ބޮލީވުޑް

"ޕިންކް"ގެ ރީމޭކްގައި ވިދްޔާ ބާލަން

Jan 6, 2019

އިގުތިމާއީ ބޮޑެތި މަައްސަލަތައް ދައްކުވައިދޭ ފިލްމު "ޕިންކް" އަކީ އިންޑިއާގެ އިތުރުން އެެހެން ގައުމުތަކުގައިވެސް ވަރަށް ކާމިޔާބުވީ ފިލްމެކެވެ. އަމީތާބް ބަޗަން ލީޑު ރޯލެއްގައި ފެނުނު މި ފިލްމަށް ލިބުނު ކާމިޔާބީި އަށް ފަހު، ސްރީ ދޭވީގެ އެދުމުގެ މަތިން މި ފިލްމުގެ ރީ-މޭކް އެއް އޭނާގެ ފިރިމީހާ ބޮނީ ކަޕޫރު އުފައްދަން ނިންމައިފި އެވެ.

ފިލްމު ޕިންކްގެ ރީމޭކް އެއް އިންޑިއާގެ ތަމަޅަ ފިލްމު އިންޑަސްޓްރީ އިން އުފެއްދުމަށް ނިންމާފައިވަނީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ތަރި، ވިދްޔާ ބާލަން ވެސް މި ފިލްމުގައި ހިމަނައިގެންނެވެ. ރީމޭކްގައި ވިދްޔާގެ މާ ބޮޑު ރޯލެއް ނެތަސް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ވަނީ ފިލްމުގެ ޕްރޮޑިއުސަރު ބުނެފަ އެވެ. މީގެ އިތުރުން، ސައުތު ސިނަމާގައި މަގުބޫލުކަން ހޯދާފައިވާ ފިލްމީ ތަރި އަޖިތު ވެސް ފެންނާނެ އެވެ. ރީމޭކްގައި އަޖިތު ފެންނާނީ، އަމީތާބް ކުޅުނު ވަކީލުގެ ރޯލުންނެވެ.

ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ. ބޮނީ ކަޕޫރު ބުނި ގޮތުގައި، މި ފިލްމުގެ ރީމޭކް އެއް އުފައްދަން ސްރީދޭވީ ކައިިރީ އެންމެ ކުރިން އެ ވާހަކަ ދެއްކީ، ރީމޭކްގައި ފެނިގެންދާނެ ތަރި، އަޖިތު ކަމަށެވެ.

ޕިންކްގެ ރީމޭކް އެއް އިންޑިއާގެ ތަމަޅަ ފިލްމު އިންޑަސްޓްރީއިން އުފައްދަން ނިންމާފައިވާއިރު، މި ފިލްމުގެ ޝޫޓިންވެސް މިދިޔަ މަހު ވަނީ ފަށާފަ އެވެ. އަދި ފިލްމު ރިލީޒް ކުރެވޭނީ މި އަހަރު މޭ ހިސާބުގައި ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެ އެވެ.

ފިލްމު "ޕިންކް"އަކީ ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ތެދުވާ ތިންް އަންހެން ކުއްޖަކަށް، ދިމާވާ މައްސަލަަތަކެއް ދައްކުވައިދޭ ފިލްމެކެވެ.