު މިރޭ އިރާކޮޅު އައިޖީއެމްއެޗަށް ފަރުވާދޭން ގެނައުމާ ގުޅިގެން، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބު އިތުރު ފަރުވާޔަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ކައިރިޔަށް އާއިލާގެ އެއްވެސް މެންބަރަކަށް ވަނުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަކުވާކޮށްފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާންމުކުރި ކުރު ބަޔާނެއްގައި ބުނީ، އާންމުކޮށް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން، އަދީބު އެޑްމިޓްކޮށްފައިވާ ކޮޓަރި ކޮޅުގައި، އަދީބުގެ ކައިރީގައި އަނބިކަނބަލުންނަށް 24 ގަޑިއިރު ހުންނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ވިޒިޓިން ވަގުތުތަކުގައި އަދީބުގެ އާއިލާގެ އެހެން މެންބަރުުންނަށް އަދީބުގެ ކައިރިއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.