ވާހަކަ

އީޝަލް

(6 ޖެނުއަރީ 2019 އާ ގުޅޭ)

"އީ..ޝަ..ލް.." ލުއިވައިރޯޅިއެއް ފަދައިން ރައުލްގެ ދެތުންފަތުން ނުކުތް ސިއްރު ބެރެބެދިގަހުން ބޭރަށް ބަލަން ހުރި އީޝަލްގެ ކަންފަތާ ހަމައަށް ފޯރިކޮށްދީފިއެވެ. އޭނާއަށް ފޮރުވިގެން ހުންނާކަށް މިފަހަރު ރައުލްގެ ހިތެއް އެއްބަހެއްނުވިއެވެ. އިހު ހުރި ތަނުން އެއްފިޔަވަޅު ކުރިއަށް ރައުލް އަޅާލީ އެހެންވެއެވެ. އެހިނދު ގަހުގެ މަތިން ބަލަން ހުރި އީޝަލްއާ ހަތަރުކަޅި ބައްދަލުވެއްޖެއެވެ.

"އެ ހުރީ ރައުލްތަ... ނޫނީ އަހަންނަށް ފެންނަ ގޮތަކީތަ؟" ދެ ލޮލުގައި އަތްތިލަ އުނގުޅާލަމުން އީޝަލް ދެފަރާތަށް ބޯހޫރުވާލިއެވެ. ބުއްދި ގޯސްވަނީ ކަމުގައި އޭނައަށް ހީކުރެވުނީއެވެ. އެހާލުގައި އެތަނުގައި ހުރުން ރަނގަޅެއްނުވާނޭ އީޝަލްގެ ޟަމީރަށް ވިސްނުނެވެ. ފަހަރެއްގައި އެ ހިސާބުގަނޑުގައި އުޅޭ ޖިންނީންގެ ސަކަރާތަކަށް ވެދާނެއެވެ. އެކަމަކު އެފަދަ ސަމާސާތައް ކުރުން ޒިޔަޒެލް އޮންނަނީ މަނާކޮށްފައެވެ. ދެން ވެސް އީޝަލްއަށް ފެންނަ މެންޒަރާމެދު ޔަގީންކަމެއް ނުލިބުނެވެ. އެނބުރިލީ ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަން ދާށެވެ. ހިނގައިނުގަނެވިގެން އުޅެނިކޮށް އީޝަލްގެ ކަންފަތުގައި ރައުލްގެ އަޑު ޖެހިއްޖެއެވެ. އޭނާގެ ނަމުން ރައުލް ގޮވާލި އަޑެވެ. ފަހަތަށް ޖެހިލައި އީޝަލް އެނބުރި ތިރިއަށް ބަލާލީ އޭނާއަށް ރައުލް ފެނުނީ އެ ތަނުން ކަމަށްވީމައެވެ. މިފަހަރު ވެސް ކުރީން ފެނުނު ތަނުގައި ރައުލް ހުއްޓާ އީޝަލްއަށް ފެނުނެވެ.

"ދަނީތަ؟" ރައުލް ވާހަކަދެއްކިއެވެ. ހީވީ އީޝަލްގެ ނުހަނު ގާތުން އެ އަޑު އިވުނުހެންނެވެ. އެހާ ސާފުކޮށެވެ. އެކަން އައުކަމަކަށް އީޝަލްއަށް ނުވީ ލުގަލްބަންދާ ވެސް ވަނީ ހަމަ އެފަދައިން އީޝަލްއާ ވާހަކަދައްކާފައެވެ.

