ލައިފްސްޓައިލް

ނެޕީ ބޮނޑި ހިފައިގެން ހޮސްޕިޓަލަށް ދާނެ ކަމެއް ނެތް!

މާބަނޑުވުމާއި ވިހެއުމަކީ އަންހެނަކު ގިނަ ތަކުލީފަކާއި ވެނެއް އަޅައި އުފުލުމަށްފަހު ލިބޭ ފޮނި ނަތީޖާ އެކެވެ. ކުއްޖަކު ދުނިޔެއަށް އުފަންވުމުން ލިބޭ އުފަލުގެ ބޮޑު ކަމުން މަންމައިންނަށް އެމީހުންގެ ހަށިގަނޑުން ނެގިވޭން ހަނދާންނެތި ހިތަށް ފިނިކަން ލިބެ އެވެ.

އެކަން ވަނީ ގާތްތިމާގެ އެންމެންނަށާއި ރަހުމަތްތެރިންނަށް ލިބޭ ބޮޑު އުފަލަކަށެވެ. މުޖުތަމައުގައި ގުޅިފައި އޮންނަ އެއް އާދައަކީ އަވަހާ ނެޕީ ބޮނޑިއެއް ހިފައިގެން ހޮސްޕިޓަލަށް ޒިޔަރާތް ކޮށްލާ ގޮވާލުމެވެ. އެކަމަކު މިއީ އެންމެ ރަނގަޅުގޮތް ހެއްޔެވެ؟

ތުއްތުކުއްޖަކު ލިބުމުން މަރުހަބާ ކިޔުން ވަރަށް ރަނގަޅެވެ. އެކަމަކު މަޝްހޫރު "މަމީ ބްލޮގްސް" ނުވަތަ މަންމައިން ހިންގާ ބްލޮގްތަކުން އަންގަނީ ފުރަތަމަ ގިނަ ބަޔަކު ޒިޔަރާތް ކުރުމުން އާއިލާއަށް އަލަށް ލިބުނު ތުއްތު ދަރިފުޅާއި، މަންމަ އަދި ބައްޕަ ބޮނޑް ކުރަން ވަގުތު ނުލިބޭ ކަމަށެވެ. އަދި މިއީ ވަރަށް ޕްރައިވެޓްކޮށް ހޭދަކުރަން ބޭނުންވާ ވަގުތެއް ކަމަށް އެ ބްލޮގްތަކުން ބުނެ އެވެ.

ވިހެއުމުގެ ގަދަ ވޭނަށް ފަހު އަންނަ ވަގުތަކަކީ ގިނަ ބަޔަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި ވަރުބަލި ފިލުވާލައި ތުއްތު ދަރިފުޅާއެކު ނިދާލަން ރަނގަޅު ވަގުތު ކަމަށް ވެއެވެ. ހަމަ ވިހާ ވަގުތު ޒިޔާރަތްކުރުމުގެ ބަދަލުގައި އާއިލާއަށް ވަގުތު ދިނުންވެސް މުހިއްމެވެ. މީގެ އިތުރުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްލަމެވެ.

އެހެން ކުޑަ ކުއްޖަކު ހުންނަ ނަމަ މަރުހަބާ ކިޔުން

އެ އާއިލާގައި އެހެން ކުޑަ ކުއްޖަކު ހުންނަ ނަމަ އެ ކުއްޖާއަށް މަރުހަބާ ކިޔައި އެކުގައި ކުޅެލާ، ފޮތެއް ކިޔާލާ ވަގުތު ކޮޅެއް ހޭދަކޮށްލުމުން ވިހައިގެން އުޅޭ މަންމައަށް އެއިން ހިތްހަމަޖެހުން ލިބެ އެވެ.

ސޯޝަލް މީޑީއާ އަށް ފޮޓޯ ނުލުން

ޒިޔާރަތް ކުރިކަމުގައި ވިޔަސް މައިންބަފައިންގެ ހުއްދަ އާއި ނުލަ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ ބައެއް މީހުން އެއްވެސް ގޮތަކަށް އެދޭނެ ކަމަކަށް ނުވެދާނެ އެވެ. ފަހަރުގައި ނަގާ ފޮޓޯއަކީ މައިންބަފައިން އެންމެ ބޭނުންވާ ފޮޓޯ ނޫން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ތުއްތު ދަރިފުޅުގެ ފޮޓޯ ލުމަކީ އާއިލާއިން އެއްގޮތަކަށް ބޭނުން ނޫން ކަމަކަށް ވެސް ވެދާނެތީ އެކަމަށް އިޙްތިރާމް ކުރަންވާނެ އެވެ.

