(7 ޖެނުއަރީ 2019 އާ ގުޅޭ)
"ޔަގީން މީ ޒާރާގެ ކަމެއްކަން، ގައިމު އަހަރެން މާލެ އައިދުވަހު ބޮކްސް ބެލިއިރު އެންމެ ސިޓީއެއްވެސް ނެތް، ދެން މިހާރު ކީއްވެ ހުންނަންވީ...." އޮފީސް ނިންމާލާފަ ގެއަށް އައި ދާއިންއަށް ޕޯސްޓު ފޮށިހުޅުވާލުމުން ލިބުނީ ސިހުމެކެވެ. އެތަށް ބައިވަރު ސިޓީއުރަތަކެއް އޭގައިވީތީ ފެނުމުންނެވެ. އެއީ އޭންޖެލްގެ ސިޓީތަށްކަން ޔަގީންކުރެވުނީ ސިޓީއުރަތަށް ހުރި ގޮތްފެނިފައި އަދި ޕޯސްޓު ފޮށިހުޅުވާލުމާއިއެކު ދުވި މީރު ވަހުންނެވެ. އެހުރިހާ ސިޓީއެއް ލެޕްޓޮފް ދަބަހަށް އަޅާލުމާއިއެކު ލިފްޓަށް އެރިއެވެ.
ޒާރާ ފެނުމާއިއެކު ދާއިންއަށް އޭނައަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެހެންނަމަވެސް ޒާރާގެ ޢަމަލުތައް ހުރިގޮތުން އޭނަ އެފަދަ ކަމެއް ކޮއްފާނެއޭ ދާއިންގެ ހިތެއް އެއްބަހެއް ނުވިއެވެ. ދެން އޭނަ ޒާރާއަށް ފާރަލާންވީބާއެވެ. ނޫނެކެވެ. އެވަރު ވާކަށް އަދި ނުވެއެވެ. އެކަމަކު އޭންޖެލް ސިޓީއަކީ ނިމުމެއް އޮތްކަމެއް ބާއެވެ. ދާއިންގެ ސިކުނޑީގައި ތަފާތު ހިޔާލުތައް އުފެދިގެން ދިޔައީ ހަމަ އެންމެ ސަބަބަކާއި ހެދިއެވެ. އޭންޖެލްގެ ނަމުގައި އޭނައަށް ލިބެމުންދިޔަ ސިޓީތަކެވެ. މިކަމުގެ ނިމުން ދާނީ ކިހިނެތްބާއޭ ދާއިންގެ ހިތަށް އެރިއެވެ.
"ކިހިނެތްވީ މާ ފާޑަކަށް މިއަދު ތިހިރީ، އަނެއްކާ ކަމަކާ ދިމާވީތަ......" ޒާރާ އެނދުމައްޗަށް ދާއިން ވައްޓާލި ލެޕްޓޮފް ދަބަސް ނަގާ ދާއިންގެ މަސައްކަތް ކުރަން އިންނަ މޭޒުމަތީ ބަހައްޓަމުން އަހާލިއެވެ.
"އުހޫ....ކަމެއް ނުވޭ.....ޕްރޮޖެކްޓުވެސް ދަނީ ހަމަ ބަރާބަރަށް، ލަވް ޔޫ...." ދާއިންގެ ގާތަށް އައި ޒާރާގެ ކޯތާފަތުގައި ދެއަތުން ހިފާލަމުން ވަރުބަލިކަމާއިއެކު ހިނިތުންވެލިއެވެ.
"ހާދަ މީރުވަސް އެބަ ދުވައޭ......ދައްކަބަލަ......." ޒާރާ ކުއްލިއަކަށް ދާއިންގެ އަތްތިލާގައި ހިފާ ވަސްގަނެލިއެވެ.
"ދުވާތަ؟ ޒާ ގެންގުޅޭ ސެންޓެއްގެ ވަހެއްނު އެދުވަނީ..." ދާއިން ސަމާލުކަން ކުޑަގޮތަކަށް ބުނެލިއެވެ. އޭރުވެސް ޒާރާ ހުރީ ދާއިންގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ.