"ކީއްވެ އަނގައިން ނުބުނެ ތި ހުރީ، އަހަރެން މި ވާހަކަދައްކަނީ ހަމައެކަނި އީޝަލްއާ، އަހަރެން އަންނާނޭކަން އެނގިގެންތަ ނުކުމެ ތިހުރީ" އީޝަލް ބަލަހައްޓައިގެން ހުންނަން ފެށުމުން ރައުލް ވާހަކަދެއްކިއެވެ. އެއާއެކު މަޑުމަޑުން އީޝަލް ދެ ފަރާތަށް ބޯހޫރާލައިފިއެވެ. ލުއި ހިނިތުންވުމަކާއެކު ރައުލް އިސްޖަހާލައި އަތުގައި އޮތް ފަންވަތުން ހަދާފައިވާ މަލަށް ބަލާލިއެވެ. ހިތުގައިވާއެއްޗެއް ހާމަކުރަން ފަސްޖެހޭކަމުގެ އިޝާރާތެއްގެ ގޮތުން އޭނާ ތިރީތުންފަތުގައި ދަތްއަޅާލައި ދެބުމަ ކައިރިކޮށްލިއެވެ. އެހެންވިޔަސް އޭނާ އެ ހިސާބަށް އައިސް އީޝަލްއާ ބައްދަލުވުމުން ނަފްސުގެ ހިފެހެއްޓުން ވީލިގެން ހިނގައްޖެކަން ވިސްނައިދިނީ ވެސް ހިތެވެ. ހިތުގެ ސިއްރު ބޭޒާރުވެއްޖެކަމުގެ އިޙްސާސް ރައުލްއަށް ކުރެވުނެވެ. މަޑުމަޑުން ނިތްކުރިމަތިން އިސްތަށިތައް އެއްފަރާތްކޮށްލާ ރައުލް އިސްއުފުލާލިއެވެ.

"އަހަންނާ ވާހަކަދައްކާލަން ބޭރުތެރެއަށް ނުކުންނަން ކެރޭނެތަ؟" އީޝަލްއަށް ބަލަން ހުރެ ރައުލް އެއްސެވެ. ހިނިތުންވެލަން އުޅުނުހެން އީޝަލްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އޭނާ އެ ހިނިތުންވުން ފޮރުވާލީއެވެ. އަދި މަޑުމަޑުން ބޯޖަހާލީ ރައުލްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އޭނާގެ އެ އިޝާރާތާއެކު ރައުލްގެ ހިތް އަވަސްވިއެވެ. ސިއްރު ގޮތަކަށް ބެރެބެދި ގަހާއި ކައިރިއަށް އައިސް ދެ އަތް ހުޅުވާލައި އީޝަލްއަށް ބަލާލިއެވެ.

"ފުންމާލައިފިއްޔާ ހިފާނަން، ނޫނީ ނުކުންނަންދެން މަޑުކުރަންވީތަ؟" މަތިން ފެންނަން ހުރި އީޝަލްއަށް ނަޒަރު ހުއްޓާލައިގެން ހުރެ ރައުލް ވާހަކަދެއްކިއެވެ. އީޝަލް އެއްއަތް ހިއްލާލާއި އިޝާރާތުން މަޑުކުރުމަށް ބުނެފައި އެ ހުރިތަނުން އެނބުރި ހިނގައްޖެއެވެ. ބެރެބެދިގަހަށް ވަދެނުކުމެވާ މައި ދޮރާ ދިމާއަށާއި ގަހުގެ މައްޗަށް ރައުލް ބަލަމުންދިޔައެވެ. އީޝަލް ނުކުންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ކުއްލިއަކަށް އީޝަލް ފެނުނީ އިހު ފެނުނު އޮފިގަނޑު މަތީ ހުއްޓައެވެ. ރައުލްއަށް އެއްޗެކޭ ނުބުނެވެނީސް ފެނުނީ އީޝަލް ފުންމާލިތަނެވެ. ހަލުވިކަމާއި ކުޅާދާނަކަމާއެކު ރައުލް ދެއަތް އުފުލާލައި އެ ދެއަތުން އީޝަލް ހިފިއެވެ. އޭރު އެ ދެ ހިތް ވެސް ބާރަށް ތެޅެމުންދިޔައެވެ. އީޝަލްގެ ލޮލާ ލޯ އަމާޒުވި ގޮތަށް ބަސްހުއްޓި ހަރަކާތެއްކޮށްލަން ނޭނގިފައި ރައުލްއަށް ހުރެވުނެވެ.

