ވާހަކަ

އީޝަލް

(3 ޖެނުއަރީ 2019 އާ ގުޅޭ)

"މިހާރު މަންމަ ކީއްކުރީ" ސޭމެސްގެ ފަހަތުން ހަތޯރުގެ އަޑު އިވުނެވެ. އޭރު ރާވިންއާއި ހަތޯރުއާ ދެ މީހުން ސޭމެސް ހުރި ދިމާއަށް އަންނަނީއެވެ.

"ހަތޯރު، ކަލޭގެ މަންމަ ރައުލްގެ ކައިވެނީގެ ވާހަކަ ދައްކަނިކޮށް އަހަރެން އަޑުއެހިން" ހަތޯރުއާއި ރާވިން އައިސް ސޭމެސްއާ އެއްހަމައެއްގައި މަޑުކޮށްލުމުން އޭނާ ބުންޏެވެ.

"މަންމަ ގާތުގައި ބުނެފިން ރައުލްގެ ކަންކަމާ ނުބެހޭށޭ، އަހަންނަކަށް ނޭނގެ މަންމަ އެހެން އެ އުޅެނީ ކީއްވެކަމެއް... އަދި ކަންތައް ހުންނާނީ އަހަރެމެން އެނބުރި ދިޔައީމަ، އަހަރެން ރައުލްއާ ބައިވެރިވިކަން އެނގުނީމަ" ދެފަރާތަށް ބޯހޫރުވަމުން ހަތޯރު ބުނެލިއެވެ. އޭނާގެ އަޑުގައިވީ ފޫހިކަމެވެ.

"ކަލޭގެ ބޭބެ ޒަގަންއަށް ހުރިހާ ބާރެއް ލިބެން ކަލޭގެ މަންމަ ބޭނުންވާކަން ހަމަ ނޭނގޭތީތަ ތިހެން ތިބުނީ" ހަތޯރުގެ ކޮނޑަށް އަތްވަށްޓާލަމުން ރާވިން ބުންޏެވެ.

"އަހަރެން ޤަބޫލެއް ނުކުރަން އެއީ އަހަރެންގެ ބޭބެކަމަކަށް، އެކަމަކު އަހަރެމެން އުފަންވީ އެއްރަހިމުންކަމަށްވާތީ އެ ގުޅުން ކަނޑާލެވޭކަށް ވެސް ނެތް، ރައުލްއަށް ގެއްލުންދޭން ރާވާނަމަ އެއީ ކޮންމެ ޖިންނިއަކަށް ވިޔަސް އަހަރެންނަށް ވަރިހަމަ، އަހަރެން ބަލާކަށް ނުހުންނާނަން" ހަތޯރު ބުންޏެވެ.

"މުޅި ގަނޑުވެރިގެ ތެރެއިން ރައުލް ފަދަ ދެވަނަ ޒުވާނަކު އަހަރެން ނުދެކެން، އޭނާގެ ތުއްތު އިރުން ފެށިގެން އޭނާއަކީ އެހެން ހުރިހާ ޖިންނީންނާ ތަފާތު އެ މީހުންނަށް ގޮންޖަހަލެވޭވަރުގެ ކުއްޖެއް، ބުއްދިއާއި ބާރުގެ ގޮތުން ވެސް... ބޭރީތުގެ އައްޑަނައަށް އޭނާވީ އެހެންވެ، ބައްޕަގެ ކަންކަމުގައި ޒަގަންއަށްވުރެ ގިނައިން ފޮނުވާފައި ހުރީ ރައުލް، ކަސްދިޔާ ބޭނުންވާގޮތް ނުވެގެން އަދިވެސް އެ އުޅެނީ އެހެންވެ... އެކަމަކު ބައްޕަ ވެސް މިހާރު ވިސްނާ ރައުލްއަށް އަންހެނަކު ހޯދައިދިނުމަށް... ބައްޕަ ފަދައިން ބާރުގަދަ އެހެން ޤަބީލާތަކުން ރީތި އަމީރާއެއް ރައުލްއަށް ހަދިޔާ ކުރުމުގެ ވިސްނުން ގެންގުޅޭ، އެ ޚިޔާލު ރައުލްއަށް ކަމުދާނޭކަމެއް ނޭނގެ... ބައްޕައާ ދެކޮޅެއް އޭނާ ނުވާނެ" ސޭމެސް ބުންޏެވެ.