"ނޫން.........ޒާ ނުގެންގުޅެން މިވަސް ދުވާ ސެންޓެއް، ހޫ.....ދާން އަހަންނަށް ސަޕްރައިޒެއް ދޭން ދޯ ތިއުޅެނީ، ކޮބާ އެސެންޓު ފުޅި" ޒާރާ ހިނިއައިސްފައި އަހާލިއެވެ.
"ކޮން ސެންޓުފުޅިއެއްތަ؟ މަށެއް ނުގެންނަން އެއްވެސް ސެންޓުފުޅިއެއް" ދާއިން ހައިރާންވިއެވެ. ޒާރާ ހަމަނޭގިގެން އުޅޭގޮތްބާއޭ އޭނަގެ ހިތަށް އެރިއެވެ.
"ދެން ދާން ތިހެން ނުހަދާ ދީބަލަ، ދާން ތިއައީ ސެންޓު ފުޅިއެއް ގަނެގެނެއް ނޫންތަ؟" ޒާރާގެ މޫނުމަތީގައިވި އުޖާލާކަން ފިލައިގެން ދިޔައެވެ.
"އައި މަގުމަތީގަ ގަނޑުވިއްކާ ފިހާރައަކަށް ވަދެފަމިއައީ، އެތާ ހުރި މީރުވަސް ދުވާ ގަނޑު، އޭގަ އަތްލީމަ ކަންނޭގެ އެވަސް އެދުވަނީ..........ޒާ އަނެއްކާ ސެންޓުފުޅިއެއް ބޭނުންވެފަތަ ތިހުރީ، އެހެންވެޖެއާ ތީ އެއްވެސް ކަމެއް ނޫނެއްނު، މިރޭ އަވަހަށް ތައްޔާރުވޭ ލެކިއުޓަށް ދާން" ދާއިން އަވަސް އަވަހަށް ޒާރާ ހަމަޖައްސާލުމަށް ފުރަތަމަ ފަހަރަށް ދޮގެއްހެދިއެވެ. ޒާރާއަށް ޝައްކު ކުރުމުގެ އެއްވެސް ބޭނުމެއްނެތްކަން ދާއިންއަށް ޔަގީންވީއެވެ. އެސިޓީތަކުގެ ވާހަކަ ސިއްރުކުރަން ޖެހުނީ އެކަން ޒާރާއަށް އެނގިއްޖެއްޔާ ބޮޑު މައްސަލައަކަށް ވާނެކަން ޔަގީނެވެ. އޭނަ ޒާރާއަށް ބޭވަފާތެރިވަނީއޭ ހީވާކަށްވެސް ބޭނުމެއްނޫނެވެ.
"އަސްލުތަ؟ ވާވު އައި ލަވް ޔޫ.....ލަވް ޔޫ" ޒާރާ އުފަލުން ނަށާލިއެވެ.
ސައިބޯން އިށިން ދާއިންގެ ގާތުގައި އޮފީހުގެ ވާހަކަ ޒާރާ ދައްކަން ފެށިއެވެ. އޮފީސް ހިންގުމަށް ހަމަޖެހިފައިވާ ތަނުގައި އެޕާރޓްމެންޓްސްތައް ޖެހުމުގެ މަސައްކަތްތައް ކުރިއަށް ދިޔައީ ކިހާވަރަކަށް ތޯއެވެ. ދާއިންއަށް އެހީތެރިވުމަށް ކުދިން ވައްދާނީ ކޮންއިރަކުން ތޯއެވެ.
"އަދި މި ނިމުނީނު އޮފީހުގެ އެތެރެ ތައްޔާރުކޮއް، އެކަމަކު އަހަރެން މިއަދު ފޮނުވާލިން ދެތިން ނޫހަށް ވަޒީފާއަށް ކުދިން ބޭނުންވާކަމުގެ ޑީޓެއިލްސްތައް، މިހަފްތާ ނިމެންދެން ޑިއު އިންނާނީ" ދާއިން އަތުގައި އޮތް ބަޖިޔާ ކާލަމުން ކަޅުސައިތަށި ބޯލިއެވެ.
