(2 ޖެނުއަރީ 2019 އާ ގުޅޭ)
"ހަމަ އެއްގޮތަކަށްވެސް ނޭގެ، އަހަންނަށް އެއީ ކާކުކަން އެނގޭނަމަތާ ތިކަމަށް ޖަވާބެއް ދެވޭނީ، ގޭގަ ޕޯސްޓު ބޮކްސްއެއް ހަރުކުރިފަހުން އަންނަން ފެށީ ސިޓީއެއް، އޮރެންޖުކުލައިގެ ސިޓީއުރައަކަށް ލާފަ އޮންނަނީ، އަދި އޭގަ އިނދޭ ފިނިފެންމަލެއް ޖަހާފަ، އެޑްރެސްކޮއްފަ އޮންނަނީ އަހަންނަށް، އަހަންނަށް އެއީ ކޮންކުއްޖެއްކަމެއް ނޭގުނަސް އޭނައަށް އަހަރެން އެނގޭ، ސިޓީގަ ލިޔެފަ ހުންނަ ވާހަކަތަކުން އޭނަ އަހަރެން ދަންނަކަން އެނގޭ، ބުނަންތަ ދޮންބޭ، ކޮންމެ މީހަކު ފޮނުވި ސިޓީއަކަށް ވިޔަސް ހާދަ ހިތްގައިމު ވަހެއް އޭގަ ހަރުލާފަ ހުރެއޭ، މަވެސް އެސިޓީތައް ކިޔަންފެށީ ވަރަށް ފަހުން، ހާދަ ފަށުވިއޭ ބަސްތައް، ލޯބިންގޮސް ހިތްފުރޭވަރުވޭ، ދޮންބެއަށް އެނގޭތަ، އަހަރެން ޒާރާ އާއި އިނދެގެން ނޫޅޭނަމަ އެއަންހެން ކުއްޖާ ހޯދަން މަސައްކަތް ކުރީމުސް، އެކަމަކު މިހާރު ދެން އެއަންހެން ކުއްޖާވެސް އެކުރަނީ ބޭކާރު ކަމެއް........" ދާއިން ގެ ނަޒަރުވަނީ ދުރަށް ހުއްޓިފައެވެ. އޭނަގެ ސިކުނޑި ތެރޭގައި އެހެން ހިޔާލުތަކެއް ދައުރުވާކަހަލައެވެ.
"ކީއްވެތަ ދޮންބެއަށް އެސިޓީތައް ދައްކާލަން ނުގެނައީ؟ ކޮންނަމެއް ކިޔާ ކުއްޖެއްކަން އެނގޭތަ" މާކިންގެ މޫނަށް ހިނިތުންވުމެއް ވެރިވެފައިވިއެއްކަމަކު އޭނަވަނީ އެތަކެއް ސުވާލެއް ދާއިންއަށް ކުރަން ބޭނުންވެފައެވެ.
"އޭންޖެލް..........އޭންޖެލް......" ދާއިން އިންގޮތަށް އިނދެ އެހެންބުނެލީ ހިޔާލީ ގޮތަކަށެވެ. ހީވާ ގޮތުން އޭނައަށް ލޯބީގެ ސިޓީ ފޮނުވާ ކުއްޖާގެ ހިޔާލީ ސިފަކުރުމަކުން ސިފަކުރަނީ ކަންނޭގެއެވެ.
"ކޮން އޭންޖެލް އެއް؟" މާކިން އަހާލިއެވެ.
"އެއީ ހަމަ ކޮންމެ ސިޓީއެއްގައިވެސް ޖަހާފައިވާ ގޮތް، އަހަރެން އެސިޓީތައް ނުގެނައީ މީހަކަށް ފެނިދާނެތީ، ހާއްޞަކޮށް ޒާރާއަށް ފެނިދާނެތީ، އަނެއްކޮޅުން ޒާރާއަށް އަހަރެން އޭނައަށް ކަމެއް ފޮރުވާކަންވެސް އެނގެން ބޭނުންނުވަނީ" ދާއިން ކިޔާދިނެވެ.
"ހޫމް.....ހޫމް.....ތިހެން ކިޔަ ކިޔާފަ އަނެއްކާ އެސިޓީތަކުގެ ޖާދޫގައި ނުޖެހެއްޗޭ، މިހާރުގެ އަންހެން ކުދިންގެ ގޮތެއްވެސް ނޭގޭނެ" މާކިން ބުނެލިއެވެ.
"ހޭ ދޮންބޭ، ދިސް ސްޓޭސް ބިޓުވީން ޔޫ އެންޑް މީ އެނގޭ" ދާއިން މާކިންއާއި ހަތަރުކަޅި ހަމަކޮއްލަމުން ބުނެލިއެވެ. އޭނަ މާކިންގެ ފުރިހަމަ އިތުބާރު ބޭނުންވެއެވެ.
