ރިޕޯޓް

އިދިކޮޅެއް ނެތް، ޕާޓީތަކަށް ރަނގަޅީ ވަކިވަކިން ވާދަކުރުން!

ރައްޔިތުންގެ ތެރޭގައި އަދިވެސް ނުނިމޭ ބަހުސެއް އެބަ އޮތެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ވާދަ ކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކޯލިޝަނެއްގެ ގޮތުގައި ހެއްޔެވެ؟ ނޫނީ ވަކިވަކިން ޕާޓީތަކުން ވާދަ ކުރާނީހެއްޔެވެ؟ މި ބަހުސް އަދިވެސް ދަނީ ކުރިއަށެވެ.

"ކަޅުވަކަރު މިސްކިތު ބަހުސް" ފަދައިން މި ބަހުސް އޮތަސް ބައެއް ޕާޓީތަކުން ވަނީ މިކަމަށް ގޮތެއް ނިންމާފަ އެވެ. އެމްޑީޕީން ވަނީ ވަކިން ނުކުންނަން ނިންމާފަ އެވެ. ޖުމްހޫރީޕާޓީން ވެސް ވަނީ ވަކިވަކިން ނަމަވެސް ވާދަ ކުރާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. ރައީސް މައުމޫން ވެސް ވަނީ އެފަދަ އިޝާރާތެއް ދެއްވާފަ އެވެ. ބާކީ އޮތީ އަދާލަތުޕާޓީ އެވެ. މި ބަހުސްގައި ރައްޔިތުން ބޮޑަށް ބުރަވަނީ ޕާޓީތަކުން ވަކިވަކިން ވާދަ ކުރާށެވެ.

ކުރިޔަށް މިއޮތް ދުވަސްތަކަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ދުވަސްތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވަމުން އަންނަ ވަރަކަށް ޕާޓީތަކުންނާއި، ކެނޑިޑޭޓުންގެ ފަރާތުން ބޮޑެތި ޕްރެޝަރު ތަކަކާއި އެމަނިކުފާނަށް ކުރިމަތި ކުރުވާނެ އެވެ.

އެމަނިކުފާނު ނިސްބަތްވާ އަދި ދެގޮތެއް ނުވެ އެތަކެއް އަހަރުވަންދެން ހިދުމަތް ކުރެއްވި ޕާޓީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވާ އިރު އެމަނިކުފާނު ވަނީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެކަމަށް ތާއީދު ނުކުރަށްވާކަން ވެސް ހާމަ ކުރައްވާފަ އެވެ.

ރައީސްގެ ވިސްނުންފުޅު އޮތީ ކޯލިޝަން އެގްރީމަންޓެކެވެ. ކޯލިޝަންގެ އެގްރީމަންޓްގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ.

ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ނިންމުމާއެކު، ޕާޓީތައް އެއްބަސްވުމާ ދުރަށް

ރައީސް ސޯލިހުގެ ވިސްނުން އެގޮތަށް ގެންގުޅުއްވެވިު ނަމަވެސް، އިއްތިހާދުގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހުގެ އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލު އެކަމުގައި ފެށުނީއްސުރެ ތަފާތެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ކޯލިޝަން އެގްރީމެންޓްގައި އޮތް މިންވަރަކީ އެމްޑީޕީއަށް "ހައްގު" މިންވަރު ނޫނެވެ. އެމްޑީޕީއަށް ހައްގު މިންވަރަކީ 87 ދާއިރާއަށް ވާދަ ކުރުމެވެ. އެޕާޓީގެ ގައުމީ މަޖިލީހުން މިހާރު ވަނީ އެގޮތަށް ނިންމާފައެވެ.