"އޭރުންވެސް ދާން ވަރަށް ބިޒީވާނެ ދޯ" ޒާރާ ދާއިންއަށް ބަލާލަމުން ބުނެލިއެވެ.
"ފުރަތަމަ ދުވަސްކޮޅު ވަރަށް ބުރަވާނެ، މުޅިން އާކުދިންނެއްނު އަންނާނީ، އެމީހުންނަށް ތަމްރީންދީ ކަންތައްތައް ކުރިއަށް ގެންދަނީ ކިހިނެތްތޯ ބަލަންވާނެއެއްނު، ހިތަށް އަރާ އާކުދިންތަކެއް ގޮވައިގެން އަހަންނަށް މިކަން ކުރެވޭނެ ބާއޭ" ދާއިން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.
"ދާންއަށް ނުވާނެ ކަމެއް ނޯންނާނެ، ޔޫ އާރ އަ ޖީނިއަސް، ހުރިހާ އެންމެންވެސް ދާއިން އާ ގުޅޭނެ، އަހަންނަށް އެނގޭ ދާން ބޭނުންވި ކަމެއް ކޮއްފަކަން ހުއްޓާލާނީ، އެކަން އެނގޭ މިކޮމްޕެނީ މިހާރު ގޮއްސަ އޮތް ހިސާބުން" ޒާރާ ފަހުރުވެރިކަމާއިއެކު ބުނެލިއެވެ.
* * * * *
"ތިއްތޭ ބުނާނެ އެހެން، އަހަރެން މީ ޖީނިއަސްއެއް ނޫނޭ" ކޮމްޕިއުޓާރ ކުރިމަތީ ސްކައިޕް މެދުވެރިކޮށް ޝަރަފްއާއި ވާހަކަދައްކަމުން ދިޔަ މަންހާ ހެމުން ބުނެލިއެވެ.
"ނޫނޭ، ހަމައަސްލުވެސް، މަންކޮ އުޅެފިއްޔާ މުޅި އަމީނިއްޔާ ސްކޫލްއިންވެސް އެއްވަނަ ގެނެވިދާނެ، ތިއްތޭމެން މިހާރު ނުވޭ އެކައްޗަކަށްވެސް، މަންކޮ ތިއުޅެނީ މާކުރީގަ، ސޯ މިހާރު ނިންމައިފިންތަ ކެރިއަރ އަކާއިމެދު، މިބުނީ ކުރިއަށް ދާނެވަކި ރޮނގެއް ހިޔާލުކޮއްފިންތަ؟" ޝަރަފް އަހާލިއެވެ.
"ނޫން، އަދި އެކަމާ ވިސްނަން މާއަވަހެއްނު، ތިއްތޭ ކިހިނެތް ޗޫސްކުރީ" ގޮނޑި އަނބުރާލަ އަނބުރާލަ، ހެޑްސެޓުގެ ވާގަނޑާ ކުޅެމުން މަންހާ ވާހަކަދެއްކިއެވެ.
"މީ ހަމަ ތިއްތޭ ކިޔަވަން ބޭނުންވި ދާއިރާ، އަބަދުވެސް ބޭނުންވި ސޮފްޓުވެއަރ އިންޖީނިއަރ އަކަށްވާން، ދެން ހާޑްވެއަރވެސް ހަދާލީ ކޮމްޕަށް އިންޓްރަސްޓު ހުންނާތީ، ދޮންބެ އެހެރީ އިކޮނޮމިކްސް އާއި އެކައުންޓންގ ދާއިރާއިން ސްޕެޝަލައިޒްޑް ވެފަ، ދެން މަންކޮ އިންޓަރެސްޓު ހުންނަނީ ކޮންދާއިރާއަކަށް؟ މަންކޮ އަށް އެންމެ ސަމާލުކަން ދެވޭ ކަމެއްވެސް އޮންނާނެއެއްނު........" ޝަރަފް ބުނެލިއެވެ.