"އޭސް އޯލްވޭސް، ސިއްރަކީ ހަމަ ސިއްރެއް، މުޅިއުމުރަށްވެސް" މާކިން ހީލަމުން އަތްޖެހޭ ހިސާބުގައި އިން ދާއިންގެ ކޮނޑުގައި ޖަހާލީ އިތުބާރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.
* * * * *
ގޭތެރޭގެ ހުރިހާ ކަމެއް ކުރުމުގައި ނީލް އާއި އިތުރު ދެއަންހެނުން ނާޒިޔާއަށް އެހީތެރިވަމުންދެއެވެ. އޭނަ މެންދުރުގެ ކެއުމަށް ތައްޔާރުވަމުން ދިޔައިރު ވަސީމާވެސް އުޅެނީ އޭނަގެ ދާދި ގާތުގައެވެ. ސަޢީދު އާއި މޫސަ ތިބީ ގޭގެ ބިއްދޮށުގައި އޮތް ހުސްތަނުގައެވެ. ޝިމާދު އާއިއެކު މަންހާ އެގޭގެ އެކިތަންތަން ބަލާލުމުގަ އުޅެއެވެ. ޝިމާދު ދިޔައީ އޭނަގެ އަތުގައި އޮތް ކެމެރާއިން މަންހާގެ ފޮޓޯތައް ނަގަމުންނެވެ. އެމީހުން އެންމެ އަޖައިބު ކުރުވީ ގޭގެ ބިއްދޮށުގައި ހަދާފައިވާ ސުވިމިންގ ޕޫލްއެވެ. ވަށައިގެން ހިޔާކުރެވިފައިވާ އިރު ސުވިމިންގޕޫލުއޮތީ ސާފު އުޑު ފެންނާނެ ގޮތަށް ދިމާ ހާމައަށެވެ. މޫސަ އާއި ސަޢީދު އެތަނުން ގޮނޑިއެއްގައި އިށީނދެލައިގެން ތިއްބެވެ. އެތާނގެ ކޮންމެ ދިމާލަކުން ފައިތިލަ ދަށުގައިވަނީ މާބުލްގެ ރީތި ޑިޒައިންތަކެވެ.
"ކޮން އިރަކުންތަ ޝަރަފް އަންނަނީ؟" މޫސަ އަހާލިއެވެ.
"މާދަން އާދެވޭނެ ވާހަކަ ބުނީ، ފަހަރެއްގަ މިރޭ އިރުއޮއްސޭއިރަށްވެސް އައިސް ދާނެ، ދެން އެވާހަކައެއްނޫނޭ، ހާދަ ކުރިއަކަށް ޖައްސާލައިގެން ތިއުޅެނީ، މިހާ ބޮޑުގެއެއް ހިފައިގެން ތިއުޅެނީ ހަމަ ތިދެމަފިރިން އުޅެންތަ؟" ސަޢީދު އަހާލިއެވެ.
"މީ ޒިޔާ ބޭނުންވި ގެ، އަހަރެން އޭނައަށް ދިން ހަދިޔާއެއް، މިހާރުމީ އަހަރެންގެ އަމިއްލަ ގެއެއް.........ސަޢީދު، ވަރަށް ދެރަވޭ މިވާހަކަ ދައްކަން ވީމަވެސް، އެކަމަކު ތިއެކުވެރިޔާއަށް ކިޔާދޭކަށް ކޮންލަދެއް ދޯ..." މޫސަގެ މޫނުމަތީގައި ކުރިން ހުރި ހިނިތުންވުން ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިޔަކަން ސަޢީދުއަށް ފާހަގަކުރެވުނެވެ.
"އަނެއްކާ ކިހިނެތްވީ، ބޮޑުކަމެއް ދިމާވީތަ" ސަޢީދު ކަންބޮޑުވިއެވެ.
"އަހަރެންގެ ތިބީ އެންމެ ދެކުދިންކަން ސަޢީދުއަށް އެނގޭނެ، އެކުދިންނަށްޓަކާ ކިހާ ފޮނި އުއްމީދެއް އަހަރެން ކުރިން، ލަންކާއަށް ފޮނުވައިގެން ކިޔަވައިދެމުން ގޮސް އެންމެ ފަހުން އެތަން ކަމުނުގޮސްގެން މެލޭޝިޔާއަށް ފޮނުވީ، އެކުދިންނަށްޓަކާ އަހަރުމެން މިކޮޅަށް ބަދަލުވީވެސް، އެންމެ ފުރަތަމަ އަހަރުމެން ނެގީ މިގެއެއް ނޫނޭ، އޭރު އުޅެމުން ދިޔައީ އާދައިގެ އެޕާޓުމެންޓެއްގަ.....ޒިޔާ ބޭނުންވީ ކުދިންކިޔަވާ ނިމޭއިރު އަހަރުމެން ކައިރީގަ ތިބެން، އެހެންވެ މިގެ ނެގީ......އެކަމަކު މިގޭގެ ފަޅުކަން ސަޢީދުއަށްވެސް ފާހަގަ ކުރެއްވިއްޖެ އެއްނު ދޯ" މޫސަ ފުން ނޭވާއެއް ބޭރުކޮއްލިއެވެ.