އެ މީހުންގެ ވާހަކަތައް މޫދުގައި އޮތް ރައުލް އެހިއެވެ. ނިތްކުރިއަށް ޖަމާވި ރޫތަކާއެކު މޫނުން ފާޅުވީ ފޫހިކަމެވެ. ފަޅުތެރެއަށް އޭނާ ފީނައިގަތެވެ. އެ ހަށިގަނޑުގެ ވަށައިގެން ދުލިފަށެއް ލެވިފައިވާކަހަލައެވެ. ވެނެއް ފަދައިން ރައުލް ލޮނުގަނޑުގެ ތެރޭ ދަތުރުކުރިއެވެ. ދުރަށް ދެވުމުން ލޮނުގަނޑުގެ ތެރެއިން އޭނާ ބޯހިއްލާލިއެވެ. އޭނާ މަޑުކޮށްލީ ސީދާ އީޝަލް އިން ދިމާއަށެވެ. އެހިސާބުން ވެސް އޭނާއަށް އީޝަލް ރަނގަޅަށް ފެނެއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ރައުލްއަށް އީޝަލްއަށް ސަމާލުކަން ދެވުނެވެ. ދާދި ދެންމެއަކު އިވުނު އަޑުތަކުން ލިބުނު ފޫހިކަން މަތިން އޭނާ ހަނދާންނެތުނު ފަދައެވެ.

ގެއަށް ދާންވީކަމުގައި ލުގަލް އަންގާލީ އޭނާ އޮތް ތަނުން ތެދުވަމުންނެވެ. ދާރިއުސް ގެނެސްދިން ބޮލިތައް ގެންދަން ފަސޭހައަކަށް އޭނާ ހުރީ ހުއިގަނޑެއްގެ ތެރެއަށް އެ ލާފައެވެ. ބޮލިތައް ހުރީ ހުއިގަނޑުގައި ތަތްކޮށްލައިގެންނެވެ. ޝުކުރުއަދާކޮށްފައި އީޝަލް ދާން ހިނގައިގަންނަމުން ވަށައިގެން ހޯދާލިއެވެ. އޭނާގެ އެ ހަރަކާތް ދާރިއުސްގެ ސަމާލުކަން އަތުލިއެވެ. އީޝަލް އެ ހޯދަނީ ކާކުކަން އޭނާގެ ހިތް ވަގުތުން ދެނެގަތެވެ. ފަސްއެނބުރި ފަޅުތެރެއަށް ދާރިއުސް ބަލާލީ ސީދާ ރައުލް އޮތް ދިމާއަށެވެ. ނަމަވެސް އީޝަލްގެ ގާތުގައި އެއްވެސް އެއްޗެއް ދާރިއުސް ނުބުންޏެވެ. އޭނާ ވެސް ދާރިއުސްއާ އިތުރު ސުވާލެއް ނުކުރެއެވެ. ދަނީކަމުގައި ބުނެ ލުގަލްބަންދާއާއެކު ރަށުތެރެއަށް އެރުމަށް ހިނގައިގަތީއެވެ.

"އަދި އަނަންވާނެ" ހިނިތުންވެލައިގެން ހުރި ދާރިއުސް ބުންޏެވެ.

