ދިވެހި ސިނަމާ

ސީޒަންގެ ކުރު ފިލްމު ގެންދާނީ ސާކް ފެސްޓިވަލަށް!

ސާކް ފިލްމު ފެސްޓިވަލަކީ ރާއްޖޭގެ އިތުރުން ސާކްގެ އެހެން ގައުމުތަކުން ފިލްމުތައް ބައިވެރިކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލް / މުބާރާތުގައި މީގެ ކުރީ އަހަރުތަކުގައިވެސް ރާއްޖެއަށް ވަނީ ވަނަތައް ލިބިފަ އެވެ. މިއަހަރުގެ މުބާރާތުގައި ރަން ވަނައެއް ހޯދަން ފިލްމީ ތަރި އަލީ ސީޒަން ހުރީ އަތުކުރި އޮޅާލައިގެންނެވެ.

ބައިސްކޯފު ޕްރޮޑަކްޝަން ހައުސް އާ ގުޅިގެން "ސޯލް" މި ނަމުގައި 15 މިނެޓުގެ ކުރު ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ސީޒަން ބުނެ އެވެ. މި ފިލްމަކީ އެސް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އުފެއްދުމެކެވެ. ފިލްމުގައި ސީޒަން ނުހިމެނުނަސް ރާއްޖެއިން ބޭރު ދެ ތަރިންނާއި، ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ.

"ސޯލް މި ފިލްމަކީ 15 މިނެޓްގެ ކުރު ފިލްމަކަށް ހެދީ ސާކް ފިލްމު ފެސްޓިވަލްގެ ޝޯޓް ފިލްމްސް ކެޓެގަރީގައި ހިމަނަން ވެގެން. މުޅި ފިލްމުގައި ވެސް ބޮޑަށް ދައްކުވައިދޭނީ ރާއްޖޭގެ ރީތި މަންޒަރުތައް. ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދުގެ މަންޒަރުތައް" ފިލްމާ ބެހޭ ގޮތުން "އަވަސް" އާ ވާހަކަ ދައްކަމުން ސީޒަން ބުންޏެވެ.

މި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ފިލްމުގެ ބޮޑު ބައެއް ނަގަނީ އއ. މަތިވެރީގަ އެވެ. އަދި މާލޭގެ އިތުރުން މާލެ އަތޮޅުގެ ބައެއް އެހެން ރަށްތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ނަގާނެ އެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކޮށް މީގެ ކުރިން ވަނީ ފަހުރުވެރި ވަނަތަކެއް ހޯދާފަ އެވެ. އެންމެ ފަހުން ބޭއްވި ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ލިބުނެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު "އިނގިއްޔަ"ށް ބްރޯންޒް މެޑަލް ލިބުނެވެ. އަދި 2015 ގައި އަލީ ސީޒަންގެ ފިލްމު، "އިންސާނާ" އަށް ވެސް ވަނީ ބްރޯންޒް މެޑެއްޔެއް ލިބިފަ އެވެ.