"އަހަރެން އެހެން އަހަންވެގެންނޭ މިއުޅުނީ، ޗުއްޓީގަވެސް ކުދިން ގެއަކަށް ނާދޭތޯ" ސަޢީދު ބުނެލިއެވެ.
"ކިހިނެތް އަންނާނީ، ފިޔަފަޅާއިރަށް އުދުހެން ނޭގުނަސް އުދުއްސައިގަންނަން ބޭނުންވޭ، މިއޮއްހުރިހާ ދުވަހު މައިންބަފައިންނަށް ކޮއްދެވުނު ކަމެއްނެތް، ދޮށީ ދަރި ޖުމާ ޔުނަވަރސިޓީ ނިމުންއިރަށް ޔޫކޭ ކުއްޖަކާއި ކައިވެނިކޮށްގެން އެކޮޅަށް ބަދަލުވެއްޖެ، އަހަރުމެންގެ ލަފާ އަހާވެސް ނުލާ، ގައިމު އަހަރުމެން ދަރިންނާއިގެން މިއުޅެނީ ކިހާވަރަކުން، ބުނިއްޔާ ބުނިކަމެއްކޮއްދީގެން، އެހާ ތަނަވަސްކަން މާތްﷲ މިންވަރުކުރައްވާފަވަނީ، ޒިޔާ އެކަމާ ހާދަ ރުޔޭ، ކިތަށްމަސް އޭނަ އެހެން އުޅުނީ، އޭނަ މިގެގަތުމުގެ އެންމެ ބޮޑު އުއްމީދަކީ އެކުދިންނާއިއެކު މިގޭގައި އުޅުން........." ފުން ހިޔާލެއްގެ ތެރެއަށް މޫސަ ގެއްލިފައި އިނުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ސަޢީދުއަށް އަޑުއިވެމުން ދިޔަ ވާހަކައިން ދެފަރާތަށް ބޯހޫރުވާލެވުނެވެ.
"އަހަރުމެން އެއްފަހަރުވެސް ނުބުނަން އެކުދިން ބޭނުން ބަޔަކާ ކައިވެނި ނުކުރެވޭނެއެކޭ، ދެން ކީއްވެ އެގޮތަށް ކަންތައް ކުރަންވީ، ސަޢީދު، އަހަރެންގެ ހަގު މަންޖެ ޖެނީއަކީ ހުއްޓަސް ހަމަ ނެތްކުއްޖެ، އާއިލާގެ ނަންވެސް މުޅިން ހަޑިވެއްޖެ، ކިޔެވީކީ ނޫން، މިކޮޅުގަ ހުންނަ ބާތަކަށް ގޮސް ރާވެސް ބޮނީ، ހުއްޓުވަން އުޅެއުޅެ ހުއްޓުނީކީ ނޫން، ދެރޭ ދެދުވާވަންދެން ޚަބަރެއް ނުވެގެން އުޅެނިކޮށް އޭނަ އާއިއެއްކޮށް އުޅޭ ފިރިހެން ސޮރެއް މިގޭދޮށަށް ޖެނީގެނައީ، އޭރުވެސް މަސްތުވެގެން ގޮސް ހެއެއްނެތް، ލާއިގެން ހުރި ހެދުންވަނީ ތިންހަތަރު ތަނުން ވީދައިގެން ގޮސްފަ، އަޅެ މީތަ އަހަރުމެން އެކުދިންނަށް ދިން ތަރުބިއްޔަތަކީ، އަހަރުމެންނަށް ކޮންކަމެއްތަ އުނިވީ، ޒިޔާއަކީ އަޅާކިޔާ ނުލެވޭވަރުގެ ރަނގަޅު ގެވެހި އަންބެއް، އަޙްލާގު ރަނގަޅު ހެޔޮ މަޔެއް، ދެން ކީއްވެ؟" މޫސަ އަނެއްކާވެސް ވާހަކަ މަޑުޖައްސާލީ ހިތަށް ކުޅަދާނަނުވާ ހިސާބަށް ދިޔައީމައެވެ.
"އެކަމަކުވާ، ދެން މިހާރު އެމަންޖެ ކޮބާ؟ ކީއްވެތަ މާލެ ނައީ؟ އަހަރުމެންނަށް މިއިންއެއްވެސް ކަމެއް އަންގާނުލީތީ ވަރަށް ދެރަވެއްޖެ..........މޫސަ އަހަރެންގެ އެކުވެރިކަން ހަނދާންނައްތާލީ ކީއްވެ؟" ސަޢީދުގެ ހިތަށްވެސް ގޮތްތަކެއް ވެއްޖެކަން ގައިމެވެ.