ރައުލް ނުފެނުނެއްކަމަކު ގެއާ ހަމައަށް އާދެވެންދެން ލުގަލްބަންދާއާއި އީޝަލްގެ ފަހަތުން މީހަކު އައިކަން އެ ދެ މީހުންނަށް ވެސް އެނގެއެވެ. ލުގަލްބަންދާއަށް އެ މީހުންގެ ފަސްފަހަތުން އެ އަންނަނީ ކާކުކަން ފެނެއެވެ. ނަމަވެސް އެ މީހަކަށް އީޝަލްގެ ސަމާލުކަން ލިބިދާނޭތީ އޭނާ ގަސްދުކުރީ އެކަމާ އަޅާނުލާށެވެ. ލުގަލްގެ އިޝާރާތެއް ނުލިބުނު ނަމަވެސް އީޝަލްގެ ހިތް ބުނީ އެމީހުންގެ ފަހަތުން އެ އަންނަނީ ރައުލް ކަމުގައެވެ. ދެފަހަރަކު ފަހަތަށް ބަލާ ވެސް ލިއެވެ. ނަމަވެސް ރައުލް ނުފެނުމުން އޭނާ އީޝަލްގެ ކުރިމަތީ ފާޅުވާން ބޭނުންނުވަނީކަމުގައި ޤަބޫލުކުރިއެވެ. ގެއަށް ވަންނަމުން އަދިވެސް އެއްފަހަރު އީޝަލް ބަލާލިއެވެ. ތުނޑިން ނެގި ފަންވަތް ހިފައިގެން ދާރިއުސްގެ ގާތަށް އައުމުން އޭނާ އެ ފަންވަތުން މަލެއް ހަދައިދިނެވެ. ގެއަށް އާދެވުނު އިރު ވެސް އެ މައު އިނީ އީޝަލްގެ އިސްތަށިގަނޑަށް ޖަހާލި ގޮތަށެވެ. ގޭތެރެއަށް ވަނުމުގެ ކުރީން އީޝަލް މަޑުކޮށްލިއެވެ. އަދި އިސްތަށިގަނޑުން ފަންވަތުގެ މައު ނެގިއެވެ. އެއަށްފަހު ވަށައިގެން ނަޒަރު ހިންގާލީ ރައުލް ފެނިދާނޭ ހިތާއެވެ. އެހިނދު އީޝަލްގެ ލޮލުގައި އަޅައިގަތީ އެ ގޭ ދޮށުގައި ރައުލް އިން ގަސްބުޑެވެ. އީޝަލް މަޑުމަޑުން އައިސް އަތުގައި އޮތް މައު އެ ގަސްބުޑުގެ މަތީ ބޭއްވިއެވެ. އަދި މައުނަވީ ބެލުމަކުން އެ މަލަށް އިރުކޮޅަކު ބަލަން ހުރެފައި އޭނާ ވަނީ ބެރެބެދިގަސް ތެރެއަށެވެ.

ގަހުގެ މަތިން ބަލަން ހުރި ޒިޔަޒެލް ފެނުމުން ރައުލް ބޮލުން ކޮށްލި އިޝާރާތާއެކު ވާހަކަދެއްކިއެވެ. ޒިޔަޒެލްގެ އަމާނާތް ރައްކާތެރިކަމާއެކު އޭނާއާ ރައުލް ހަވާލުކުރުމުން އެކަމާ ޒިޔަޒެލް ޝުކުރު އަދާކުރިއެވެ. އެނބުރި ދާން އުޅެފައި ވެސް ރައުލް އަނެއްކާ ވެސް އެނބުރި ޒިޔަޒެލްއަށް ބަލާލިއެވެ.

"އަހަރެމެން މި ރަށުގައި މަޑުކޮށްގެން ތިބިހާ ދުވަހަކު އަތިރިމަތި ކަނޑުން އަރާ ޖިންނީގެ ފަރާތުން ރައްކާތެރިކޮށްދޭނަން" ރައުލް ވާހަކަދެއްކީ ލަސްލަހުންނެވެ. އޭނާގެ ވާހަކަ ނުނިމެނީސް ޒިޔަޒެލް ވާހަކަދެއްކިއެވެ.

"ތީގެ ބަދަލުގައި ކޮންކަމެއް ބޭނުންވަނީ... އަހަރެން ތިވަރުގެ ޒިންމާއެއް ރައުލްއާ ހަވާލެއްނުކުރަން" ޒިޔަޒެލް ބުންޏެވެ.

"އަހަރެން... އަހަރެން ބުނަން މިއުޅެނީ... އަތިރިމައްޗަށް އީޝަލް ދިއުމަކުން އޭނާއަށް ނުރައްކަލެއްނެތޭ، އަހަރެމެން ތިބިހާ ދުވަހަކު އޭނާ ރައްކާތެރިކޮށްދޭނަމޭ" ރައުލްގެ ނަޒަރު ގަހުގެ މަތީ އޮފިގަނޑަކުން ފެންނަން ހުރި ޒިޔަޒެލްއާ ހަމަކޮށްލި ގޮތަށް އޭނާ ހުރީ ބަހުގެ ޔަގީންކަން އިތުރުކުރުމުގެ ނިޔަތުގައެވެ.