"ޑޭ ޑްރީމިންގ އެންމެ އިންޓަރެސްޓު ކަމާއިއެކު ކުރެވެނީ.....ހެ ހެ ހެ ހެ" މަންހާ ހެމުން ބުނެލިއެވެ. އޭނަ އެހާ ފުންކޮށް ވިސްނާކަށް ބޭނުމެއްނޫނެވެ.
"ހެލޯ.......ޔޫ ޓޫ" ކުއްލިއަކަށް މަންހާގެ ކޮޓަރި ހުޅުވާލި ޝިމާދު ބުނެލިއެވެ. އޭނަ އެއައީ މަންހާ ޝަރަފް އާއި ވާހަކަދައްކާކަން އެނގިގެނެވެ.
"ހޭ ދޮން، ވީ އަރ ހެވިން އަ ޕްރައިވެޓް ކޮންވަރޒޭޝަން، ދޯ މަންކޮ" ކޮމްޕިއުޓަރ ސްކްރީނުން ޝަރަފް ހަރަކާތްކުރާތަން ފެންނަމުންދިޔައެވެ. ޝަރަފް ދައްކަމުން ދިޔަ ވާހަކަ މަންހާއަށް އަޑުއިވުނެއްކަމަކު ޝިމާދުވެސް މަންހާއާއިއެކު ހެމުން ދިޔައީ ކޮމްޕިއުޓާރ ސްކްރީނުން ފެންނަމުން ދިޔަ ޝަރަފުގެ ހަރަކާތްތަކުންނެވެ.
މަންހާ ނިދަން އެނދަށް އެރީ ބާރަޖަހަނިކޮށެވެ. އޭރު ކޮޓަރި ތެރޭގައިވާ ފަޑުއަލީގައި މަޑުމަޑުން އިވެމުން ދިޔައީ ލަޔޮނެލް ރިޗީގެ ހެލޯ ލަވައެވެ. މަންހާ އެނދުގައި އޭނަގެ ސްޕޮންޖު ބޮބް ބާލީހުގައި ބައްދާލައިގެން އޮތްއިރު އެދެލޯވަނީ މަރާލެވިފައެވެ. ލަވަޔާ އެއްވަރަށް ސިކުނޑީގައި އެނބުރެމުން ދިޔައީ ދާއިންގެ ސޫރައެވެ. ދާއިން އާއިއެކު މަންހާ ހޭދަކުރަންބޭނުންވާ ހިޔާލީ މަންޒަރުތަކެވެ.
ގަޑީގެ ޓިކް ޓިކް އަޑާއިއެކު ވަގުތުތަށް އަރައިގެން ދެއެވެ. ހަމައެފަދައިން ދުނިޔެއިން ދުވަހެއްވެސް ނިމިދެއެވެ. މަންހާގެ ހަޔާތުންވެސް ފާއިތުވާ ދުވަހެކެވެ. އެހިތުގައި އުފެދިފައިވާ ލޯބީގެ އޮއެވަރުވެސް ދިޔައީ ގަދަވެ ރާޅުތަކުގައި ވަރުލަމުންނެވެ. ހީކުރިވަރާއި ބަލާފަ ކިޔެވުމުގެ އެންމެފަހު އަހަރުވީ ކިޔެވުމަށް އިތުރު ސަމާލުކަމެއް ދޭންޖެހުނު އަހަރަކަށެވެ. މަންހާގެ ގިނަވަގުތަށް ހުސްކޮއްލެވިފައިވަނީ ކިޔެވުމުގެ ކަންތައްތަކަށެވެ. އެހެންނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އެހިތުގެ ރާޖާ ދާއިންގެ މަތިން ހަނދާން ނައްތައެއްނުލައެވެ. އާއިލާގެ އެކަކަށްވެސް މަންހާގެ ހިތުގައި އުފެދެމުންދިޔަ އިޝްގުގެ އޮއެވަރުގެ ހިލަމެއްވެސް ވިޔަކަނުދެއެވެ. ހުރިހާ އިޙްސާސްތަކެއް ހިތުގެތެރޭ ފޮރުވައިލައި އެންމެނަށް ސިއްރުކުރިއެވެ. އެހެންނަމަވެސް މަންހާގެ ދެލޮލުން ބައެއްރޭ ރޭ ކަރުނަ އާދެއެވެ. އެރޭ ރޭ އެމޭގައިވާ ހިތަށް ކެތްނުކުރެވޭ ހިސާބަށް ހިތްދަތިވެދެއެވެ. މޭގައި އޮވެ ހިތްރޮމުންދާއިރު ދެލޮލުން ކަރުނަ ނައިސް ހުންނާނެހެއްޔެވެ.