"އަހަރެންގެ ސިކުނޑި އޭރުހުރީ ސުމަކަށް ގޮއްސަ، ހަދާފަ ނުހަދާނެ ގޮތެއް ނޭގިފަ، ހިތަށް އެރީ ޖެނީ ގޮވައިގެން މާލެ ގޮސްފިނަމަ މާލޭގައި މިއުޅޭ ގުރޫޕުތަކާއިއެކުވެގެން މަސްތުވާ ތަކެތި ބޭނުންކުރަން ފަށާފާނެއޭ، އަނެއްކޮޅުން ޖެނީ ބަލިވެ އިންކަން އެނގުނީ ބަނޑަށް ހަތަރުމަހުގަ.........ޒިޔާ ކިރިޔާ އެހެރީ ސްޓްރޯކެއް ނުޖެހި ސަލާމަތްވެފަ، ދެން ސަޢީދު ބުނެބަލަ، އަހަރެން ސިކުނޑި ސުމަކަށް ނުދާނެތަ.......އަހަރެންގެ ދަރިންވިއްޔަ، އަހަންނަށްވެސް އަސަރުކުރާނެއެއްނު، އަހަރެން ޖެނީ ގޭބަންދުކޮއްގެންވެސް އުޅުނިން، ދެން ހަނދަންފެށިގޮތަކީ ، އަތުގަޖެހޭ ކޮންމެ އެއްޗެއް ބޯލަނީ........ބަލިވެ އިނަސް އެކުއްޖާ ދުނިޔަށް އުފަންނުވެ ބައިގެން ދިޔައީ.........އެކަންތައްވެސް ވީ ރޭޕް ކޭސްއަކަށް، އެއްވެސް ގޮތެއް ނެތިގެން މިކޮޅުގެ ހާއްސަ ކައުންސިލަރުންގެ އެހީއާއި މަޝްވަރާގެ މަތިން މިހާރު ވީ ރީހެބްގަ، އެތަނަށް ބައްދަލުކޮއްލަން ދިޔަޔަސް ހިތަށްލިބެނީ އިތުރު ވޭނެއް، ޖެނީގެ އަނގައިން އެހަރަ ނުކުންނަ ބަސްތަކަކީ އަހަރެން ދުވަހަކުވެސް އަޑުއެހި ބަސްތަކެއްނޫން، އެތަނުގެ ކަމާބެހޭ މާހިރުން އަހަރުމެން ދެމަފިރިންނަށް އެންގީ އެމީހުން އަންގާލަންދެން އެހަށް ޖެނީ އާއި ބައްދަލު ކުރުން ހުއްޓާލާށޯ.........މީ ދިރިއުޅުމެއްތަ، އަޅެ އެކުވެރިޔާ ބުނެބަލަ، މިފައިސާ އާއި މުދަލުގެ ބޭނުމަކީ ކޮބާ؟ އަހަރެން އެންމެ ފިކުރު ބޮޑުވަނީ ޒިޔާ އާއި ދޭތެރޭ، އެންމެ ދަރިއެއް ގެއްލުނީމަވެސް މައިންނަށް ވާގޮތް ފެނޭ، އަދި އޭނަގެ ދެދަރިން ދިރިތިބެ ގެއްލުނީމަ އެހިތަށް ކުރާނެ އަސަރު ހިތަށް އަރާފަ އަހަރެން ގޮތްހުސްވޭ، ހިތްވަރު މުޅިން އެލިގެންދޭ.........." މޫސަގެ ދެދޮލުން ކަރުނައައިސްފިއެވެ. އޭނައަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.
ސާޢިދު މޫސަގެ ކޮނޑުގައި ޖަހާލަމުން ހިތްވަރު ކުރާށޭ ބުނެލިއެވެ. މާތް ރަސްކަލާނގެ އިރާދަފުޅާއެކު އަދި މޫސަމެން ދެމަފިރިންގެ ދަރިން އެއްތަންވާނެއޭ ބުނެ އުއްމީދު އާލާކޮއްދިނެވެ. ހަގު ދަރިފުޅު ޖެނީ އަދި ރަނގަޅުވެގެން އެމީހުންގެ ގާތަށް އަންނާނެއޭ ބުނެލިއެވެ. ނާޒިޔާއަކީ އަންހެނޭ ސަޢީދު ބުންޏެވެ. އެމީހުންނީ ކެތްތެރިވާން ދަންނަބައެއްކަން މޫސައަށް ވިސްނާދިނެވެ.
