ކުޅިވަރު

ޓޮޓެންހަމް ހަރަދު ނުކުރާތީ ޕޮޗެޓިނޯގެ އިންޒާރެއް!

ޓޮންޓެންހަމްއިން ހަރަދު ނުކުރާނަމަ، އެންމެ މަތީ ލެވަލުގައި ވާދަ ކުރަން، އެ ޓީމަށް އުނދަގޫވާނެ ކަމަށް، ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

އޭނާ، މިސާލެއްގެ ގޮތުގައި ދެއްކީ އާސެނަލްގައި އެޓީމުގެ ކުރީގެ ކޯޗް އާސެން ވެންގާއަށް ކުރިމަތިވި ހާލަތުގެ މައްޗަށެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް އިމާރާތް ކުރުމުގެ މަސައްކަތަކާއެކު، ކުަލަބުން އަގު ބޮޑުކޮށް ކުޅުންތެރިން ގެނައުމުގެ މަސައްކަތް ހުއްޓާލި އެވެ. ޕޮޗެޓިނޯ ދެކޭ ގޮތުގައި އެ ހާލަތުގައި ވެސް އާސެނަލްއިން ގަދަ ހަތަރެއްގައި ވާދަ ކުރުމަށް، އެ ކުލަބުގެ ވެރިން އުންމީދު ކުރުމަކީ ވެސް ގޯހެކެވެ.

ޓޮޓެންހަމްގެ ސްޓޭޑިއަމް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. ޓްރާންސްފާގައި ސީނިއާ ޓީމަށް އެއްވެސް ކުޅުންތެރިޔަކު ނުގެންނަތާ މިހާރު ދެ އަހަރު ފާއިތުވެއްޖެ އެވެ. އާ ސްޓޭޑިއަމަށް ވަންނަންވާ އިރަށް ޕޮޗެޓީނޯގެ ޓާގެޓެއްގެ ގޮތުގައި އެ ކުލަބުގެ ވެރިން އޭނާއަށް ދީފައި އޮތީ ގަދަ ހަތަރެއްގެ ތެރޭގައި އޮތުމެވެ. ޓާގެޓް ހާސިލު ކުރުމަށް ދީފައިވާ މުއްދަތުގެ މާ ކުރިން ޕޮޗެޓީނޯ ވަނީ އެކަން ހާސިލު ކޮށްފަ އެވެ. ވޭތުވެދިޔަ ތިން ސިޒަންގައި ވެސް އޭނާ ވަނީ، ގަދަ ތިން ޓީމުގެ ތެރޭގައި ޓޮޓެންހަމް ބާއްވާފައި ދީފަ އެވެ.

ވެންގާވެސް ފަހަކާ ޖެހެންދެން ގަދަ ހަތަރެއްގެ ތެރޭގައި އާސެނަލް ބާއްވައި ދިނެވެ. އެހެން ނަމަވެސް މައްސަލަ ކުރިމަތީވީ ބޮޑެތި އެހެން ކުލަބުތަކުން ވަރުގަދައަށް ހަރަދު ކުރަން ފެށިއިރު އާސެނަލްއަށް ވާދަ ނުކުރެވުމުންނެވެ. ޕޮޗެޓިނޯގެ ނަޒަރުގައި އެ ހާލަތު ޓޮޓެންހަމްއަށް ވެސް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

"އާސެން ވެންގާއަށް އަހަރެންގެ ފުރިހަމަ އިހުތިރާމު އެބައޮތް، ސަބަބަކީ އާސެނަލް ކަހަލަ ޓީމެއްގައި 22 އަހަރު ވަންދެން ހުރެވޭނީ، ވަރަށް ރަނގަޅު ކޯޗަކަށް ވުމުން،" ވެންގާއަށް ތައުރީފު ކުރަމުން ޕޮޗެޓިނޯ ބުންޏެވެ. "ހަމައެކަނި މޮޅު ކޯޗަށް ވާކަށް ނޫން ޖެހޭނީ، ރަނގަޅު އިންސާނަކަށް ވެސް ވާން ޖެހޭނެ އެގޮތުގައި ދެމިހުރުމަށްޓަކައި، އެ ވެލިއު އާސެންގެ ކިބައިން ފެނުނު."

"އަހަރެން އާސެން ވެންގާއާ ވާހަކަ ދައްކާލަން ލިބޭ ދުވަހަކުން އަހާލަން ބޭން ކިހިނެއްހޭ [ޓީމުން އެކަށީގެންވާ ބަޖެޓް ނުދޭއިރުވެސް] އެގޮތުގައި ދެމެހެއްޓި، އަހަންނަކަށް ނޭންގެ އޭނާ ބުނާނެ އެއްޗެއް."

ޕޮޗެޓިނޯ ބުނީ އޭނާ އާއި ވެންގާގެ ހާލަތު އެއްގޮތްތަކެއް އެބަހުރި ކަމަށާއި ހާލަތު ބަދަލުވާނެ ވަގުތެއް ބުނެދޭން އޭނާއަށް ނޭންގޭ ކަމަށެވެ. އަދި އޭނާވެސް ޓޮޓެންހަމް ކެރިއާ ނިންމާލަން ބޭނުން ނުވާ ގޮތަކަށް ނިމިދާނެ ކަމުގެ ނުތަނަވަސްކަން ޕޮޗެޓީނޯ ފާޅު ކުރި އެވެ.