ލައިފްސްޓައިލް

މި ނޫން ކަމެއް މިހާރު ނެތް، ކުޅު ދިޔާވެއްޖެ!

Jan 6, 2019
1

ރިހާކުރަކީ އަބަދުވެސް ދިވެހިންގެ ލެއާ ގުޅިފައިވާ އެއްޗެކޭ ކިޔަމާ ހެއްޔެވެ؟ ރިހާކުރާ ހުތް އެއްޗަކާ ނޫނީ ކިހާކާއި ރިހާ ކުރާ އަދި ރިހާކުރާއި ކަނަމަދާ ޖަހައިގެން ކެއުމަކީ މަޖާ ކަމެކެވެ. އެއީ ހުތް އަނބު ކަމަށްވިޔަސް ހުތް ކުންނާރު ކަމަށްވިޔަސް ހަމަ އެއްވަނަ އެވެ. ރިހާކުރާއެކު މި މަޖާ ކެއުން ވެސް މިހާރު ވަނީ ފާޑެއްގެ އާޓަކަށްވެފަ އެވެ.

ހުތް އަނބާއި ކުއްޅަވަކާއި އާފަލާއި ގޯބިނޔާއި ކާއްޓާއި ކިހާކާއި މިހެން ގޮސް ނަން ހުސްކޮށް ރީއްޗަށް އަތުރައި ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލުމަކީ މިހާރު އެންމެ ހިނގާ އެއް ޓްރެންޑެވެ. މި ޓްރެންޑް ފެށީ ސީދާ މިވެނި މީހެކޭ ބުނާކަށް ނޭނގެ އެވެ. އެކަމަކު މިއީ ވެސް ކޮންމެވެސް އެކަކު ކުރުމުން އެެހެން މީހުން އޭގެ ފަހަތުން ކުރަމުން އަންނަ ކަމެކެވެ.

މިފަހަރު ރާއްޖޭގެ ބޮޑު ޗުއްޓީގައި މިފަދަ ފޮޓޯތައް ފެނުނު އަދަދު ވެސް ބުނެދޭކަށް ނޭނގެ އެވެ.

ކުރިން ވެސް މިއީ ދިވެހިންގެ މެދުގައި މިހާރެކޭ އެއްގޮތަށް މަޝްހޫރު ކެއުމެކެވެ. ކުރިން ރީއްޗަށް އަތުރައި ފޮޓޯ ނުނަގަނީ އެވެ. މިހާރު މިކަން އާޓަކަށްވީ ފަހުން ކޮންމެ މީހަކު ވެސް ބަލަނީ އެންމެ ރީތި ހިތްގައިމު ގޮތަކަށް ތަކެތި އަތުރާލައި ފޮޓޯ ނެގުމަށެވެ. ކާން ވިސްނަނީ އޭގެ ފަހުންނެވެ.

"އަހަރެން ވެސް ނަގައިފިން އެކަހަލަ ފޮޓޯއެއް، އެއް ދުވަހަކު ހަމަ ކާ ހިތްވެގެން މޫދަށް ދިޔުމުގެ ކުރިން އެކަން ކުރީ، ފޮޓޯ ނެގީ ގޮނޑުދޮޑުގައި ހުރިހާ އެއްޗެއް އަތުރައިގެން، ހުތް އަނބާއި ޅަ ފަޅޯ އަދި ކުޅައްވައް ގަހަށް އަރައިގެން އަމިއްލައަށް ބިނެގެން މިކަން ކުރީ،" އިންސްޓަގްރާމް ސްޓޯރީއަށް އޭގެ ފޮޓޯއެއްލީ ޒުވާނަކު ބުންޏެވެ.

ރަށްރަށުގައި އަމިއްލަ ގޭ ތެރެއިން މިކަމަށް ބޭނުންވާ ގިނަ އެއްޗެހި ހޯދާލެވެ އެވެ. ނޫނީ ގެއާ އެންމެ ކައިރިން އަތިރިމަތީގެ ގަސްތަކުގެ ތެރެއަށް ވަދެގެން ވެސް މިކަމަށް ބޭނުންވާ އެއްޗެހި ހޯދާލެވެ އެވެ. އެހެންވެ، މިކަން މިހާރު ވެފައި އޮންނަނީ ރައްޓެހިންނާއެކު، ވަގުތު ހޭދަކޮށްލައި މަޖާކޮށްލަން ވަރަށް ފައްކާ ކަމަށެވެ.

މަމީ ނޫޑްލްސްގެ ސޫޕް ޕެކެޓަކީ ވެސް މި ކެއުމަށް ކޮންމެހެން މުހިންމު އެއްޗެކެވެ. މިފަހަކަށް އައިސް ފޮޓޯ ރީތިކޮށްލަން ޕެޝަން ފުރުޓާއި އަލަނާސި ފަދަ މޭވާތައް ވެސް މި މަޖާ ކެއުމުގެ ހިއްސާއަކަށް ދަނީ ހަދަމުންނެވެ. މި ފޮޓޯއެއް ނެގުމަށް މިހާރު ހޭދަ ކުރާ ވަގުތަކީ ކައި ނިންމައި ހަމަޖެހިލެވޭހާ ގިނަ ވަގުތެވެ. އެކަމަކު މިހާރު ހަމައެކަނި ކައިގެން ހިތްހަމަ ޖައްސައިނުލެވެނީ އެވެ. އިންސްޓަގްރާމް ސްޓޯރީގައި އެ ފޮޓޯ ހުންނަން ޖެހެ އެވެ.

އެ ފޮޓޯއާއެކު، އެކަން ކުރި ބަޔަކަށް ހިތްހަމަ ޖެހުމާއި އުފާ ލިބޭއިރު ބަލަން ތިބޭ މީހުން ތިބެން ޖެހެނީ ކުޅު ދިޔާވެފަ އެވެ. އެކަމެއް ކުރުމަށް އެންމެ އަވަސްވީ ގޮތަކުން ދުއްވައިގަންނަން ތައްޔާރަށެވެ.