* * * * *
ދެހަފްތާ ވޭތުވެގެން ދިޔައިރު މަންހާގެ އުޅުމަށް އެދެވޭ ބަދަލެއް އަންނަކަން ޝީމާދުއަށް ފާހަގަ ކުރެވުނެވެ. އެކަމުގެ ސިއްރަކަށްވީ އެމީހުންގެ ގާތަށް ޝަރަފު އައުމެވެ. ވަސީމާގެ ކުދިން ނާޒިޔާ މެންގޭ ފަޅުފިލުވާލަދިނެވެ. ހުރިހައި އެންމެން އެއްކޮށް ބާޒާރު ކުރަން ދިއުމާއި ތަންތަން ބަލާލަންދިއުން ކޮންމެ ދުވަހަކުހެން އޮވެއެވެ. އެހެންނަމަވެސް މަންހާގެ ހިތުގެ ހާލު އޮތީ ކުރިންވެސް އޮތްގޮތަށެވެ. މާލެ އަންނަން ފުރަންޖެހުނު ދުވަހު މަންހާގެ ހަލުވިކަން ވަކިން ފާހަގަކޮއްލެވުނެވެ. އޭނަ ހުރީ ވީހާވެސް އަވަހަކަށް ދާއިން ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ވަސީމާ އާއި ސަޢީދު މާލެ ދިއުމުގެ ކުރިން އެމީހުންގެ ގާތުން މޫސަމެންގެ ދެމަފިރިން ކަމަކަށް އެދުނެވެ. ސަޢީދު މޫސަގެ ހުށައެޅުމާއި ދޭތެރޭ ވަރަށް އުފާކުރިއެވެ. މޫސަމެން ބޭނުންވީ ޝަރަފްގެ ކިޔެވުން އެގޭގައި ހުރެގެން ފުރިހަމަ ކުރުމަށެވެ. އެގެއިން ޝަރަފްއަށް ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ހުންނާނެ ކަމުގެ ޔަގީންކަން ދިނެވެ. މިކަމުގައި ޝަރަފްއަށް ބޭނުންވީ އޭނަގެ މައިންބަފައިންގެ ހިޔާލެވެ. އެމީހުންގެ ނިންމުމަކީ އޭނަގެވެސް ނިންމުމެވެ.
މަންހާ ހުރީ އަނެއްކާވެސް ޝަރަފްއާއި ދުރަށް ދާންޖެހޭތީ ދެރަވެފައެވެ. ދާއިންގެ ލޯބިން މާޔޫސްވެފައިވާ އޭނަގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ގެނެސްދެނީ އެބޭބެގެ ސަމާސާ ހަރަކާތްތަކާ ބަސްތަކުންނެވެ. ޝަރަފުގެ މަތިން ހަނދާންނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އޭނައަށް މީހުންގެ ހިތްތަކުން ރުހުން ހޯދަން އެނގެއެވެ. އެހެންނަމަވެސް އޭނައަށްވެސް ފާހަގަ ނުކުރެވުނު އެއްކަމެއް ވިއެވެ. އެއީ އޭނަ ގާތުގައި މަންހާ ދެހަފްތާ ވޭތުކުރުމަށްފަހު މާލެ ދާއިރުވެސް މަންހާއަށް އެއްވެސް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ނުވުމެވެ.
* * * * *
އެރައިވަލް ތެރެއިން ނުކުމެވުމުން މަންހާއަށް ފުންނޭވާއެއް ބޭރުކޮއްލެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. ހިތާ ހިތާ އެންމެ ފުރަތަމަ ކިޔާލެވުނީވެސް ދާއިންގެ ނަމެވެ. ވަސީމާގެ އަތުގައި ހިފައިގެން މީހުންގެ ތެރެއިން އެއްފަރާތަކަށް ޖެހިލީ ސަޢީދު އާއި ޝިމާދު ފޮށިހިފައި އެމީހުންނާއި އަރާ ހަމަވަންދެންނެވެ. އެވަގުތު މަންހާގެ ފަހަތުން ޖެހިލި ވައިރޯޅި ދިޔައީ މަންހާގެ އިސްތަށިގަނޑު ހާވާލާފައެވެ. އަވަހަށް ފަހަތަށް އެނބުރިލެވުނީ ދެއަތުން ހޭވިފައިވާ އިސްތަށިގަނޑު ކޮންޓްރޯލް ކުރުމަށެވެ. އަތްދަބަހުގެ ތެރެއިން ނެގި ޝޯލްއިން ރީތި ގޮތަކަށް އިސްތަށިގަނޑު އައްސާލަން އުޅުނެވެ. އެހެންނަމަވެސް މަންހާ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލީ އޭނަގެ ފުރަގަހަށް އެނބުރުނުއިރުފަނަވަރަކަށް ފިޔަވަޅު ދުރުގައި ހުރި ޒުވާނާ ފެނުމުންނެވެ. މަންހާއަށް ވަށައިގެން ހޯދާލެވުނެވެ. އެޒުވާނާއަށް ގޮވާލަން އޭނަ ބޭނުންވިއެވެ. ބޭއިޙްތިޔާރުގައި އޭނަގެ ފައިތިލަ ކުރިއަށް ޖެހުނެވެ.
