ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ މިންގަނޑުތަކަކާއި މޮޑެލް ޕޯސްޓްމޯޓަމް ރިޕޯޓް ފޯމެއް އެކުލަވާލައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އާންމުކޮށްފި އެވެ.
އެޗްއާރްސީއެމުން ބުނީ، އެ މިންގަނޑުތައް އެކުލަވާލުމުގެ މަގްސަދަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ލިބިދީފައިވާ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ޝައްކު އުފެދޭ ހާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ހޯދުމަށެވެ.
އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ހައްގާއި އެކަށީގެންވާ ބަދަލެއް ހޯދުމުގެ ހައްގުން ރައްކާތެރިކުރުމުގެ އިތުރުން އެހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުން ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ހާލަތެއްގައި ޝައްކު އުފެދޭފަދަ ގޮތަކަށްމަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިންއެއް އެކުލަވާލުމާއި ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ އާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތުދިނުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލުން ކަމަށެވެ.
ޝައްކު އުފެދޭ މަރުތަކާއި ގަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި އަދުލު އިންސާފު ހޯދުމަށް ގާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް ގައިޑްލައިން އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ، ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ
މަސައްކަތްތަކުގައި އެ ގައިޑްލައިންއަށް ރިއާޔަތްކުރެއްވުމަށާއި ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ގަވާއިދުތަކާއި އުސޫލުތައް އަވަހަކަށް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި އެ ގައިޑްލައިން އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވި ދިރިހުރުމުގެ ހައްގާއި އަދުލްއިންސާފު ލިބުމުގެ ހައްގު ރައްކާތެރިކުރުމަށް އާންމު ފަރުދުންނާއި އަމިއްލަ ޖަމިއްޔާތަކުން މި ގައިޑްލައިންއަށް ފަރިތަވާންޖެހޭ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.