ބޮލީވުޑް

އުފަންދުވަހު ދީޕިކާ ލޯންޗު ކުރީ ވެބްސައިޓެއް!

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާ ދީޕިކާ ޕަޑުކޯން އޭނާގެ 33 ވަނަ އުފަން ދުވަހާއެކު ފޭނުންނަށް ހާއްސަކޮށް އޭނާގެ އަމިއްލަ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

ވެބްސައިޓް ލޯންޗުކުރުމުގެ ކުރިން އޭނާ ވަނީ، ފޭނުންނަށް ހާއްސަ ހަދިޔާއެއް އޮންނާނެ ކަމަށާއި، އެއީ ކޯއްޗެއްކަން ދައްކާލުމަށް ކެތްމަދު ވެފައިވާކަން ބުނެފަ އެވެ. އަދި ހުކުރު ދުވަހުގެ ހަވީރު ވަނީ އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ވެބްސައިޓް ލޯންޗުކުރި ކަން އެންމެންނަށް އަންގާފަ އެވެ. ދީޕިކާގެ ފޮޓޯ އަކާއެކު ވެބްސައިޓްގެ ލިންކާއި، ކިއުއާރް ކޯޑް މި ޓްވީޓުގައި ހިމަނާފައި ވެ އެވެ.

ދީޕިކާގެ ވެބްސައިޓުގައި އޭނާ ކުޅެފައިވާ ފިލްމުތަކާއި، ފޮޓޯ ޝޫޓުތަކުގެ އިތުރުން މިހާތަނަށް ލިބިފައި ހުރި އެވޯޑުތައް ވެސް ހިމަނާފައި ވެއެވެ. ބޮލީވުޑްގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވި ގޮތް ވެސް ވެބްސައިޓުން މިހާރު އެނގެ އެވެ.

ދީޕިކާއަށް 33 އަހަރު ފުރުމާ ގުޅިގެން، އޭނާގެ ފޭނުންދަނީ މަރުހަބާ ކިޔަމުންނެވެ. މީގެ އިތުރުން މަޝްހޫރު ތަރިންގެ ތެރެއިން އާލިއާ ބަޓް އޭނާއާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލައި، އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ.

މި ދެތަރިން ވަނީ އެކަކު އަނެކަކަށް ރުޅިވެރިކަން އުފެދި، ދުވަހަކު ވެސް ރައްޓެހިންގެ ގޮތުގައި ނުފެންނާނެ ތަރިންގެ ލިސްޓުގައި ހިމެނިފަ އެވެ. ސަބަބަކީ، އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދީޕިކާ ކައިވެނީގެ ކުރިން އެކުގައި ފެނުނު ރަންބީރު ކަޕޫރެވެ. އެހެންނަމަވެސް، އާލިއާ ބަޓް އާއި ދީޕިކާ އާ ދެމެދު ރުޅިވެރިކަމެއް ނެތް ކަން މި ޕޯސްޓުން އެނގުނެވެ.