"ދާ......އި......ން........" މަންހާގެ އަނގައިން ވައިއަޑެއް ނުކުތެވެ. އެއާއެކު ވަސީމާ އޭނަގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މަންހާގެ އަތަށް ކުއްލިއަކަށް ވާންވުމާއިއެކު ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅު ފަހަތަށް ދިޔައެވެ. މަންހާގެ ހިތްއަވަސް ވެ ނޭވާ ކުރުވާންފެށިއެވެ. ކަރުތެރެ ހިކިގެންދިޔަފަދަ އިޙްސާސްއެއް އޭނައަށް ކުރެވުނެވެ.
"ނޫން......ނޫން..........ނޫން......" މަންހާގެ ހިތް ބާރަށް ރޯންފެށިއެވެ. އެކަމަކު އެހިތުގެ ރުއިމުގައި އަޑެއްނުކިޔެވެ. އެންމެފަހުން ވަސީމާ އާއިއެކު ހިނގައިގަތީ ގޮތްހުސްވެފައިވާ މީހެއްފަދައިންނެވެ. އެހެންނަމަވެސް ލެވޭކޮންމެ ނޭވާއަކާއިއެކީ ފަސްއެނބުރި ބަލާލެވެއެވެ.
"ކިހިނެތްވީ؟ އެއްޗެއް މަދީތަ؟ ޝިމާދު ހުރިހާ އެއްޗެއް ގެނައިންދޯ" ވަސީމާ މަންހާ ފަހަތަށް ބަލާވަރުން އަހާލިއެވެ.
ހަށިފުރާލީ ނޭވާއާއިއެކު މަންހާ ވަސީމާއިއެކު ހިނގައިގަތީ ގޮތްހުސްވެފައިވާ މީހެއްފަދައިންނެވެ. ލޯބީވާ ދާއިން އަށް ފުރަގަސްދެމުން އޭނަ އާއި ދުރަށެވެ. ދިގު އިންތިޒާރަކަށްފަހު އެންމެ ފަހަރަކު ހިތްހަމަޖެހިގެން އެރީތި ސޫރައަށް ބަލާލުމުގެ ފުރުޞަތުވެސް އޭނައަށް ނުލިބުނެވެ.
ދުވަސްތަކާއި އެކު މަންހާގެ ހަޔާތުގެ ސޮފުޚާވެސް ދިޔައީ އުކެމުންނެވެ. އެހިތުގައި ދާއިންއަށްޓަކައި އުފެދި ބިންވަޅުނެގިފައިވާ ލޯބިވެސް ދިޔައީ އެހިތުގެ އެންމެ ފުނުގައި މޫލާ ވަރުގަދަވަމުންނެވެ. ދާޢިންއަށްޓަކައި އޭނަ ވަނީ ދީވާނާވެފައެވެ. ކޮންމެ ހުރަހެއް ގިރާކުރުމުގައި އޭނަ ފަހަކަށް ނުޖެހޭނެއެވެ. މުޅި ދިރިއުޅުމުގެ އެންމެ މުހިއްމު އެއްމަގްޞަދު ކަމުގައި ދާއިންވަނީވެފައެވެ.
އައު އަހަރާއިއެކު އިސްކޫލުތަކުގެ ކިޔެވުންވެސް ފެށިގެން ދިޔައެވެ. މިއަދު މަގުތަކުގައި ފެންނަނީ ހުދުކުލަ ގަދަ ސާފު ޔުނީފޯރމް ތަކާއި އައު ބޫޓާ، އައު ދަބަސްތަށް އަޅުވައިގެން ދާ ކުދިންނެވެ. ކޮންމެ ކުއްޖެއްގެ މޫނު ހިނިތުންވުމަކާއިއެކު އުޖާލާކަމަށް ދައްކައެވެ. ހީވާ ކަހަލައެވެ. އިސްކޫލަށް ދާހިތުން އެއިން ކޮންމެ ކުއްޖެއްވަނީ ކެތްމަދުވެފައެވެ. މިއިން އެއްވެސް އުފާވެރިކަމެއް ނެތި މާޔޫސްކަން ވެރިވެފައިވަނީ ވަސީމާ އާއިއެކު ހިނގަމުންދިޔަ މަންހާގެ މޫނަށެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ދާއިންގެ ކާރާދިމާލަށް ދުރުންފެށިގެން ބަލަމުންދިޔަ މަންހާގެ ހިތް މޭގެތެރޭ ނަށައިގަތްފަދައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ކުރިމަތީ އޮތްކާރަށް އަރަން ހިތްގައިމު ފިރިހެންވަންތަކަމުން ފުރިގެންވި ހިނގުމެއްގައި އެހެރަގެން އަންނަނީ ދާއިންވިއްޔާއެވެ. ގަދަ ދަނބުކުލައަކަށްދާ ޓައީގައި ހިފަހައްޓާލީ ވަޔާއެކު ޓައީ އަރާތީއެވެ. ދާއިން އިތުރު ދިމާލަކަށް ބަލާލުމެއްނެތި އައިސް އެރީ އޭނަގެ ކާރަށެވެ. މަންހާއަށް ހިނގުން ބާރުކޮއްލެވުނެއްކަމަކު ދާއިންގެ ކާރު މާއަވަހަށް ދުއްވާލައިފިއެވެ. އިސްޖަހާލަމުން ދެބުމަށް ގޮއްޖަހާލެވުނީ ދާއިން މާއަވަށް ކާރު ދުއްވާލީމައެވެ.