މީރު ކެއުމެއް ތައްޔާރު ކޮށްލައި ފޮނުވާލުން

ވިހައިގެން ހޮސްޕިޓަލްގައި އޮންނަ އިރު ހަށިގަނޑުގައި ވަރުޖެއްސުމަށާއި ތުއްތު ކުއްޖާއަށް ގާތުން ދޭ ނަމަ ހަށިގަނޑަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުން ވަރަށް މުހިއްމު ވއެވެ.

ކުއްޖާގެ ގައިގައި އަތްލުމުގެ ކުރިން އަތް ދޮވުން

އާއްމު ތަންތާގައި އުޅެފައި ތުއްތު ކުއްޖަކަށް ޒިޔާރާތްކޮށް އެ ކުއްޖާ އުރާއިރު ނުވަތަ އަތްލާއިރާއިރު ކޮންމެހެން ވެސް އަތް ދޮންނަންވާނެ އެވެ. ކޮންމެ މަންމައަކު އެ ވާހަކަ ބުނަން ޖެހިލުންވެސް ވެދާނެ، "އަތް ނުދޮވެ އަތް ނުލައްޗޭ" ، ނުބުނެ ހުރެދާނެ އެވެ. އެކަމަކު އަމިއްލައަށް ފެނިގެން މިގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެކެވެ. އަދި ރޯގައި ފަދަ ފަސޭހައިން ފެތުރޭ ބައްޔެއްވެފައި ހުރި ނަމަ ޒިޔާރާތް ނުކުރުން ވެސް މިއީ ރަނގަޅު އާދައެކެވެ.

ވީހާވެސް ބޮޑަށް އެހީތެރިވުން

ދެ ތިން ދުވަހު ހޮސްޕިޓަލްގައި އޮވެ ގެޔަށް ދާއިރު ގޭތެރޭ ތަރުތީބު ގެއްލި އޮވެދާނެތީ ކުރިން ގުޅާލައި ބަލާލައި ސާފުކޮށްލައިދީ ރީތި ކޮށްލުމުން ވެސް ވަރަށް ބޮޑު ލުއި ފަސޭހައެއް ވާނެ އެވެ. އަދި ތުއްތު ކުއްޖާގެ އަންނައުނު ދޮވެލައިދީ، ބުއްފުޅިދޭ ނަމަ އެތަކެތި ވެސް ދޮވެލެވިދާނެ އެވެ.

ހަދިޔާ ދިނުމުގައި ކަންކުރަންވީ ގޮތް

ބޮޑު ހަދިޔާއެއް ދިނުމުގެ ބަދަލުގައި ބޭނުން ހިފޭނެ އަދި އެންމެ ބޭނުންވަނީ ކޯންޗެއްތޯ އަހާފައި އެއްޗެއް ގަތުމަކީ ދެފަރާތަށް ވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

ދެމައިންގެ ހާލު ގަވައިދުން ބެލުން

ވިހާ ހަފުތާގައި ހާލުބެލުމުގެ ބަދަލުގައި ދެމައިންގެ ހާލު ގަވައިދުން ބެލުމަށް ވެސް މުހިއްމުކަން ދޭން ޖެހެވެ. ވިހެއުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުގެ އިތުރުން ނަފްސާނީ ބޮޑު ބަދަލުތަކެއް ވެސް އާދެ އެވެ. ޕޯސްޓްނޭޓަލް ޑިޕްރެޝަން އާއްމުވެފައިވާ މި ދަނޑިވަޅުގައި އަލަށް މަންމައަކަށްވި ފަރާތަށް އެހީތެރިވުމަށާއި ސަޕޯޓް ދިނުމަށް ބޮޑު ޓީމެއް އޮތްކަން އިނގުމަކީ މީހާގެ ރޫހުއަލާވާނެ ކަމެކެވެ.