އަހަރު ދެބައިވިއިރު މަންހާ އޭނަގެ ދިރިއުޅުމުގެ ފިޔަވަޅުތައް އަޅާނެ ގޮތްރާވާ ނިންމާލައިފިއެވެ. އެއިން ކޮންމެ ފިޔަވަޅެއްވެސް ވާނީ އޭނައާއި ދާއިންއާއި ދެމެދުވާ ދިގު ރާސްތާ ކުރުކޮއްދޭ ބައިވެރިއަކަށެވެ. މިއަހަރަކީ އަމީނިއްޔާ ސްކޫލުގައި މަންހާ ވޭތިކުރާނެ އެންމެ ފަހު އަހަރަށް ވުމާއިއެކު އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ މިނިވަންދުވަހުގެ ޕެރޭޑުގައި މަންހާބައިވެރިވިއެވެ. އެކުގައި ބޭންޑުގައި އުޅުނު ކުދިންނާއިއެކު ފޮޓޯތައް ނަގާހެދިއެވެ. ހާއްޞަކޮށް އޭނަގެ އެންމެ ގާތް ތިންއެކުވެރިންނާއިއެކު ފޮޓޯ ޝޫޓެއް ބޭއްވިއެވެ. އެކަމުގައި މަންހާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ އޭނަގެ ދޮންބެ ޝިމާދުއެވެ.
މަންހާ މިހާރު އިންތިޒާރު ކުރަމުން އެދަނީ ނޮވެމްބަރު މަހަށެވެ. އެއީ ޝަރަފްގެ ކިޔެވުން ނިންމާލާފައި މާލެ އަންނަން ހަމަޖެހިފައިވާ މަހަށް އެމަސްވީމައެވެ. ދެން މާގިނަ ދުވަހެއްނެތެވެ. ހަމަ އެންމެ ދެމަސްދުވަހެވެ. ނޭގިހުއްޓާ ދުވަސްތައް އަރައިގެން ހިނގައިދާނެއެވެ. އެހެނީ ބައެއް ދުވަސް ދުވަހަކީ އެހާވެސް ބުރަކޮށް އުޅެން ޖެހިފައިވާ ދުވަސްތަކަކަށް ވީކަމެވެ. އަނެއްކޮޅުން އޯލެވެން އިމްތިހާނު އޮތީ ބޯމަތިވެފައެވެ.