"އަދި ވަގުތު އެބައޮތޭ، މަންހާގެ ގަޑިޖެހުނަކަށް މަންމައެއް ނުދޭނެއެއްނު" ވަސީމާ މަންހާގެ ހިނގުން ބާރުކޮއްލުމުން ބުނެލިއެވެ. މަންހާގެ ހިނގުން މަޑުކޮއްލިއެއްކަމަކު އެއީ ވަސީމާގެ ބަހަކަށް ނޫނެވެ. އަވަހަށް އޭނަ ހިނގުންބާރުކޮއްލީ ދާއިންއަށް ފެނިލާށެވެ. އެކަމަކު ދާއިންގެ ކާރު ނައްޓާލުމާއިއެކު އެކަންވެސްވީ ބޭކާރެވެ.
އާދައިގެ މަތިން ދާއިންމެންގޭގައި ހަރުކޮއްފައިވާ ޕޯސްޓު ފޮއްޓަށް މަންހާ ބަލާލީ ލޯބިވެތިގޮތަކަށެވެ. އެހެންނަމަވެސް މިއަދު އޭނައަށް ތަފާތުކަމެއް ފެނިއްޖެއެވެ. އެގޭ ނަންބޯޑު ހަރުކޮއްފައިވާ ދިމާނޫން އަނެއްފަރާތު ފާރުގައި ކޮމްޕެނީއެއްގެ ނަންބޯޑު ހަރުކޮއްފައިވާތީ ފެނުނެވެ. މީގެ ކުރިން މަންހާއަށް އެތަނުގައި ބޯޑެއް ހަރުކޮއްފައިވާ ތަނެއް ނުފެނެއެވެ. އިސްކޫލު ބަންދުތެރޭ ވަރަށް ގިނަ ކަންތައްތައް ބަދަލުވީބާއޭ މަންހާގެ ހިތަށްއެރިއެވެ. އެކަމަކު އެހާ ދުވަހެއް އަދި ނުވެއެވެ. ފާރުގައި ހަރުކޮއްފައިހުރި ކަޅުކުލައިގެ ބޯޑުގައި ރަންކުލައިން ލިޔެފައިވާ އެއްޗެއް މަންހާ ކިޔާލިއެވެ.
"މޮޑާރން ޑިޒައިން" މަންހާ ކިޔާލިއެވެ. އަދި ބޮޑުކޮއްލިޔެފައިވާ ނަމުގެ ތިރީގައިވާ އެއްޗެއް ކިޔާލުމުން އެއީ އާރކިޓެކްޗަރ އާއި އިންޓީރިއަރ ޑިޒައިންކޮއްދޭ ކޮމްޕެނީއެއްގެ ނަންބޯޑުކަން މަންހާއަށް ޔަގީންވިއެވެ. އަވަސް ނަޒަރެއް ހިންގާލެވުނީ އެކޮމްޕެނީއަކީ ދާއިންގެ ކޮމްޕެނީއަށް ނޫނީ ނުވާނެކަން އެހިތްބުނުމުން، އޭނަގެ ފޯނުނަންބަރު އިނދެދާނެ ކަމަށެވެ. އެހެންނަމަވެސް އެކަންވެސް ކާމިޔާބުވާގޮތްނުވީ ބޯޑުގައިވަނީ ލޭންޑްލައިން ނަންބަރަކަށް ވީކަމެވެ. އެ ކޮމްޕެނީގެ އޮފިސް ހިންގަނީވެސް ދާއިންމެންގެއަކު ނޫންކަން އެނގުނީ އެނަންބޯޑުގައި ޖަހާފައިވި އެޑްރެހުންނެވެ.
"ކީއްކުރާ ތަނެއްތަ އެއީ؟ ކުރިން އެގޭގަ ނީދޭ ދޯ އެބޯޑެއް ހަރުކޮއްފަ" ވަސީމާ އެހެން އަހާލުމުން މަންހާ ސިހުނެވެ. ވަސީމާ އެގެއަށް ސަމާލުކަން ދޭންވީ ކީއްވެބާއޭ އޭނަ ހިތަށްއެރިއެވެ.