"ދެން އަހަރެން ތިރީގައި ބަހައްޓަބަލަ" އީޝަލް ބުނެލިއެވެ.

"ތިހެން މިއަތުގެ ތެރޭގައި އޮންނާކަށް ބޭނުމެއްނޫންތަ؟" ހިނިތުންވެލި ރައުލް ބުންޏެވެ. ދެން ވެސް އޭނާގެ އަތުގެ ތެރެއިން އީޝަލް ތިރީގައި ބެހެއްޓުމުގެ ގަސްދެއް ނެތް ކަހަލައެވެ. މަޑުމަޑުން އޭނާ ހިނގައިގަތީ ބެރެބެދިގަހާ ދުރަށެވެ.
"އަންހެންކުދީންނާ ތިހެންތަ ސަމާސާކޮށް އުޅެނީ، ބޮޑުން ނިދުމުން އެ މީހުންގެ އަންހެންކުދީން ހޯދަން ދިއުމުގެ ތަޖުރިބާ ރައުލްގެ އެބަހުރިހެން ހީވޭ، ރައުލްމެންގެ ތެރެއިން ކިތައް އަންހެންކުދީން މި ދެއަތުގެ ތެރޭގައި އޮތް" އީޝަލް ބޮޑާގޮތް ދައްކާލިއެވެ. އޭނާގެ އެފަދަ ވާހަކަތަކުން ރައުލްގެ ހިތް އިތުރަށް އީޝަލްއަށް ލެނބެމުންދިޔައެވެ. މަޑުމަޑު ލުއި ހީނލުމަކުން ރައުލް ހީނލިއެވެ.

"ކިހިނެއްވީ؟ އަހަރެންނަށް މިބުނެވުނީ ރަނގަޅުވާހަކައެއް ދޯ" ރައުލްގެ މޫނުން ފާޅުވާ ކޮންމެ އަސަރަކަށް ފަރުވާތެރިކަމާއެކު ބަލަން އޮވެ އީޝަލް ބުންޏެވެ. އަޖައިބުވާފަދަ ދަމާބާރެއް އެ ދެމެދުގައި ހުރުމުން އެކަމާ އީޝަލްއަށް އަދިވެސް ވިސްނެނީއެވެ.

"ރައުލް... އަހަންނަށް މިހާރު މިފެންނަ ރައުލް ކީއްވެތަ އެހެން މީހުންގެ ކުރިމަތީގައި ނުފެންނަނީ، ސީރިއަސްވެފައި ހުންނައިރު ހީވަނީ ހިނިތުންވުމަކީ ކޮބައިގެން ދުވަހަކުވެސް އަޑު ނާހާހެން" އީޝަލް އެއްސެވެ. ރައުލް އޭނާ ގެންދަނީ ކޮންތާކަށްކަމެއް ނޭނގުނަސް ވައުގަނޑުގެ ތެރެއަށް ވަދެގެން ދާކަން އެނގެއެވެ.

"އަހަރެންނަށް މިހެން ހެދީ އީޝަލް" އީޝަލްއަށް ރައުލް ބަލާލިއެވެ. އެކަކުއަނެކަކަށް މަޢުނަވީ ހިނިތުންވުމެއް އެހިނދު ބަދަލުކޮށްލިއެވެ.

"ބިރެއްނުގަތްތަ އަހަންނާއެކު އަންނަން، ނޫނީ މީ އީޝަލް އާންމުކޮށް ކޮށްއުޅޭ ކަމަކީތަ؟" ލާނެތް ހިންޏެއް އައިސްފައި ހުރެ ރައުލް ބުންޏެވެ.

"އާން... ރައުލްއަށް އެނގިއްޖެ ދޯ... ވަގަށް ސިއްރުން ގެއިން ނުކުމެގެން ނުދަންނަ ޖިންނީންނާއެކު ތަންތަނަށް ދިއުމަކީ އަހަރެން ކުރާހިތުން ކުރާކަމެއް" މިހެންބުނެ އީޝަލް ހީނލިއެވެ. ރައުލް ބަލާލި ގޮތުން ހީވީ ނުރައްކާތެރި އިންޒާރެއް ދިންހެނެވެ. އިތުރަށް އީޝަލް ފެށީ ހޭށެވެ.