ރައީސް ނަޝީދުގެ އެ ނިންމުމާއެކު ކޯލިޝަންގެ އަނެއް ބައިވެރިޔާ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްވެސް ވަނީ ޖޭޕީއިން 87 ދާއިރާއަށް ވެސް ވާދަ ކުރަން ކެރޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިތިބީ އެއްވެސް ބަޔަކާ ވާދަ ކުރަން ނުކެރިގެން ވާދަ ނުކުރެވޭނެ ކަމަށް ހީކޮށްގެނެއް ނޫން، އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަށް ވެސް ވާދަ ކުރެވޭނެކަން، އެ ދާނީ ކުރިޔަށް ތޯ ފަހަތަށްތޯ އެނގޭނީ ނަތީޖާ ނިމުނީމަ،" ޖޭޕީއަށް މެމްބަރުން ތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި ގާސިމް ވިދާޅުވި އެވެ. މީގެ އިތުރުން ޖޭޕީއިން ވެސް މިހާރު ވަނީ އެޕާޓީގެ ޓިކެޓްގައި ދާއިރާތަކަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިންވެސް ދާދި ފަހުން ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. މައުމޫންވެސް ގެންދަވަނީ އެމަނިކުފާނުގެ ތާއީދާއެކު ނިކުންނަން ބޭނުންވާ ފަރާތްތަކާއި އިންޓަވިއު ކުރައްވަ މުންނެވެ. އެހެން ކަމުން ކޯލިޝަންގައި ބާކީ ގޮތެއް ނުނިންމާ މިވަގުތާއި ހަމަޔަށް އޮތީ އަދާލަތެވެ.

ޕާޓީތަކުގެ މެމްބަރުންގެ ވިސްނުން

އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުމަކީ ހުރިހާ ޕާޓީތަކުން ވެސް ގެންގުޅެންވީ ވިސްނުމެވެ.

"މިޕާޓީއިން އެއޮތީ ޕާޓީގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކޮށްދީފައި. ޕާޓީގެ މެމްބަރުން ބޭނުންވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން. އެ ފުރުސަތު ލީޑާޝިޕުން އެއޮތީ ފަހިކޮށްދީފައި. ރައީސް ނަޝީދު ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަށް ހައްގު މިންވަރު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނަގާނެ" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ހަރަކާތްތެރި މެމްބަރަކު ބުނި ގޮތުގައި ޖޭޕީން އަދިވެސް އޮތީ ކޯލިޝަން އެގްރީމަންޓާއެކު ދާށެވެ. އެހެން ނަމަވެސް ޖޭޕީންވެސް ކުރަނީ ސިޔާސީ މަސައްކަތެކެވެ. ވަކި އެޕާޓީން ދޫދޭންޖެހޭ ސަބަބެއް ނެތެވެ.

"އެއްގޮތަކުން ރަނގަޅަށް މިވީ. ކޯލިޝަން އެގްރީމަންޓާއެކު ކުރިޔަށްދާ ކަމަށް ވާނަަމަ ޖުމްހޫރީ ޕާޓީއަށް އެބަ ގެއްލޭ ވަރަށް ޔަގީން ކަމާއެކު ކާމިޔާބު ކުރެވޭނެ ދާއިރާތައް. އެ މެމްބަރުންގެ ހައްގުވެސް އެބަ ގެއްލޭ އެހެން ޕާޓީތަކަށް ފުރުސަތުދޭން ހަދައިގެން. މިހާރު އޮތް ގޮތުން އެދާއިރާތަކަށް ވެސް ޖުމްހޫރީ ޕާޓީއަށް ވާދަކުރުމުގެ ފުރުސަތު އެބަލިބޭ. އެހެން ކަމުން އެ ގޮނޑިތަށް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަންވެސް އެބަ ލިބޭ" އެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް އުޅުއްވާ އަބުުދުލް އަލީމް ވިދާޅުވި ގޮތުގައި ރައީސް މައުމޫން ބޭނުންފުޅު ވަނީ އަދިވެސް ކޯލިޝަން އެގްރީމަންޓާއެކު ކުރިޔަށް ވަޑައިގަންނަވާށެވެ.