"ރައުލް... ޝުކުރިއްޔާ، މިވަގުތު އިހަށް އެނބުރިދޭ" ޒިޔަޒެލް ބުންޏެވެ. އޭނާގެ ވާހަކައިން ރައުލް ދެނެގަނަންވީ ކީކޭކަމެއް ނޭނގިފައި އިރުކޮޅު ހުއްޓެވެ. ރައުލްގެ ޚިޔާލަށް ޒިޔަޒެލް ރުހުނީކަމެއް ނޫނީ ރުހުން ނުދޭނަމޭ ކަމެއް އެ ބުނީ އެއްގޮތަކަށް ވެސް ރައުލްއަށް ނޭނގުނެވެ. މަޑުމަޑުން އައިކޮޅަށް އޭނާ އެނބުރި ހިނގައިގަތީއެވެ.

ފެންތެއްޔެއްގެ ތެރެއަށް ހުއިގަނޑު ލާފައި އީޝަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. ލުގަލްބަންދާއަށް ޒިޔަޒެލް ގޮވީ އެވަގުތެވެ. އޭނާގެ ގާތަށް ލުގަލްބަންދާ ހާޟިރުވުމުން ރައުލްމެންގެ ފަރާތުން ނުރައްކަލެއް އޮތްތޯ ޒިޔަޒެލް ސުވާލުކުރިއެވެ. އަދި ހަމައެއާއެކު އެ މީހުން އީޝަލްގެ ހުނަރު ދެނެގަނެ ރަށުތެރޭގެ ޖިންނީންގެ ކަންކަން އޮޅުންފިލުވަން މަސައްކަތްކުރިތޯ ވެސް އެއްސެވެ. ޒިޔަޒެލްގެ ކޮންމެ ސުވާލަކަށް ލުގަލްބަންދާ ދެފަރާތަށް ބޯހޫރުވާލައެވެ.

"އެންމެ ރަނގަޅު، ކަލޭ އެ މީހުންގެ ވާހަކަތަކަށް ސަމާލުވާތި... ރަށުތެރެއަށް އީޝަލް ކޮންމެ ގަޑިއަކު ނުކުތަސް އޭނާއާއެކު ލުގަލް ހުންނާތި، ދެން ދޭ... އީޝަލްގެ ކޮޓަރީގެ އޮޅިބުޑުގައި ކަލޭ އޮންނާނޭކަމެއްނެތް، އަހަރެން ހުންނާނެ ލުގަލްއަށް ކޮޓަރިއަށް ތައްޔާރުކޮށްފައި، އެތަނުގައި ދެން މީގެ ފަހުން ނިދާނީ" ޒިޔަޒެލް ބުންޏެވެ. ލުގަލްއަށް ޓަކައި ކޮޓަރިއެއް ހަމަޖެހުނީތީ އެކަމާ ޚުދު އޭނާ އުފަލެއްނުވިއެވެ. އީޝަލްގެ ކޮޓަރި އޮޅިބުޑަކީ ކޮޓަރިއެއްގެ އަރާމު ތަންމައްޗަކު އޮތުމަށްވުރެ ލުގަލްގެ ހިތަށް ހަމަޖެހުން ލިބި އުފާވާނޭ ތަނެކެވެ. އޭނާގެ ހުރިހާ އެދުމަކީ އީޝަލްއާ ގާތުގައި ވުމެވެ. އީޝަލްގެ ގާތަށް އެނބުރި އާދެވުނީއްސުރެ އޭނާއަށް ކޮންމެ ރެއަކު ނިދިޖެހޭންދެން އޮންނަނީ އީޝަލްގެ ނޭވާގެ އަޑު އަހާށެވެ. ހިތާއި ސިކުނޑިއަށް ބަޔާންކުރަން ދަތި ހިމޭން އަރާމުކަމެއް ލުގަލްއަށް ލިބެއެވެ. ނިދީގެ ފުންކަމަށް އަމާންކަމާއެކު ގެބިގެންދާން ލުގަލްއަށް އޭނާގެ އަމިއްލަ ނަފްސު ދޫކޮށްލެވެއެވެ. އެ ހިތްހަމަޖެހުން އޭނާއަށް ގެއްލުނީއެވެ.