ގަސްތައް ނެތި ހާމައަށް އޮތް އުޑު އީޝަލްއަށް ފެންނަން ފެށުމުން ވަށައިގެން އޭނާ ނަޒަރު ހިންގާލިއެވެ. ރައުލް އޭނާ ގޮވައިގެން ނުކުތީ އަތިރިމައްޗަށެވެ. ދިޔަރެސް ފަށާ ހަމައަށް ރައުލް އައުމުން އޭނާ އެއުޅެނީ އީޝަލް ގޮވައިގެން މޫދަށް އެރެން ކަމުގައި އީޝަލްއަށް ވިސްނުނެވެ.

"ރައުލް... މޫދަށް އެރެނީތަ؟..." އީޝަލް އަވަސް އަވަހަށް އަހާލިއެވެ.

"އަހަރެން ގެންދާ ތަނަކަށް ދާން އެއްބަސްވެގެންނު ތި އައީ" މަޑުޖެހިލަމުން ރައުލް ބުންޏެވެ.

"ނޫން... މޫދަކަށް ނޭރޭނަން، އަހަރެން ތިރިކުރޭ" އީޝަލް ބުންޏެވެ. އޭނާގެ ހަށިގަނޑު ހިފަހައްޓާލެވިފައިވާ ރައުލްގެ ދެއަތަށް ބާރުކޮށްލައި ގާތްކޮށްލިކަމުގެ އިޙްސާސް އީޝަލްއަށް ވިއެވެ. އެއާއެކު އީޝަލް ތެޅިގަނެފައި ރައުލްގެ މޭގައި އަތްއަޅައި ކޮށްޕާލިއެވެ. ފަހަތަށް ވެއްޓެންދިޔަ ރައުލްގެ އަތުގެތެރެއިން މިނިވަންވި އީޝަލް ލޮނުގަނޑުގައި ދެފައި ޖެހުމުގެ ކުރީން މައްޗަށް އެރިއެވެ.

"އީ...ޝަ...ލް" ލޮލަށް ފެނުނު މަންޒަރުން އަޖައިބުވެފައިވާ ފަދައަކުން ރައުލް މަޑުމަޑުން ގޮވާލިއެވެ. ދެ އުޅަންބޮށިކޮޅުގެ އެހީގައި ވެލިގަނޑުން މައްޗަށް ހިއްލިލައިގެން އޮތް ރައުލްގެ ނަޒަރު ހުރީ ކުރިމަތިން ލޮނުގެ މައްޗަށް ވައިގެތެރޭގައި ހުރި އީޝަލްއަށް ހުއްޓިފައެވެ. އޭނާގެ ކޮނޑުގެ ދެފަރާތުން ފެތުރިފައި އޮތް ބޮޑު ދެ ވަރަ ލަސްލަހުން ތަޅުވާލަތަޅުވާލައި އީޝަލް ހުއްޓެވެ. އޭރު ފެހިކުލައި އެ ދެ ލޮލުގެ ވިދުން ގަދަވެ ދިއްލިފައި ހުއްޓެވެ. ރައުލްގެ ހިތުގައި ހިނގައިގަތް އޮއެވަރާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. ވެލިގަނޑު މަތިން ތެދުވެ އީޝަލްއަށް ބަލަންހުރެ މޫދަށް އޭނާ ފޭބިއެވެ. ލޮނުގަނޑުގައި ރައުލްގެ ފައިތިލަ ޖެހުމާއެކު އޭނާގެ ވަށައިގެން ރެދަންލާން ފެށިއެވެ. އިސާހިތަކު ރައުލްގެ ވަށައިގެން މޫދު ދިއްލިއްޖެއެވެ. ރައުލްގެ ހަމުގެ ކުލަ ކަޅުވެ ދިހުން އަރަން ފެށިއެވެ. އޭރު ވެސް ރައުލްގެ ނަޒަރު ހުރީ އީޝަލްއަށް ހުއްޓިފައެވެ. މޫދުގައި އުފެދިފައިވާ އޮއިވަރުގައި ރެދަންކެނޑެމުންދިޔައިރު ރައުލްގެ އެ ވިލުނޫކުލައިގެ ކަޅި ވެސް ހުރީ ދިއްލިފައެވެ. އެ އަލިކޮޅުތަކުގެ ތެރެއިން އެ ދެ ލޮލުގެ ވިދުން ގަދައެވެ.

