ހަބަރު

"މެންބަރުން ރައްޔިތުންނާ ބައްދަލުކުރަން މަޖުބޫރު ކުރާނަން"

އަންނަ ރައްޔިތުން މަޖިލީހަށް ހޮވި ވަޑައިގަންނަވާ ކޮންމެ މެންބަރަކު ހަފުތާއަކު އެއްފަހަރު އޭނާގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވަންޖެހޭ ގޮތަށް އެކަން މަޖުބޫރުކޮށް މަޖިލީހުގެ ގަވާއިދު އެގޮތަށް ބަދަލު ކުރައްވާނެ ކަމަށާއި އެގޮތަށް އަމަލު ނުކުރާ މެންބަރުންގެ މުސާރައިން ކެނޑޭގޮތަށް ހަދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ މުހައްމަދު ނިހާދުގެ ޕްރައިމަރީ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މަޖިލިސް 19 ވެގެންދަނީ ނަޒާހާތްތެރި މަޖިލީހަކަށް ކަމަށާއި އެ މަޖިލީހުގައި ވޯޓެއް ނުވިއްކާނެ ކަމަށެވެ. އަދި މަޖިލިސް 19ގައި މެންބަރުންގެ މާލީ ބަޔާން ހާމަ ކުރާނެ ކަމަށާއި އެ މަޖިލީހުގައި މެންބަރުން ޕާޓީ ބަދަލު ނުކުރާނެ ކަމަށެވެ.

"މަޖިލިސް 19ގެ މެންބަރުން މަދުވެގެން ހަފުތާއަކު އެއްފަހަރު އެމީހުންގެ ރައްޔިތުންނާ ބައްދަލު ކުރާނެ، މަޖިލީހުގެ ހިންގާ ގަވާއިދު ބިނާވެފައި އޮންނާނީ، މަޖިލީހުގެ މެންބަރުންނަށް މިދެންނެވި މަސައްކަތް ކުރުމަށް މަޖުބޫރުވާ އުސޫލަކަށް، މަޖިލީހު މެންބަރުންގެ މުސާރަ ބިނާވެފައި އޮންނާނީ އެމީހުން ދާއިރާއަށްކުރާ ދަތުރާ ވެސް ގުޅިފަ، އެއީ މަޖިލީހުގެ މަސައްކަތަކީ، އެމަސައްކަތަށް ނުގޮސްފިނަމަ މަޖިލިސް 19 ކަނޑައެޅިގެންދާނީ މުސާރައިން ކެނޑޭބާވަތުގެ ސަލާމެއް ބުނީ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މަޖިލިސް 19 ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މަޖިލީހަކަށް ކަމަށާއި އެ މަޖިލީހުގައިި ރައްޔިތުންގެ ހާލު ގާތުން ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަޖިލިސް ބަދަލުވާނެ އެ މަޖިލިސް ތަފާތުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އަންނަ މަޖިލިސް އިންތިހާބަކީ އައްޑޫ ސިޓީގެ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަދި ސަރުކާރުގެ މިސްރާބެއް އަދި ރައްޔިތުންގެ އެދުމެއް ކަމަށެވެ. އެންމެ ބޮޑު އަމާޒަކީ ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގޭނެ އޮނިގަނޑެއް ގާއިމްކޮށް އެކުލަވާލުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލަށް ބާރުތައްދޭންޖެހޭ ކަމަށާއި އެގޮތުން ބަނދަރާއި ބިމުގެ މިލްކިއްޔާތަކާއި އާންމު ހިދުމަތްތަކުގެ ވަސީލަތްތައް ވާން ޖެހޭނީ ސިޓީ ކައުންސިލްގެ މިލްކިއްޔާތަކަށް ކަމަށެވެ. އަދި އައްޑޫ ސިޓީގެ މައި ބަނދަރާއި ލ. ގަން އެއާޕޯޓަކީ ސިޓީ ކައުންސިލްގެ މިލްކިއްޔާތަކަށް ވާންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ގަމުގެ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުގައި ވާނީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކަށް ހިއްސާ ދެވިފަ، އެމްޑީޕީ އިން އަދިވެސް ދެކޭ ގޮތުގައި ތަރައްގީގެ ވަސީލަތްތަކާއެކު އުމްރާނީ ތަރައްގީގެ އެކިއެކި މަސައްކަތްތައް ހިންގުމުގައި އަމިއްލަ ވިޔަފާރިތައް ބޭނުންކުރުމަކީ އެމަސައްކަތްތައް ހަލުވިވެ އަދި އެމަސައްކަތްތަކަކީ ވިޔަފާރީގެ ގޮތުގައި ދެކޮޅުޖެހޭ އެއް މައިގަނޑު އެއް ސަބަބަށް ވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ގަން އެއާޕޯޓަށް މިއަދަށްވުރެ މާގިނައިން ބޭރުގެ ބޯޓްފަހަރު އަންނަންޖެހޭ ކަމަށާއި މަޖިލިސް 19ގެ މަސައްކަތް ކުރަމުން ގެންދަން ޖެހޭނީ ބޭރުގެ އެއާލައިންތަކަށް ފަސޭހައިން ގަމަށް އާދެވޭނެ ގޮތްތަކަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީ ކުރުމަކީ މުޅި ރާއްޖެއަށް މުހިންމު ކަމަކަށްވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެވަނީ ހުއްޓިފައި، އެތަނުގެ މަސައްކަތްތައް ނިންމޭނޭ ދުވަހެއް އަޅުގަނޑުމެންނަށް މިއަދު މިވަނީ ކަނޑައަޅަން ދަތިވެފަ، ލަފާ ކުރެވޭ ގޮތުގައި އެމަސައްކަތަށް ކިތަންމެ އަހަރެއް ނަގާފާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލިސް 19ގައި ކުރުމަށް އަމާޒު ހިފާންވީ ކަމަކީ، އެމަޖިލިސް މެދުވެރިކޮށް ގަން އެއާޕޯޓް ތަރައްގީކޮށް ބައިނަލް އަގްވާމީ އެއާޕޯޓަކަށް ހެދުމަށް ކަމަށެވެ. އަދި އެއެއާޕޯޓަށްވެސް އެއް މިލިއަން ފަތުރުވެރިން ޖައްސާ އެއާޕޯޓަކަށް ފަހިކޮށްދިނުން އަންނަ މަޖިލީހުން މަސައްކަތް ކޮށްދޭނެ ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.