ކުޅިވަރު

ވާދާއީ މެޗުގައި ފެބްރިގާސްގެ ލޮލުން ކަރުނަ!

އިނިގިރޭސި އެފްއޭ ކަޕުގައި، ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން، މިޑްފީލްޑާ ސެސް ފެބްރިގާސް އިނގިރޭސި ފުޓްބޯޅައަށް އަލުވާދާއު ކިޔައިފި އެވެ.

ޗެލްސީ އާއި އާސެނަލްއަށް ކުޅުނު ފެބްރިގާސް ވަނީ އިނގިރޭސި ފުޓްބޯޅައިގައި 501 މެޗު ކުޅެފަ އެވެ. ތާރީހީ އަދަދަކާއެކު، އިނިގިރޭސި ފުޓްބޯޅައަށް އަލުވަދާއު ކިޔަމުން، ފެބްރިގާސް ބުނެފައި ވަނީ އެންމެ ވާދަވެރި ފުޓްބޯޅައިގައި އެވަރުގެ އަދަދަކަށް ވާސިލުވުމަކީ އޭނާ ދެކުނު ހުވަފެނެއް ކަމަށެވެ. އަދި އެ ހިސާބަށް ވާސިލުވުމުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

މެޗު ނިމެން ފަހު ފަސް މިނެޓަށްވީއިރު، އޭނާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެ ބަދަލު ކުރަން ޖެހުނެވެ. ޗެލްސީގެ ކުޅުންތެރިންނާއި އަލުވަދާއު ކިޔަމުން ސަޕޯޓަރުންނަށް ވަދާއުގެ ސަލާމް ކުރަމުން އޭނާ ދަނޑުން ފައިބައިގެން ދިޔައީ ރޮވިފައި ހުރެގެންނެވެ.

އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސްގެ މޮނަކޯ އަށެވެ. އެ ޓީމުގެ ކޯޗަކީ، އާސެނަލްއަށް ފެބްރިގާސް ކުޅުނުއިރު އޭނާގެ ފުރަތަމަ ކެޕްޓަން ތިއޮރީ އޮންރީ އެވެ. އެ ޓީމުގައި، ފެބްރިގާސް 31، ށް ފުރަތަމަ 11 އިން ބަރާބަރަށް ފުރުސަތު ލިބޭނެ އެވެ. އެހެންނަމަވެސް އެ ޓީމު އޮތީ ރެލިގޭޝަން ޒޯންގަ އެވެ. ފެބްރިގާސް އާއެކު އޮންރީއަށް އޮތް ޓާސްކަކީ އެ ޓީމު ރެލިގޭޝަނުން ނަގައި ދިނުމެވެ.

ނޮޓިންހަމް އާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. އޭގެ ފަހުން ހެޓްރިކު ހަދަންވެސް އޭނާ އަށް ހުސް ފުރުސަތެއް ލިބުނެވެ. ގޯލްގެ ކުރިމަތީގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ އެރީ ގޯލް ހުރަސް ދަނޑީގެ މައްޗަށެވެ.