ކުޅިވަރު

ސުވާލު އުފެދުނު ލަނޑާއެކު އެމިރޭޓްސް ސަލާމަތްވެއްޖެ

އޭޝިއަން ކަޕު ފުރަތަމަ މެޗުގައި، ބަހްރެއިން އަތުން ބަލިވާން ދަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތު ދިން ޕެނަލްޓީން ލަނޑު ޖަހައި މުބާރާތް ބާއްވާ ގައުމު އަރަބި އެމިރޭޓްސް ބަލިނުވެ ސަލާމަތް ވެއްޖެ އެވެ. މެޗު އެއްވަރުވީ 1-1 ން ނެވެ.

ވެރިރަށް އާބޫދާބީގެ ޝައިހް ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅެމުން ދިޔަ މެޗުން އމިރޭޓްސްގެ ސަޕޯޓަރުންނަށް ލިބެމުން ދިޔައީ މާޔޫސް ކަމެވެ. އެ މާޔޫސްކަން އިތުރަށް ބޮޑުވެގެން ދިޔައީ މެޗުގެ 78 ވަނަ މިނެޓްގައި ބަހްރެއިން އިން ލަނޑު ޖެހުމުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، މުހައްމަދު އަލް ރޮހީމީ އެވެ.

އިޓަލީގެ ވަރުގަދަ ކުލަބުތަކަށް ކޯޗު ކޮށްދިން ތަޖުރިބާކާރު ކޯޗް އަލްބޭޓޯ ޒަކެރޯނީގެ އެމިރޭޓްސް ޓީމުގެ އެންމެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ހަލީލް ކުޅެން ނުކުތީވެސް ބެންޗުންނެވެ. ޒަކެރޯނީ ވަނީ މެޗުގެ 81 ވަނަ މިނެޓްގައި އޭނާގެ އެންމެ އިތުބާރު ފޯވަޑް ކުޅެން ނެރެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ ތިން މިނެޓަށް ވެފައި ވަނިކޮށް، އެމިރޭޓްސްއަށް ދިން ޕެނަލްޓީ އާމެދު ބަހްރެއިންގެ ޓީމުން ސުވާލު އުފެއްދި އެވެ. އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަހްރެިންގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ދެއްކި ޕެނަލްޓީ އެކެވެ.

ޕެނަލްޓީގައި، އެމިރޭޓްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހްމަދު ހަލީލް އެވެ. އެ މެޗަކީ ގައުމީ ޓީމަށް އޭނާ ކުޅުނު 100 ވަނަ މެޗެވެ. މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެ އެވެ. ރާއްޖޭގަޑިން މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ އޮސްޓްރޭލިއާ އާއި އުރުދުން އެވެ. އިރުއޮއްސި 6:30 ގައި ވާދަ ކުރާނީ އިންޑިއާ އާއި ތައިލެންޑެވެ. މިރޭ 9:00 ގައި ފަށާ މެޗުގައި ވާދަ ކުރާނީ ސީރިއާ އާއި ފަލަސްތީން އެވެ.