"އެފޯމިއުލާ މަސައްކަތް ނުކޮށްފިނަމަ ރައީސް މައުމޫން ވެސް އެބަ ބޭނުންފުޅުވޭ ވަކިން ކެނޑިޑޭޓުން ނެރެން. އެމްއާރުއެމްއިން މިހާތަަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު، އެގްރީމެންޓްގައި އެ ބުނާ އަދަދަށްވުރެ ގިނައިން ގޮނޑި އެމްއާރުއެމްއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ޕާސަނަލީ އަޅުގަނޑު ދެކެނީ ފައިދާ ބޮޑީ ވަކިން ވާދަކޮށްގެން ކަަމަށް،" އަލީމް ވިދާޅުވި އެވެ.

ވާދަ ކުރެވޭނެ އިދިކޮޅަކަށް ޕީޕީއެމަށް ނުވެވޭނެ!

ސިޔާސީ މަޝްރަހުގެ މިހާރުގެ ހަގީގަތަކީ މަޖިލިސް އިންތިހާބު ކައިރިވަމުން އަންނަ އިރު، އިދިކޮޅުގައި ތިބި ފަރާތްތައް ސްޓޭބަލް ނުވެ އޮތުމެވެ. ޕީޕީއެމްގެ މުސްތަގުބަލާއިމެދު ސުވާލު އުފެދިފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ޓިކެޓް ދެއްވާފައިވާ ގިނަ ބޭފުޅުންނަކީ ސިޔާސީ ގޮތުން ވެސް އަދި ތަޖުރިބާގެ ގޮތުންވެސް ކޯލިޝަން ކެނޑިޑޭޓުންނާއި ވާދަ ކުރެވޭ ވަރަށްވުރެ "ޅަ" ކެނޑިޑޭޓުންތަކެކެވެ.

މީގެ އިތުރުން ޕީޕީއެމްގެ މުސްތަގުބަލާއި މެދު ސުވާލު އުފެދިފައިވާ އިރު، އަލަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކޮންގްރެސް ޕާޓީ ރެޖިސްޓާ ކުރަން އަދިވެސް ނުކުޅެދިފައި އޮތުމަކީ ޕީޕީއެމްގައި މިވަގުތު ތިބި މެމްބަރުންގެ ބޮޑު ކަންބޮޑުވުމެކެވެ. ރިޔާސީ އިންތިހާބުގައި ނުވަދިހަ ހަހާސް ވޯޓު ރައީސް ޔާމީނަށް ލިބި ވަޑައިގެންނެވި އިރު އަދި އެ ވޯޓަށް އަދި ގިނަ މަސްތަކެއް ނުވާއިރު އެ ނަމްބަރުގެ އަދަދު މިހާރަކު ފެންނާކަށް ނެތެވެ.

ސަރުކާރު ކޯލިޝަނާ ވާދަ ކުރެވޭނެ ވަރު އިދިކޮޅުގައި ނެތް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން ޕާޓީތަކުން ވަކިވަކިން ވާދަ ކުރި ނަމަވެސް އިދިކޮޅުގައި އެ ކެނޑިޑޭޓުން ކަޓުވާލުމުގެ ގާބިލް ކަމެއް ހުރިކަމަށް ގިނަ ބަޔަކު މިހާރު ނުދެކެއެވެ. ޕާޓީތަކުން ވަކިން ވާދަ ކުރިޔަސް ޕީޕީއެމްއަކީ އެ ޕާޓީތަކަށް ތްރެޓަކަށް ވުމަށްވުރެ ދުރުގައި އޮތް ޕާޓީއެކެވެ. މި ފަހަރުގެ މަޖިލިސް އިންތިހާބު ވެގެންދާނީ ކޮންމެ ޕާޓީއަކަށްވެސް އެޕާޓީއެއްގެ އަސްލު ސައިޒު ދައްކާލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.