ހަބަރު

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެއްޖެ

Jan 8, 2019
2

ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާ ހިލާލީގެއަށް ބަދަލުވެ ވަޑައިގެންފި އެވެ. ނައިބު ރައީސާއި އާއިލާ ހިލާލީގެއަށް ބަދަލުވެ ވަޑައިގަތީ އިއްޔެ ހަވީރު އިރު އޮއްސެން ދަނިކޮށެވެ. -- ހިޖުރީ ކަލަންޑަރުން އިއްޔެއަކީ ޖުމާދަލް އޫލާ މަހުގެ އެއް ވަނަ ދުވަހެވެ. ހަނދު މަހުގެ އެކެއް އިއްޔެ ދިމާވެފައި ވަނީ އުތުރު ހަޅަ ނަކަތުގެ ދެވަނަ ދުވަހަށެވެ.

ފައިސަލް އާއި އާއިލާ ހިލާލީގެއަށް ބަދަލުވެ ވަޑައިގެންނެވީ ނައިބު ރައީސް ކަމާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ. ނައިބު ރައީސް ފައިސަލްގެ އަނބިކަަނބަލަކާއި ތިން ބޭފުޅުން ތިއްބަވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން ނައިބް ރައީސުން އައެވެ. ފުރަތަމަ ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އޭނާ ދިރިއުޅުއްވީ ހިލާލީ ގޭގަ އެވެ. ފަހުން ވަޑައިގެންނެވި އަހުމަދު އަދީބު އުޅުއްވީ ރެހެންދި ފްލެޓްގަ އާއި އެނޫން ވެސް ގެކޮޅުތައް ހިއްޕަވައިގެނެވެ. ތިން ވަނަ ނައިބު އަބްދުﷲ ޖިހާދު އުޅުއްވީ ވެސް ރެހެންދީ ފްލެޓެވެ.

ހިލާލީގެއަށް ފައިސަލް ނަސީމް ބަދަލުވެ ވަޑައިގަތީ އެގެއަށް ބަދަލުތައް ގެނެސް މަރާމާތު ކުރުމަށްފަހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅަށް މި އަހަރު ހަރަދު ކުރަން ބަޖެޓްކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ. ރައީސް ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް މިއަހަރު ހަރަދު ކުރުމަށް ބަޖެޓްކޮށްފައި ވަނީ 31.5 މިލިއަން ރުފިޔާއެވެ. ރައީސް ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ކުރީ މިދިއަ ނޮވެމްބަރު މަހުގެ 30 ގައެވެ.