އެނދުގައި އީޝަލް އޮތީ ދެ ލޯ މަރާލައިގެންނެވެ. ނަމަވެސް އޭނާއަށް ނިދޭގޮތެއްނުވިއެވެ. ލޯ މަރާލުމުން ފެންނަނީ ރައުލްއެވެ. އޭނާއާ ދާދި ގާތުގައި ސަމާސާ ހިނިތުންވުމަކާއެކު އެ ވިލުނޫކުލައިގެ ދެ ލޮލުން މަޢުނަވީ ގޮތަކަށް ބަލަން ހުއްޓައެވެ. މީގެ ކުރީން އީޝަލްގެ ހިތުގައި އަމިއްލަ ނަފްސަށް ވެސް ފޮރުވިފައިވީ ހިސާބަކުން ދޮރެއް ފާޅުވެ އެ ދޮރުގައި މީހަކު ޓަކިދީފިއެވެ. ހިތުގައިވި އެ ދޮރުފަތް ހުޅުވާލުމުން ފެނުނީ ރައުލްގެ ސޫރައެވެ. އުޅެއުޅެ ވެސް ހިތުގެ އެ ދޮރުފަތް ލައްޕާލެވޭ ގޮތެއް އީޝަލްއަކަށް ނުވިއެވެ. އެކަމާ ވިސްނިވަރަކަށް ޖަވާބެއް ނުލިބި ސިކުނޑި ވަރުބަލިވަމުންދިޔައެވެ. ރައުލްގެ ޚިޔާލުތަކުން ސިކުނޑިއަށް ބަރުވަމުންދިޔައިރު ހިތުން އެ ސޫރަ ފުހެލެވޭ ގޮތެއްނުވިއެވެ. ތަންމިނަށް ލޯ ހުޅުވާލައި ފުންނޭވާއެއް ދޭތެރެއަކުން އީޝަލް ދޫކޮށްލައެވެ. ނަމަވެސް ނަފްސުގެ ހަމަޖެހުން ގެއްލިފައިވާ ކަހަލައެވެ.

"ގާތްކޮށްލައިފައި އެހާ އަވަހަށް ދުރުކޮށްލައިފި... ރައުލް އަހަންނަށް ސިހުރެއް ހެދީތަ؟، ދާރިއުސްގެ ގާތުގައި އެހާ ގިނަވަގުތު ހޭދަ ކުރިއިރު މިހެންނެއްނުވޭ، ކީއްވެތަ ހިތަށް އަރަންވީ ރައުލް ދުށުމަށް... އޭނާއާ ވާހަކަދައްކާލައި އެކުގައި ވަގުތުކޮޅެއް ހޭދަވުމަށް... އަހަރެން... އަހަރެންނަށް ހަޤީޤަތުގައި ވެސް ސިހުރެއް ޖެހުނީތަ؟، ވަރުގަދަ ވަސްވާސްތަކަކުން ހިތް ބަނދެވެމުންދާ ކަހަލަ، ހުރިހާ ވިސްނުމަކާ ދުރުވެ ހަމައެކަނި ރައުލްއަށް ޓަކައި ސިކުނޑި ހުޅުވާލެވިފައިވާ ކަހަލައެވެ. ރައުލްގެ އަޑާއި އޭނާގެ ވާހަކަދެއްކުމުގައި ޚާއްޞަގޮތެއް ހުރީތަ... ނޫނީ އޭނާއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ނޭނގޭތީ އެކަން އެނގުމުގެ ޝައުގުގައި އުފެދިގެން އުޅޭ ބޭގަރާރުކަމެއްތަ މީ... ރައުލް ވެސް ކަމަކާ ޝައުގުވެރިވާހެން ހީވޭ، އެކަމަކު އޭނާ ކަމެއް ސިއްރުކުރާހެން ވެސް ހީވޭ" ވިސްނާވިސްނާ ކޮޅުންލުމުން އަނެއްކާ ވެސް އީޝަލްއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި އެނދުގައި އޮތް ގޮތް ބަދަލުކޮށްލުމަށް ވައަތްފަރާތުން ކަނާއަތް ފަރާތަށް އެނބުރިލިއެވެ. އެހެންވެސް އޭނާއަށް އޮވެވުނީ އިރުކޮޅަކުއެވެ. އެނދުގެ ސަދުވާގައި ހަރުކޮށް އެލުވާފައި އޮތް ތުނި ފޮތިގަނޑު އެއްފަރާތް ކޮށްލައި އީޝަލް އެނދުން ފޭބިއެވެ. ނިއުޅާލައިފައި އޮތް އިސްތަށިގަނޑު ދެއަތުން އެއްކޮށްލައި ދެ ތަނަކުން ގޮށް ޖަހާލިއެވެ. އޭނާ އުޅުނީ ނިކަން ސިއްރުންނެވެ. ދޮރުހުޅުވާލީ ދޮރުމަތީ ލުގަލްބަންދާ ނިދާފައި އޮންނާނޭކަން އެނގޭތީ ހިލަމެއްނުވާނޭހާ މަޑުމަޑުންނެވެ. އީޝަލްއަށް ހައިރާންކަމެއް ލިބުނީ ދޮރުމަތިން ލުގަލްބަންދާ ނުފެނުމުންނެވެ. ކޮޓަރިން ބޭރަށް ބޯދިއްކޮށްލައި ދެފަރާތް ހޯދާލިއެވެ.