* * * * *
ކިތަންމެ ބުރަކޮށް އުޅެންޖެހުނުކަމުގައި ވިޔަސް ދާއިންގެ ދިރިއުޅުމުގެ އެއްބައިކަމުގައި އޭންޖެލްގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ ސިޓީތައް މިހާރު ވެއްޖެއެވެ. ކޮންމެ ރެއަކުވެސް އަރާމު ނިދީގެ ތެރެއަށް ގެނބިގެން ދިއުމުގެ ކުރިން އެދުވަހެއްގެ ސިޓީ ކިޔާލައެވެ. އެސިޓީތަކުގައި ލިޔެފައިވާ ލޯބީގެ ފަށުވި އިބާރާތްތަކުން ދާއިންގެ ހިތަށް ހަމަޖެހުން ގެނެސްދެން ފަށައިފިއެވެ. ގަސްތުގައި ނޫނަސް އެސިޓީތައް ފޮނުވާކުއްޖާ ސޫރަ ކުރެވޭތޯ މަސައްކަތްކުރެވެން ފަށައިފިއެވެ. ޒާރާއަށް ދުވަހަކުވެސް ކަމެއް ސިއްރުނުކުރާ ދާއިންއަށް ކަމެއް ސިއްރުކުރެވެންވެސް ފެށުނީއެވެ. ދާއިން އެސިޓީތަކާއި ގަޔާވިޔެއްކަމަކު ލޯބިވުމަކީ ދުރުކަމެއްކަމުގައި ދެކެއެވެ. ދާއިން އޭންޖެލްގެ ހަބަރު އޮޅުންފިލުވަދޭ މީހަކަށް ހަމައެކަނި ހުރީ އޭނަގެ ދޮންބެ މާކިންއެވެ. ހަގީގަތުގައި ދާއިންއަށް އެސިޓީތަކަށް ހާއްޞަކަމެއްދެވެން ފެށުނީވެސް މާކިން ދިމާކުރާވަރުންނެވެ.
މެލޭޝިޔާގައި ޗުއްޓީ ހޭދަކޮއްލުމަށްފަހު މާލެ އައީ ދާއިން އޭނަގެ މަންމައަށް ވަޢުދެއްވެފައެވެ. އެއީ މާދިގު އިންތިޒާރެއްނުކުރުވާ ދާއިންގެ ފަރާތުންވެސް އޭނަގެ މަންމައަށް މާމަ ކިޔާ ދަރިއަކު ދޭނެކަމަށެވެ. އެހެންނަމަވެސް ޒާރާ އަދި ކުއްޖަކު ބޭނުމެއްނުވެއެވެ. ކައިވެންޏަށް ދެއަހަރުފަހުން އެކަމާ ވިސްނާނަން ކަމުގައި ޒާރާ ބުނަމުންދެއެވެ. ދާއިންއަށް އެގޮތްވެސް ރަނގަޅެވެ. ކޮންމެހެން އޭނަގެ މަންމަ ހިތްހަމަޖެއްސުމަށް ޒާރާގެ މިނިވަންކަން ނާގާލާކަށް އޭނަ ނުވިސްނައެވެ. ނަމަވެސް އޭނަވެސް ދަރިއަކު ބޭނުމެވެ.
ހީކުރިވަރާއި ބަލާފަ ދާއިންގެ ކޮމްޕެނީއަށް ވެއްދި ތިންކުދިންވެސް ވަރަށް ހުށިޔާރެވެ. ދާއިންއަށް އެއްކަމެއް މާގިނަ ފަހަރަކު ކިޔާދޭކަށް ނުޖެހެއެވެ. ކޮމްޕެނީގެ ކުރިއެރުމާ ލިބެމުންދިޔަ ރީތިނަމުގެ ފަހަތުގައި އެތިންމުވައްޒަފުންގެ އަތްވެސްވެއެވެ. މިކަމާ ދާއިން ހުންނަނީ ވަރަށް ހިތްހަމަޖެހިލާފައެވެ. އޮފީހުގައި ދާއިން އާއިއެކު މަސައްކަތް ކުރަމުންދަނީ ތިންފިރިހެނުންނަށް ވިތީ އޭނައަށް އެކޮއްއުޅެން ނުހަނު ފަސޭހަވިއެވެ. އޭނަގެ ކޮމްޕެނީއަށް ރެސްޓޯރެންޓެއް ފަރުމާކޮށް އެތަނުގެ އިންޓީރިއަރ ޑިޒައިންކުރުމަށް ލިބިގެންދިއުންވީ މާކެޓުގައި ދާއިންގެ ކޮމްޕެނީގެ ނަން ގުގުމާލި ކަމަކަށެވެ. ގިނަ ފަރާތްތަކެއްގެ އެކިއެކި ފާޑުކިޔުންތަކުގެ އަމާޒު ފަތްގަނޑަކަށް އެކޮމްޕެނީވެގެން ދިޔައެވެ. ދާއިން ދެކުނީ އެއީ އޭނައަށް ލިބުނު ކުރިއެރުމެއްކަމުގައެވެ.