"އާދޭ..." ރައުލް ބުނެލިއެވެ. އަދި އޭނާ ބަޑިއެއް ޖެހިގެން ލޮނިގަނޑުގެ ތެރެއަށް ފީނައިގެންފައި މައްޗަށް އެރިއެވެ. ލޮނުގަނޑު ކަފަމުން އޭނާ ދަތުރުފެށީ އީޝަލްއަށް ފެންނަ ހިސާބު މަތީގައި އޮވެގެންނެވެ. ހަލުވިވެފައި ބާރުކަމުން ފެންނަނީ ލޮނުގަނޑު ދެބައިގެ ފޮނުއަރަމުން ދާނަތެވެ. އަދި ރޮނގެއްހެން ރެދަންކެނޑޭތަނެވެ. އީޝަލް އުދުހިގަތުމާއެކު އެ ދެވަރައިގައި އެޅޭ ވައިގެ ސަބަބުން ލޮނުގަނޑުގެ ބާނިތައް އިތުރުވިއެވެ. ލޮނުގަނޑުން ހަތަރުވަރަކަށް ފޫޓު މަތީގައި އޮވެގެން އީޝަލް އައިސް ރައުލްއާ އަރާ ހަމަކުރިއެވެ. ދެ މީހުން ވެސް ތިބީ ހިނިއައިސްފައެވެ. އެކަކުއަނެކަކަށް ވުރެ ކުރިއަރަން މަސައްކަތް ކުރާ ކަހަލަ ވާދަވެރިކަމެއް އުފެދިފައިވިއެވެ.

