ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ކޮންގްރެސް ޕާޓީ އުފައްދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އަދުރޭ ވިދާޅުވީ، އާދަމް ޝަރީފް އެ ޕާޓީއަށް ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އާދަމް ޝަރީފް ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވާފައިވާއިރު، މިއަދު ވަނީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.
ކޮންގްރެސް ޕާޓީ އުފައްދަން އީސީން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އެދުވަހު ވަނީ އެ ޕާޓީއަށް 3000 މެންބަރުން ވެސް ހަމަކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އީސީއަށް އެ ފޯމްތައް ހުށަހަޅާފައެއް ނުވެ އެވެ.
އެންމެ ފުރަތަމަ އެ ޕާޓީ އުފައްދަން އަދުރޭ ހުށަހެޅުއްވި ފޯމް އިލެކްޝަނުން ބާތިލް ކުރީ އެވެ. އެއީ އޭރު އޭނާއަކީ ޕީޕީއެމްގެ މެންބަރަކަށްވެފައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމަށް ހުށަނޭޅޭނެތީ އެވެ. އެހެންވެ އޭނާ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.