"ހޫމް، މިބަންދުތެރޭގަ ކަންނޭގެ ހަރުކޮއްފަ އެއިނީ......އެއީ އިމާރާތް ކުރަހާދީ އެތަންތަން ފަރުމާކޮއްދޭ ބައެއް" މަންހާ ވަސީމާއަށް އޮޅުން ފިލުވާދިނިވެ.
އިސްކޫލަށް ވަދެވުމާއިއެކު މަންހާއަށް އޭނަގެ ރަޙުމަތްތެރިން ހޯދާލެވުނެވެ. އާދައިގެ މަތިން މީގެކުރިންވެސް އެކުދިންގެ ތެރޭދެކެވެމުން ދިޔަ ވާހަކަ ދެކެވޭގޮތްވީ ބްރޭކްގެ ފަހުންނެވެ. މަންހާ މެލޭޝިޔާއަށް ދިއުމުގެ ތެރޭ އެއަރޕޯޓްގެ ޑިއުޓީ ފްރީ ތެރޭ ހިނގި ކަންތައްތަކުގެ ވާހަކަތަކާއި އެކޮޅުގައި ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ ކިޔާދިނެވެ. އަދި އަލީޝާ އާއި ޝިފްނާ އާއި އަމާނީއަށް ގެނައި ހަދިޔާ ދިއްކޮއްލިއެވެ. ތިންކުދިން އެއްފަހަރާ ގޮތަކަށް އަވަސް އަވަހަށް ހިފީ އުފަލުންނެވެ. މަންހާ އެއިން ކޮންމެ ކުއްޖަކަށް ގެނެސް ދިނީ ދަބަހުގެ ޒިބުގައި އެލުވާލާ ކުޑަކުޑަ ބެއަރއަކާއި އަލިމަސްފަދަ ކުދި އެސްތަކެއް ޖަހާފައިވާ ވިދާ އަނގޮއްޓިއެކެވެ.
"އޯ ތޭންކްސް މަން......ބަލާ މަގޭ އަތާ ކިހާ ގުޅޭ...." އަލީޝާ އަވަހަށް އަނގޮއްޓި އަޅާލުމާއިއެކު އެހެން ކުދިންނަށް ދައްކާލިއެވެ.
"ސީ މައިން، އަހަރެންގެ އަތާވެސް ނުލާހިކު ގުޅޭ، މި އެލީ ދެން މާ ދޮންމީހަކަށް ވެގެން އުޅޭނެ، ހެ ހެ ހެ ހެ ހެ" އަމާނީ އޭނަގެ އަތްތިލަވެސް ދައްކާލަމުން ބުނެލިއެވެ.
މަންހާ އޭނަގެ އެކުވެރިންގެ ސަމާލުކަން އަނެއްކާވެސް ހޯދީ ދާއިންގެ ނަން ހާމަކުރަމުންނެވެ. އޭނަގެ ހިތުގެ ހަމަޖެހުން ނަގާލީ މަންހާގެ މަންމަ ޒާރާއެއްގެ ނަން ހާމަކުރީއްސުރެން ފެށިގެންނެވެ. މަންހާގެ އެކުވެރިން އޭނައަށް ހިޔާލުދިނީ ޒާރާގެ މަތިން ހަނދާން ނައްތާލުމަށެވެ. ހީއަކަށް ބިނާކޮށް ޒާރާ އާއި ދާއިންގެ މެދުގައި ގުޅުމެއް ވާކަމަށް ގަބޫލުނުކުރުމަށެވެ. އެއީ ހުދު މަންހާވެސް ބޭނުންވާގޮތެވެ. ދާއިންއަކީ އެހެން މީހެއްގެ ހައްގަކަށް ވާކަށް ބޭނުމެއްނޫނެވެ.
* * * * *
"ޔަގީން މީ ޒާރާގެ ކަމެއްކަން، ގައިމު އަހަރެން މާލެ އައިދުވަހު ބޮކްސް ބެލިއިރު އެންމެ ސިޓީއެއްވެސް ނެތް، ދެން މިހާރު ކީއްވެ ހުންނަންވީ...." އޮފީސް ނިންމާލާފަ ގެއަށް އައި ދާއިންއަށް ޕޯސްޓު ފޮށިހުޅުވާލުމުން ލިބުނީ ސިހުމެކެވެ. އެތަށް ބައިވަރު ސިޓީއުރަތަކެއް އޭގައިވީތީ ފެނުމުންނެވެ. އެއީ އޭންޖެލްގެ ސިޓީތަށްކަން ޔަގީންކުރެވުނީ ސިޓީއުރަތަށް ހުރި ގޮތްފެނިފައި އަދި ޕޯސްޓު ފޮށިހުޅުވާލުމާއިއެކު ދުވި މީރު ވަހުންނެވެ. އެހުރިހާ ސިޓީއެއް ލެޕްޓޮފް ދަބަހަށް އަޅާލުމާއިއެކު ލިފްޓަށް އެރިއެވެ.
(ނުނިމޭ)