ޒާރާ ދާއިންގެ ގާތުގައި އެވާހަކައެއް ނުދެއްކި ކަމުގައި ވިޔަސް އެކަމާއި ދޭތެރޭ އޭނައަށް ވިސްނެއެވެ. މަގުމަތިން މީހުންގެ އަތުގައި ހިފައިގެންނާއި އުރާލައިގެން ދާ ކުޑަކުދިން ފެނުމުން އޭނަގެ ހިތަށްވެސް ނޭގޭ ފިނިކަމެއްލިބިގެންދެއެވެ. ބައެއް ފަހަރަށް އެކުދިން އުރާލާ ލޯބިކޮއްލަން ހިތަށް އަރައެވެ. އަނެއްބައި ފަހަރަށް އެހިޔާލުތަކާއި އެއިހްސާސްތަކާއި ދުރަށް ދިއުމަށް މަސައްކަތްކުރެއެވެ. ޒާރާވަނީ އެހެން މީހެއްގެ ހިޔާލާ އެކުވެރިކަމަށް ބޭނުންވެފައެވެ. އޭނަ ބޭނުން ކޮންމެ ވާހަކައެއް ދެއްކޭވަރުގެ ހުރީ ހަމައެންމެ މީހެކެވެ. އެއީ އޭނަގެ ދައްތަ ފަލަކްއެވެ. ޒާރާއަށްވުރެ ހަތަރުއަހަރު ދޮށީކަމުގައި ވިޔަސް ބޮޑުވީ ވަރަށްވެސް އެއްކޮށެވެ. ފަލަކްއަކީ ޒާރާގެ ބޮޑުދައިތަ ފަހީމާގެ ދަރިއެކެވެ. ޒާރާގެ މަންމައަކީވެސް ބައްޕައަކީވެސް އެއީއެވެ.
ޒާރާގެ މަންމަ ނިޔާވީ އޭނަވިހެއުމަށްފަހު ލޭމަނާނުކުރެވިގެން އުޅެނިކޮޅެކެވެ. އެވަގުތުން ފެށިގެން ފަހީމާ އޭނަގެ އަތުގެ ތެރެއަށް ޒާރާ ލާފައިވަނީ އޭނަގެ އަމިއްލަ ދަރިއެއްފަދައިންނެވެ. ޒާރާ އެކޭ ފަލަކްއެކޭ އެއްގޮތަކަށްވެސް ތަފާތެއް ނުކުރެއެވެ. ދެދަރިންނަށް މަތީ ތަޢުލީމު ހޯދާދިނެވެ. ފިރިމަރުވެ ހުވަފަތްވެފައިވާ ފަހީމާގެ ހެޔޮކަމާއި އޭނަގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމަށް ޒާރާ ދަރަނިވެރިވެއެވެ. އެހެނީ އެއީ ދުވަހަކުވެސް އޭނައަށް އަދާކޮއްނިންމާލެވޭނޭ އަގެއްނޫނެވެ. ޒާރާއަށް ފަހީމާއަކީ އޭނަގެ މަންމަ ނޫންކަން އެނގުނުދުވަހަކީ ފަހީމާ ފުރަތަމަ ފަހަރަށް ދެރަވެގެން އެދެލޮލުން ކަރުނަތިއްކެއް ވައްޓާލިތަން ޒާރާއަށް ފެނުނުދުވަހެވެ. އެދުވަހުން ފެށިގެން ޒާރާ އޭނަގެ ބޮޑުދައިތައަށް ވަޢުދުވެފައިވަނީ އެއީ އޭނަގެ މަންމަ ކަމުގައެވެ. އެމަގާމާއި އެނަމުން މުޅިއުމުރަށް މުހާތަބު ކުރާނެކަމުގެ ވައުދެވެ. ދުވަހަކުވެސް އެމަންމަގެ ހެޔޮކަން ހަނދާންނައްތާނުލާނެކަމެވެ.
(ނުނިމޭ)