"ކޮންތާކަށްބާ ލުގަލް އެ ދިޔައީ" އީޝަލް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ކޮޓަރިން ނުކުމެގެން މަޑު ހިނގުމުގައި އައިސް ގޯތިތެރެއާއި ބޭރު ފެންނާނޭ ހިސާބުގައި އީޝަލް މަޑުކޮށްލިއެވެ. ހިތުގެ އެދުމަށް އިޖާބަދެވިއްޖެކަން އީޝަލްއަށް އެނގުނީ ދުރުނޫން ހިސާބުގައި ހުރި ގަސްބުޑު ފެންނަން ހުރުމުންނެވެ. ފަރުވާތެރިކަމާއެކު އީޝަލް އެ ގަސްބުޑަށް ބަލާލިއެވެ. އެހިނދު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

* * * * *

"ތީ ރައުލް ހެދި މަލެއްތަ؟" ގޮނޑުދޮށުގެ ހިކިވެލީގައި ހަށިގަނޑު ދަމާލައިގެން ބޯދަށަށް ވައަތް ލައްވާލައިގެން އޮތް ރައުލްގެ ގާތުން ދާރިއުސް އެއްސެވެ. އޭރު އޭނާގެ ކަނާއަތްތިލައިގެ ތެރޭ ފަންވަތު ހަދާފައި އޮތް މަލެއް އޮތެވެ. ދޭތެރެއަކުން އެ މައު އޭނާގެ ނޭފަތާއި ކައިރިކޮށްލައެވެ.

"ނުލިބޭނެ" ރައުލް ވަގުތުން ބުނެލިއެވެ. އަދި އޭނާގެ މުށުގެ ތެރޭ އެ މައު ފޮރުވާލިއެވެ.

"އީޝަލް ދިން އެއްޗެއްތަ؟" ދާރިއުސްއަށް އެ މަލުގެ ހަޤީޤަތް އެނގިހުރެ އެހިއެވެ.

"ދާރިއުސް... އެންމެން ނިދަން ހިނގައްޖެ، ކަލޭ ވެސް ދެން ދޭ" ރައުލް ބުންޏެވެ. އޭނާގެ މޫނުމަތިން ދާރިއުސް ކުރި ސުވާލާ ގުޅިގެން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. އެހެންވިޔަސް އެ ސުވާލަށް ގަސްދުގައި ރައުލް ޖަވާބު ނުދިނީކަން ދާރިއުސް ދެނެގަތެވެ.

"ރައުލް ވެސް ނުދަމެންނު" ރައުލްގެ ގާތުގައި ދެފައި ވަށްކޮށްލައިގެން ވެލިގަނޑު މަތީ އިށީނދެ ދާރިއުސް އިނެވެ.

"އެހެންޏާ ވެސް އަހަރެން ނިދާ ތޯ ބަލާފައެއްނޫނެއްނު ދާރިއުސް ނިދަން ދަނީ" ރައުލް ބޯއަރިކޮށް ދާރިއުސްއަށް ބަލާލިއެވެ.

"އީޝަލް އަދި އަންނާނެތަ؟... އޭނާ ގެއަށް ދާންވެގެން ރައުލް ކޮބާތޯ ބެލި، ކީއްވެ އޭނާ ގެއަށް ދިޔައިރު އެހާ ދުރުދުރުން އުޅުނީ، އަހަރެން ހީކުރީ ތި ދެ މީހުން ރަޙުމަތްތެރިންނަށް ވީކަމަށް" ދާރިއުސް ވާހަކަދެއްކީ ރައުލްގެ ފަރާތުން ކަމެއް ދެނެގަންނަން ބޭނުންވެފައި އިނދެއެވެ.