ކުޑަހިނދުކޮޅެއްގެ ތެރޭގައި އެ މީހުންނަށް އެތައް މޭލެއް ދުރަށް އާދެވިއްޖެއެވެ. ދުނިޔެއަކީ އެ މީހުންނަށް ކުޑަތަނެކެވެ. އާދެވިފައިވަނީ ކިހާ ހިސާބަކަށްކަން އީޝަލްއަށް ނޭނގުނެއްކަމަކު ރައުލްއަށް އެނގެއެވެ. ހިންދުކަނޑުން ނުކުމެ އެނޫން ކަނޑުތައް ހުރަސްކޮށް ޔޫފްރޭތީޒް ކޯރާއި ގުޅިފައި އޮންނަ ޓައިގްރިސް ކޯރުގެ ތެރެއަށް ވަނީ ރައުލް އެހެން ގަސްދުކޮށްފައި އޮވެގެނެއްނޫނެވެ. ތުރުކީގެ ފަޅު ސަރަޙައްދުތަކުގައި ޓައިގްރިސް ކޯރާ ދިމާގައި ހުރި ފަރުބަދަތަކަށް އެރުމަށް ރައުލް ޚިޔާލު ފާޅުކުރިއެވެ. އަދި ކޯރުގެ އައްސޭރިފަށަށް އޭނާ އައެވެ. ރައުލް ދައްކާ މަގުން އީޝަލް ކުރިއަށް އައީ މަތީގައި އޮވެއެވެ. ފަރުބަދަތަކުގެ މާ މައްޗަށް އަރާކަށް ރައުލް ގަސްދެއްނުކުރިއެވެ. ތިރިތިރިކޮށް ހުރި ހޮހޮޅައެއްގެ ތެރެއަށް ރައުލް ދެމިގަތުމުން އީޝަލް ބިމަށް ފޭބިއެވެ. އަދި ރައުލް ވަން ހޮހޮޅައިގެ ތެރެއަށް އޭނާ ވެސް ވަދެއްޖެއެވެ. ކޯރުގެ އެއޮދެމޭ އަޑު އޭރު ވެސް އިވިއިވި ހުއްޓެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ދޭތެރެއަކުން ޖަނާވާރެއްގެ ގޮވާލުމުގެ އަޑު އިވިލައެވެ. ހޮހޮޅައިގެ އަނދިރިކަމުގައި ވެސް އީޝަލްއަށް ހުރިހާ ދިމާލެއް ފެނެއެވެ. ބޭރަށްވުރެ ހޮހޮޅައިގެ އެތެރެ ފިނިކަން އީޝަލްއަށް އިޙްސާސް ކުރެވުނެވެ. އެތެރެއަށް ވަދެގެން އައިއިރު ހޮހޮޅަބެދިފައި ހުރި ދިމާ ކަނެއްގައި ހާއްޔެއް ހުއްޓެވެ. އޭގައި ދެ ދޫނި ކަންބޮޑުވެ ބޯ ދީދީ އިނެވެ. އީޝަލްއާއި ރައުލްގެ ހިލަމެއްވީމައެވެ. ހާލީގައި ބިސްހުރިކަން އީޝަލްއަށް އެނގުނީ އިރުކޮޅަކު އެ ދެ ދޫނީގެ ހަރަކާތްތަކަށް ބަލަން ހުރިފަހުންނެވެ. އެ ސޮރުމެން ފިޔަތަޅުވައި ހާލީގައި ހަރަކާތްކުރަމުންދިޔަ ގޮތުން އެ މަސައްކަތްކުރަނީ ބިސްތައް ރައްކާތެރިކުރަންކަން އީޝަލް ދެނެގަތެވެ. އެ މަންޒަރުން އީޝަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ނުވިސްނާ ހުރި އީޝަލްގެ ކަނާތު އަތްތިލައިގައި ހިފައި ރައުލް ދަމާލީ އެވަގުތުއެވެ. އަރިއަޅާލި އީޝަލް ވެއްޓުނީ ރައުލްގެ އުނގަށެވެ. ތެދުވަން އީޝަލް އުޅުމުން ރައުލް އޭނާ ހިފެހެއްޓިއެވެ. ރައުލްގެ ފިނި ހަށިގަނޑުގައި އުފެދެން ފެށި ހޫނުކަން އީޝަލްއަށް އިޙްސާސްވިއެވެ. ދެ މީހުން ވެސް ބަހެއްނުބުނެ އެކަކުއަނެކަކަށް ބަލަން ތިބީއެވެ.

"އަހަރެންނަށް އީޝަލް ވަރަށް ޚާއްޞަވެއްޖެ" ރައުލް ބުންޏެވެ.

"އަހަރެންގެ ކުރިން ޚާއްޞަވީ ކުއްޖާ ކޮބާ" އީޝަލް އަހާލީ ސަމާސާ ކުރުމުގެ ނިޔަތުގައެވެ.

"އަހަރެންނާ މިހާ ގާތަށް އައުމަށް މީގެ ކުރިއަކުން އެއްވެސް އަންހެނަކަށް ފުރުޞަތެއްނުދެން، އެފަދަ ޝައުގުވެރިކަމެއް ވެސް ނުއުފެދޭ، އެކަމަކު އެކަން ބަދަލުވެއްޖެ... އަހަންނަށް މިހެން ހެދީ އީޝަލް، ތި އަންހެންކުއްޖާ ފުރަތަމަ ފެނުނު ވަގުތު ވެސް ދުރުގައި ހުންނަން އަހަރެންގެ ސިކުނޑި އިންޒާރުދިން، އީޝަލް... އަހަރެންގެ ހަޔާތުގައި އެއްވެސް އަންހެނަކު ނުވޭ، އީޝަލް ރުހޭނަމަ ތީ އަހަރެންގެ ޚާއްޞަ ފަރާތަށް ހެދުމަށް ބޭނުން، އަހަންނާމެދު އީޝަލްގެ ހިތުގައިވާ އެއްޗެއް ބުނެބަލަ" ރައުލް ބުންޏެވެ.

(ނުނިމޭ)