"އޭނާއާ ރަޙުމަތްތެރިކަން ބޭއްވުން މުހިންމެއްނޫން، އިތުރަށް އެއްވެސް ވާހަކައެއް އަހަރެން ގާތުގައި ނުދައްކާ ދޭ ނިދަން" ރައުލް ތެދުވިއެވެ. އަދި މަޑުމަޑުން ދާރިއުސްއާ ދުރަށް ދެތިން ފިޔަވަޅު އަޅާލުމާއެކު އެނބުރި ދާރިއުސްއަށް ބަލާލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން އަމުރަށް ކިޔަމަންވެ ދާރިއުސް މޫދަށް ފޭބިއެވެ. އޭނާ މޫދުގެ ތެރެއަށް ގެއްލެންދެން ރައުލް ބަލަން ހުއްޓެވެ. އިރުކޮޅަކު އެހެން މަޑުކޮށްލައިގެން ހުރެފައި ކަނާއަތުގެ މުށްހުޅުވާލައި ފަންވަތުގެ މަލަށް އޭނާ ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

"އީޝަލް" ހިތުގެ ގޮވުން ރައުލްގެ ކަންފަތަށް އިވުނެވެ. ބޭއިޚްތިޔާރުގައި އެ މައު ގެނެސް ނޭފަތުގައި ޖައްސާލިއެވެ. އޭގައި އީޝަލްގެ ގައިން ދުވި އަތަރުގެ ވަސް ހަރުލާފައި ހުއްޓެވެ. ހިތުގެ މަންޒިލަށް ވާސިލުވުމަށް އަމިއްލަ ޒާތުން ވީއްލިފައި ހުރެގެން ކަހަލަ ގޮތަކަށް ރައުލް ހިނގަމުން އައީ ރަށުތެރެއަށެވެ. ދަމަށް ނުކުމެ އުޅޭ ޖިންނީންތައް ރަށުތެރޭގައި ހޭލަމޭލަވެ އުޅެއެވެ. އެއިން އެއްވެސް ކަމަކަށް ރައުލްގެ ފަރުވާލެއް ނެތެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނީ ބެރެބެދިގަސް ފެންނަ ހިސާބުގައި ހުރި ކިނބިގަހާ ހިސާބުންނެވެ. އީޝަލްއާއި ލުގަލްބަންދާ ގެއަށް ވަންނަންދެން އޭނާ ބަލަން ހުރީ އެ ގަސްދޮށުގައެވެ. މަޑުމަޑުން ބެރެބެދިގަހުގެ ކުރި ފެންނަ ހިސާބަށް ރައުލް ނުކުތެވެ. އެހިނދު ހީވީ ނަފްސުގައި ހިމޭން ވައިރޯޅިއެއް ބީހިލިހެންނެވެ. އޮފިތަކުގެ ދޭތެރެއަކުން ސަނދުރަވި ރިހިއަލި ފާޅުވެލައި ރައުލްގެ ހަޔާތް ހުޅުދާން ކޮށްލި ފަދައެވެ. ސިކުނޑީގެ ލަގަން ހިތުގެ ޖަޒުބާތުތަކަށް ދޫވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އެ ހިސާބަށް އޭނާ އައީ ފަހަރެއްގައި ވެސް އީޝަލް ފެނިދާނޭކަމުގެ އުންމީދަކު ނޫނެވެ. ނަމަވެސް ހިތަށް ވެރިވެފައިވާ ނުތަނަސްކަމުގެ އުދާސްކަން ފިލާފާނޭކަމުގެ އުންމީދުގައެވެ. ސިކުނޑީގެ ކޯޅުމަށް ނިންމުމެއް އަތުވެދާނޭ ހިތާއެވެ.

"އީ..ޝަ..ލް.." ލުއިވައިރޯޅިއެއް ފަދައިން ރައުލްގެ ދެތުންފަތުން ނުކުތް ސިއްރު ބެރެބެދިގަހުން ބޭރަށް ބަލަން ހުރި އީޝަލްގެ ކަންފަތާ ހަމައަށް ފޯރިކޮށްދީފިއެވެ. އޭނާއަށް ފޮރުވިގެން ހުންނާކަށް މިފަހަރު ރައުލްގެ ހިތެއް އެއްބަހެއްނުވިއެވެ. އިހު ހުރި ތަނުން އެއްފިޔަވަޅު ކުރިއަށް ރައުލް އަޅާލީ އެހެންވެއެވެ. އެހިނދު ގަހުގެ މަތިން ބަލަން ހުރި އީޝަލްއާ ހަތަރުކަޅި ބައްދަލުވެއްޖެއެވެ.

(ނުނިމޭ)